ޤަވާއިދާ ޚިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ގެންގުޅުނު ކަމަށް، ޓްރަމްޕްގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ބޯލްޓަން އެއްބަސްވެ ވަޑައިގެންފި
އުމުރުން 77 އަހަރުގެ ބޯލްޓަން އިއުތިރާފުވެ ވަޑައިގަތީ ޤައުމީ ދިފާއީ މައުލޫމާތު ގަވާއިދާ ހިލާފަށް ލަސް ކުރުމެއް ނެތި ހަވާލު ނުކޮށް ގެންގުޅުނު ކަމުގެ އެއް ދައުވާ އަށް. މި ކުށުގެ އެންމެ ބޮޑު އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. ނަމަވެސް ޖަސްޓިސް ޑިޕާޓްމަންޓާ އެކު ވެވުނު އެއްބަސްވުމުގައި ލަފާ ދީފައި ވަނީ ޖަލު ހުކުމެއް އިއްވާ ނަމަ، އެ މުއްދަތު ފަސް އަހަރަށް ވުރެ އިތުރު ނުކުރުމަށް.


އެމެރިކާގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން. | ރޮއިޓާސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމު ފުރުއްވި ޖޯން ބޯލްޓަން، ދައުލަތުގެ ސިއްރު މައުލޫމާތު ތަކެއް ގަވާއިދާ ހިލާފަށް ގެންގުޅުއްވި ކަމަށް އިއުތިރާފުވެ ވަޑައިގެންފި އެވެ.
ހުކުރު ދުވަހު ފެޑަރަލް ޕްރޮސެކިއުޓަރުންނާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ބޯލްޓަން ކުށަށް އިއުތިރާފުވެ ވަޑައިގަތީ ޖަލު ހުކުމަކުން ސަލާމަތް ވުމުގެ ފުރުސަތު އޮތުމުންނެވެ. މޭރީލޭންޑްގެ ގްރީންބެލްޓްގައި ހުންނަ ޔޫއެސް ޑިސްޓްރިކްޓް ކޯޓުގައި ބޯލްޓަންގެ މައްޗަށް ހުކުމް ކުރުން އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
އުމުރުން 77 އަހަރުގެ ބޯލްޓަން އިއުތިރާފުވެ ވަޑައިގަތީ ޤައުމީ ދިފާއީ މައުލޫމާތު ގަވާއިދާ ހިލާފަށް ލަސް ކުރުމެއް ނެތި ހަވާލު ނުކޮށް ގެންގުޅުނު ކަމުގެ އެއް ދައުވާއަށެވެ. މި ކުށުގެ އެންމެ ބޮޑު އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. ނަމަވެސް ޖަސްޓިސް ޑިޕާޓްމަންޓާ އެކު ވެވުނު އެއްބަސްވުމުގައި ލަފާ ދީފައި ވަނީ ޖަލު ހުކުމެއް އިއްވާ ނަމަ، އެ މުއްދަތު ފަސް އަހަރަށް ވުރެ އިތުރު ނުކުރުމަށެވެ. މީގެ އިތުރުން 2.25 މިލިއަން ޑޮލަރުން ބޯލްޓަން ޖޫރިމަނާ ކުރުމަށް ވެސް ވަނީ އެއްބަސްވެފައި އެވެ. ފަނޑިޔާރު ތިއޯޑޯ ޗުއާންގް މިއަށް ވުރެ ބޮޑު އަދަބެއް ކަނޑައަޅުއްވައިފި ނަމަ، އިއުތިރާފު އަނބުރާ ގެންދިއުމުގެ އިހުތިޔާރު ބޯލްޓަން އަށް ލިބިގެންވެ އެވެ.
މި އެއްބަސްވުމުގެ ދަށުން ބޯލްޓަން ވަނީ އޭނާ އަށް ސަރުކާރުގެ ވަޒީފާ އިން ލިބޭ ރިޓަޔާމަންޓް ފައިސާ ދޫކޮށްލުމަށާއި، 100 ގަޑިއިރުގެ އިޖުތިމާއީ ހިދުމަތް ކުރުމަށް އެއްބަސްވެ ވަޑައިގެންފައި އެވެ. އަދި ފެޑަރަލް އިންޓެލިޖެންސް އޮފިޝަލުންނަށް މައުލޫމާތު ދިނުމުގެ ސެޝަން ތަކެއްގައި ބައިވެރިވުމަށް ވެސް ވަނީ ޝަރުތު ކޮށްފައި އެވެ. ކޯޓުގައި ޕްރޮސެކިއުޓަރުން އޭނާގެ ކުށުގެ ތަފްސީލު އިއްވުމުން، އެއީ ތެދު ހަގީގަތް ކަމަށް ބޯލްޓަން ވަނީ އެއްބަސްވެ ވަޑައިގެންފައި އެވެ. ބޯލްޓަންގެ ވަކީލު އެބީ ލޮވެލް ވިދާޅުވީ، ބޯލްޓަން ކުށަށް އިއުތިރާފުވީ އޭނާގެ އަތުންވީ ގޯހެއްގެ ޒިންމާ ނެގުމުގެ ގޮތުން ކަމަށެވެ.
މޭރީލޭންޑްގެ ޔޫއެސް އެޓާނީ ކެލީ އޯ ހޭއިސް ވިދާޅުވީ، ސިއްރު މައުލޫމާތު ގެންގުޅެން ޖެހޭ ރައްކާތެރި އުސޫލުތައް ބޯލްޓަން އަށް ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާނެ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ތަކަށް އިހުމާލުވުމުގެ ސަބަބުން ގައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ބޯލްޓަންގެ މައްޗަށް މިދިޔަ އޮކްޓޫބަރު މަހު 18 ދައުވާއެއް އުފުލުނީ، އޭނާގެ ހަޔާތުގެ މައްޗަށް ލިޔުއްވި ފޮތަކަށް މައުލޫމާތު އެއްކުރެއްވުމުގެ ތެރޭގައި، ދައުލަތުގެ ސިއްރު ނޯޓު ތަކެއް އޭނާގެ އާއިލާގެ މެންބަރުންނާ ހިއްސާ ކުރެއްވި މައްސަލައިގައި އެވެ.
މި މައްސަލައިގެ ތަހުގީގު ފެށުނީ 2025 ވަނަ އަހަރު ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންނެވެ. މިދިޔަ އޮގަސްޓް މަހު އެފްބީއައި އިން ވަނީ ބޯލްޓަންގެ ގެއާއި، އޮފީސް ބަލައި ފާސް ކޮށްފައި އެވެ. ކޯޓު ލިޔެކިޔުން ތަކުން އެނގޭ ގޮތުގައި ބޯލްޓަން ވަނީ 1،000 އަށްވުރެ ގިނަ ސަފުހާގެ ސިއްރު މައުލޫމާތު އޭނާގެ އަންހެނުންނާއި، ދަރިފުޅަށް އީމެއިލް މެދުވެރިކޮށް ފޮނުއްވާފައި އެވެ. އަދި ބޯލްޓަންގެ އަމިއްލަ އީމެއިލް އެކައުންޓް އީރާންއާ ގުޅުންހުރި ހެކަރުން ތަކެއް ހެކްކޮށް، އޭގައި ހުރި ސިއްރު މައުލޫމާތު ތަކެއް ހޯދާފައިވާކަން ވެސް ތަހުގީގަށް ވަނީ ހާމަވެފައި އެވެ.
ޓްރަމްޕްގެ ފުރަތަމަ ސަރުކާރުގައި އެއް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު 2019 ވަނަ އަހަރު ވަކިކުރި ބޯލްޓަން އަކީ، ފަހުން ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ބޭފުޅެކެވެ. ބޯލްޓަން ކުށަށް އިއުތިރާފުވުމާ ގުޅިގެން ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި އޭނާ އަށް މަލާމާތްކޮށް، ބޯލްޓަން އަކީ "ނުބައި މީހެއް" ކަމަށް ސިފަ ކުރައްވާފައި އެވެ. އަދި އޭނާ އަށް ހަރުކަށި އަދަބެއް ދިނުމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. މީގެ ކުރިން ބޯލްޓަން ލިޔުއްވި ފޮތް ނެރުން ހުއްޓުވުމަށް ވެސް ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކޮށްފައިވެ އެވެ.
މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް





