ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ
މ. ނާލާފުށީގެ ފެނަކަ ބްރާންޗުގެ އޮޕަރޭޝަންތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމާ ގުޅިގެން، އެ ކުންފުނީގެ ސްކްރީނިންއިން ފާސްނުވި ކަމަށް ބުނެ 19 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފަ. މި ނިންމުމަކީ ސިޔާސީ ނިންމުމެއް ކަމަށް ތުހުމަތުކޮށް މުވައްޒަފުން އިހުތިޖާޖު ކުރަމުންދާއިރު، މިއީ ސަރުކާރަށް ތާއީދު ނުކުރާ ފަރާތްތައް ވަކިކުރުމުގެ ސިޔާސަތެއްގެ ދަށުން ހިންގި އަމަލެއް ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ބުނެފަ. މިކަމުގެ ސަބަބުން ރަށުގެ މަސްލަހަތު ގެއްލި، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ.


މ. ނާލާފުށި ފެނަކަ އޮފީސް | ފެނަކަ
މ. ނާލާފުށީގެ ފެނަކަ ބްރާންޗްގައި މަސައްކަތްކުރާ 19 މުވައްޒަފަކު ކުއްލިގޮތަކަށް ވަޒީފާ އިން ވަކިކޮށްފައިވާކަން ހާމަވެއްޖެ އެވެ.
ރާއްޖެއެމްވީ އަށް ވަނީ ވަކި ކުރި މުވައްޒަފުންގެ ޗިޓްތައް ލިބިފަ އެވެ. މި މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން ފެނަކަ އިން ފޮނުވާފައިވަނީ 21 ޖޫން 2026 ވީ އާދީއްތަ ދުވަހު އެވެ.
އެ ލިޔުމުގައި ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ދަށުން ހިންގަމުންދިޔަ މ އަތޮޅުގެ ރަށްތަކުގެ އޮޕަރޭޝަން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ސްޓެލްކޯ އަށް މުވައްޒަފުން ނެގުމަށް އެ ކުންފުނިން ކުރިޔަށް ގެންދިޔަ ސްކްރީނިން ޕްރޮސެސްއިން ހޮވިފައިވާ މުވައްޒަފުންގެ ތެރޭގައި އެ މުވައްޒަފުހން ހިމެނިފައި ނުވާކަމަގަ އެވެ އެހެން ފެނަކަ ކޯޕަރޭޝަންގެ ރިޑެންޑެންސީ ޕޮލިސީގެ ދަށުން 3 މަސް ދުވަހުގެ ނޯޓިސްއަށް ވާ ވަރަށް ފައިސާ ދިނުމަށްފަހު 22 ޖޫން އިން ފެށިގެން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ލިޔުމުގައި ބުނެފައިވެ އެވެ.

ކުއްލިގޮތަށް ވަޒީފާއިން ވަކިކުރުމުން އޭގެތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ނާލާފުށީ ފެނަކަ އޮފީސް ސަރަހައްދުގައި އިހުތިޖާޖުކޮށްފަ އެވެ. ވަޒީފާއިން ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި ފެނަކައިގައި މަސައްކަތްކުރި ވަކި ބަޔަކަށް ސްޓެލްކޯ އިން ވަޒީފާ ހަމަޖައްސައިދިން އިރު ކުއްލިގޮތަކަށް މިހާ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރީ ސިޔާސީ ގޮތުން ކަމަށެވެ. އެގޮތުން ވަކިކޮށްފައިވާ ހުރިހާ މުވައްޒަފުންނަކީ ވެސް އެމްޑީޕީ ސަރުކާރުގައި ފެނަކަ އާ ގުޅުނު ފަރާތްތައްކަން ފާހަގަކުރެވެ އެވެ.
މުވައްޒަފުންގެ ސުވާލުތަކަށް ޖަވާބުދެމުން ނާލާފުށީ ސްޓެލްކޯގެ މެނޭޖަރ މުހައްމަދު ނަސީމް ވިދާޅުވީ، ބައެއް މުވައްޒަފުން ސްޓެލްކޯ އަށް ބަދަލުކޮށް، ދެން ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރީ ހެޑް އޮފީހުން އަންގައިގެން ކަމަށެވެ. އެއީ އެއްވެސް ވަރަކަށް މަޝްވަރާކުރެވިގެން ކުރެވުނު ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިހުތިޖާޖުކުރި މުވައްޒަފުންނާ ވާހަކަދައްކަމުން ރައީސް މުއިއްޒު ނާލާފުށީ ހެލްތު ސެންޓަރަށް ކަޑައަޅުއްވާފައިވާ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އިބްރާހިމް މުއާޒް ބުނީ، ކުރީ ސަރުކާރުތަކުން ވެސް ސަރުކާރުގެ އެސްއޯއީ ތަކަށް ވަޒީފާއަށް މީހުން ކެނޑުމާ ވެއްދުމުގައި ބަލަނީ ސަރުކާރަށް ތާއީދުކުރާ މިންވަރަށް ކަމުގައެވެ. އެގޮތުން މި ސަރުކާރުގެ ޕޮލިސީ އަކީ ވެސް ސަރުކާރަށް ތާއީދުކުރާ މީހުންނަށް ވަޒީފާ ދިނުމާ ސަރުކާރަށް ތާއީދު ނުކުރާ ފަރާތްތައް ވަޒީފާ އިން ވަކިކުރުން ކަމުގަ އެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑީއާގައި ފާޑުކިޔާ ފަރާތްތަކުން ބުނީ، މިއީ ވަކި އާއިލާތަކެއް މަގުމަތިކޮށްލުމަށް ސަރުކާރުން ހިންގި ނާތަހުޒީބީ އަމަލެއް ކަމަށާއި، މިކަމުގެ ސަބަބުން ރަށުތެރޭގައި ވެސް މަސްލަހަތު ގެއްލިފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ރާއްޖެ މި ގެންދަނީ އިންގިލާބުގެ ތުންފަތް މައްޗަށް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ނާލާފުށީ ފެނަކަ ބްރާންޗުގައި މަސައްކަތްކުރަމުންދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރިއިރު، އިންތިޚާބުތަކާ ދިމާކޮށް މި ސަރުކާރުން ވަނީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބޭނުން ނުވާ މިންވަރަށް މުވައްޒަފުން ނަގާފަ އެވެ. އެކަމުގެ ގެއްލުން އިންތިހާއަށް ބޮޑުވެ، މުވައްޒަފުން މަދުކުރުމަށް މަޖުބޫރުވުމާއެކު އެކި ރަށްތަކުގެ ފެނަކަ ބްރާންޗުތަކުން މުވައްޒަފުން ދަނީ ވަކިކުރަމުންނެވެ.







