8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ
އެމްޑީ އަފީފު ވިދާޅުވީ ފެނަކައިގެ ޕޭރޯލްގައި 8000 އެއްހާ މުވައްޒަފުން ތިބިއިރު، އެ މީހުންގެ މުސާރައަށް މަހަކު 90 މިލިއަން ރުފިޔާ ހޭދަވާތީ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މުވައްޒަފުން މަދުކުރަން ޖެހޭ ކަމަށް. ކުންފުނީގައި މަސައްކަތެއް ނެތް ގިނަ އަދަދެއްގެ މުވައްޒަފުން ތިބިކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ކުންފުނި "ރައިޓް ސައިޒް" ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިވާ ކަމަށް. މި ބަދަލުތަކާ ގުޅިގެން ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި.


ފެނަކަ ކޯޕްރޭޝަން ލިމިޓެޑްގެ ހެޑް އޮފީހުގެ ބައްދަލުވުމެއްގައި، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން ވާހަކަ ދައްކަވަނީ. | ފެނަކަ
ފެނަކަ ކޯޕްރޭޝަން ލިމިޓެޑް (ފެނަކަ) ގައި ޕޭރޯލްގައި ގާތްގަނޑަކަށް 8000 މުވައްޒަފުން އެބަތިބި ކަމަށާއި، ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާތީ އެއީ ނެގޭނެ ބުރައެއް ނޫން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އަފީފު ވިދާޅުވީ، ފެނަކައިގައި މުވައްޒަފުންގެ އަދަދު ވަރަށް ގިނަ ކަމަށާއި، ޕޭ ރޯލްގައި ގާތްގަނޑަކަށް 8000 މުވައްޒަފުން އެބަތިބި ކަމަށެވެ. މި މުވައްޒަފުންނަށް ޚިދުމަތް ދިނުމަށް ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ކޮންމެ މަހަކު ކުންފުނިން ހަރަދު ކުރަން ޖެހޭ ކަމަށާއި، މިއީ ކުންފުންޏަށް އުފުލޭނެ ބުރައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓާއި ފެނުގެ ޚިދުމަތުން ކުންފުންޏަށް މަހަކު ލިބޭ އާމްދަނީ އަށްވުރެ މާ ބޮޑު އަދަދެއް ކަމަށް އަފީފު ވިދާޅުވި އެވެ.
މުވައްޒަފުންނަށް އިޝާރާތް ކުރައްވައި އަފީފު ވިދާޅުވީ މީގެ ތެރޭގައި މަސައްކަތެއް ނެތް މުވައްޒަފުންނާއި، ކާޑު ޖެހުމެއް ނެތި ވެސް ކުންފުނީގައި ހަރަކާތްތެރިވާ މުވައްޒަފުން އެބަތިބި ކަމަށެވެ. މިފަދަ މުވައްޒަފުން ފެނަކަ ހެޑް އޮފީހުގައި އަދި ރަށްރަށުގެ ފެނަކަ ބްރާންޗުތަކުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވީމާ، އަޅުގަނޑުމެންނަށް މި ޖެހެނީ މުވައްޒަފުންނަށް މުސާރަ ދިނުމާއި، މުވައްޒަފުންނަށް ބޭނުންވާ އެހެނިހެން ޚަރަދުތައް ކުރުމާށާއި، އަދި އޭގެ އިތުރުން، އިންޖީންތައް ހިންގުމަށް ބޭނުންވާ ތެލާއި، ސްޕެއަރޕޯޓްސް ހޯދުމަށާއި، އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ބޭނުންވާ ފައިސާ މެނޭޖްކުރުމުގެ ވަރަށް ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަކުރެވިގެންދިޔައީ. ދެން އަޅުގަނޑަށް ފާހަގަކުރެވުނީ، އެކަންކަން އިސްލާހުކުރުން އެއީ، ކޮންމެހެން ކުރަންޖެހޭ ކަމެއްކަން. މި ވަގުތު އެކަން އިސްލާހުނުކޮށް އަޅުގަނޑު ކުރިއަށް ނުގެންދެވޭނެ ކަމެއް. ދެން ބައެއް އަތޮޅުތަކުގެ ބްރާންޗްތަކުގައިވެސް އަދި މާލެ ހެޑް އޮފީހުގައި ފާހަގަކުރެވުނު ކޮންމެ ދުވަހަކު ކުރާނެ މަސައްކަތެއް ނެތި ބައެއް މުވައްޒަފުން ހަރަކާތްތެރިވަމުންދާކަން ވެސް. އަދި ބައެއް ބްރާންޗުތަކުން އަޅުގަނޑަށް ފާހަގަކުރެވުނު މާލޭ އޮފީހަކު ނޫން.ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން
ބައެއް މަޝްރޫއުތަކަށް މުވައްޒަފުން ނަގާފައިވާކަން ފާހަގަކުރައްވައި އަފީފު ވިދާޅުވީ އެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ނެތުމުންނާއި، ނުވަތަ އެނޫން ވެސް ސަބަބަކާ ހުރެ މަޝްރޫއުތައް ކުރިއަށް ނުދިޔަ ނަމަވެސް ގިނަ ބަޔަކު އެވަޒީފާތަކުގައި އެބަތިބި ކަމަށެވެ. ނަމަވެސް ދެ އަހަރު ނުވަތަ 3 އަހަރު މަސައްކަތެއް ނެތި އެ މުވައްޒަފުންނަށް މުސާރަ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފީފު ވިދާޅުވީ މިފަދަ ގިނަ ސަބަބުތަކާ ހެދި ކުންފުނި ހިންގަމުންދަނީ ބޮޑު ގެއްލުމަކާއެކު ކަމަށާއި، ކުންފުނި ސަލާމަތް ކުރަން ޖެހޭ ކަމަށެވ. އެހެންކަމުން ފެނަކަ ރަދަނާކޮށް ކުރިއެރުވުމަށްޓަކައި މުވައްޒަފުން މަދު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ ކުރީގައި ޕްރޮޖެކްޓްތަކަށް ނެގިފައި ތިބޭ މުވައްޒަފުން އެ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާތަކެތި ފޯރުކޮށް ނުދެވިގެން ނުވަތަ ކޮންމެހެން ސަބަބަކާ ހެދި ޕްރޮޖެކްޓް މަސައްކަތް ނުކުރެވިދާ ދުވަސްތަކުގައި ވެސް ހަމަ ގާތްގަނޑަކަށް އަހަރު ދޭ އަހަރު ތިން އަހަރު ވެގެންދާއިރު ވެސް އެ މުވައްޒަފުން ހަމަ އެގޮތުގައި ތިބި ކުރާނެ މަސައްކަތެއް ނެތިފައި. ދެން އެއީކީ އަޅުގަނޑުމެން ޓެކްނިކަލް ބައިގައި ޑިއުޓީ ކުރުމަށް ވެސް ބޭނުން ކުރެވޭ ބައެއް ނޫން. ބައެއް ތަންތަނުގައި. އަނެއްބައި ތަންތަނުގައި ސެކިއުރިޓީ ބައިގައި ވެސް ބޭނުން ކުރެވޭ ބައެއް ނޫން. އެހެންވީމާ، އެ ފަންނީ ތަޖުރިބާ ވެސް އެގޮތުން ނެގުނު ބައެއް މުވައްޒަފުންގެ ކިބައިން ނެތީމާ ވަރަށް ދަތި އުނދަގޫވެއްތަކެއް ދިމާވެފައި ހުރީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޕޭރޯލް ތެރޭގައި އެ މުވައްޒަފުން އެބަ ހަރަކާތްތެރިވޭ. އެހެންވީމާ، އަޅުގަނޑުމެން މަޖުބޫރުވޭ އެބަ ކުންފުނި ރައިޓް ސައިޒްކޮށްފައި، ކުންފުނި ކޮންމެ ބްރާންޗެއްގައި އަދި ހެޑް އޮފީހުގައި ވެސް ކޮންމެ ޑިވިޝަނެއްގައި، ޑިޕާޓްމަންޓެއްގެ ސެކްޝަންގެ ޔުނިޓެއްގައި މުވައްޒަފުން މަސައްކަތް ކުރާނީ ކޮން އަދަދެއްކަން ދެނެގަންނަން. އެހެންވީމަ އެ މަސައްކަތް މިހާރު މިކުރަނީ.ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން
ފެނަކައިގެ އެމްޑީ އަފީފު މިމޭރުމުން ވާހަކަ ދެއްކެވިއިރު، ފެނަކަ މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު މިމަހުގެ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހަށް ވަނީ ހުޅުވާފަ އެވެ.
މިއީ މުވައްޒަފުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމަކަށްވާއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މިސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދަކަށް މުވައްޒަފުން ނަގާ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ.
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ދިމާކޮށް ރަށްރަށުގައި ފެނަކައިން އެތައް ސަތޭކަ ވަޒީފާ އެއް އުފެއްދި އެވެ. އެ ވަޒީފާތައް ދީފައިވަނީ ސަރުކާރަށް މެޖޯރިޓީ ހޯދުމުގެ ގޮތުންކަމަށް ބުނެ އެވެ. ނަމަވެސް އިންތިޚާބުތަކުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާއެކު ގިނަ ފަރާތަކެއް ވަޒީފާ އިން ވަކިކުރާކަމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.
މީގެ އިތުރުން ފެނަކައިގެ މެނޭޖްމަންޓުތަކުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، މީގެ ސަބަބުން އެ ކުންފުނިން ފޯރުކޮށްދޭ ޚީދުމަތަށް ވެސް ބުރޫއަރާކަމަށް ގިނަ ރައްޔިތުން ފާހަގަކުރެ އެވެ. މުވައްޒަފުންގެ އަދަދު އިތުރުވުމާއި ކޮރަޕްޝަނުގެ ސަބަބުން ފެނަކަ ކޯޕަރޭޝަން ދަރަނިވެރިވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.





