Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އީދު ފާހަގަކުރުމަށް މާލެ ސަރަހައްދުގައި ދައުލަތުގެ ކުންފުނިތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ބޮޑެތި އިސްރާފުތަކެއް ކުރަމުންދާކަމުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. ޚާއްޞަކޮށް ގެއްލުމުގައި ހިންގާ ކުންފުނިތަކުން ބޮޑެތި ޚަރަދުތައް ކުރާއިރު، މިއީ ސިޔާސީ މަންފާއަށްޓަކައި ގައުމުގެ މާލީ ހާލަތު އޮޅުވާލުމަށް ހިންގާ އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ. އެހެންކަމުން، ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާކަން މި ހަރަކާތްތަކުން ހާމަވާކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 27 މެއި 2026 | ބުދަ 14:26
އީދު މާލި

އީދު މާލި | އޭއައި

މި ސަރުކާރުގެ ޚަރަދުކުޑަކުރުމަށް ނިންމި ނިންމުން، ވަރަށް "ސްޓްރިކްޓްލީ" ތަންފީޒު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވަރަށް އަޑުހަރު ކޮށް ވިދާޅުވެފަ އެވެ. އެއް ފަހަރެއް، ދެފަހަރެއް ނޫނެވެ. އެތައް ފަހަރެއްގެ މަތިން ރައީސް އެހެން ވިދާޅުވި އެވެ. މިހާރުވެސް ދަނީ ޚަރަދު ކުޑަކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ވިދާޅުވަމުންނެވެ. 

އަޖައިބުވާ ކަމަކީ އެ ޚަރަދު ކުޑަކުރައްވައިގެން ވާ ފައިދާ އެއް ރައްޔިތުންނަށް ނުފެނުމެވެ. ސަރުކާރުގެ ޚަރަދުތައް ކުރާ ގޮތުގެ ތަފްސީލެއް ނޭނގެ އެވެ. ގައުމަށް ހެޔޮ ބަދަލެއް ނާދެ އެވެ. އެބުނާ ފިޔަވަޅުތަކާއެކު މީހުން މަދުކުރާ ކަމަށް ވެސް އަޑު އިވެއެވެ. ނަމަވެސް ވަރުވަރުން މީހުންނަށް ބޮޑެތި މަގާމުތައް ދޭ މަންޒަރު ފެންނައިރު، ޕީއެންސީގެ ފަރާތުން ވާދަކޮށް އިންތިޚާބުތަކުން ނާކާމިޔާބުވާ ފަރާތްތަކަށް ވެސް ދަނީ ބޮޑެތި މަގާމުތައް ދެމުންނެވެ. 

ތަކެތީގެ އަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދާއިރު ސަރުކާރުން ވަނީ ޚަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފައި ކަމަށް ބުނާ ބުނުމާ ކުރަމުންދާ އަމަލުތަކާ ދިމާނުވާކަން ހަމައެކަނި މި އީދަށް ބަލާލިއަސް ފެނިގެން ދެ އެވެ.  އަޟްޙާ ޢީދުގެ ބަރަކާތްތެރި މުނާސަބަތަކީ މުޅި އިސްލާމީ އުންމަތަށާއި، ވަކިން ޚާއްޞަކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް އުފާވެރިކަމާއި، ހިތްހަމަޖެހުން އަދި އެކުވެރިކަން ގެނެސްދޭ ދުވަސްތަކެކެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ރައްޔިތުން އެއްވެ، ޢާއިލާތަކާއެކު އުފާވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދުގެ ސަގާފީ އަދި ޒަމާނީ އެކި ކުޅިވަރުތަކުގައި ބައިވެރިވުމަކީ ކޮންމެ މީހަކަށްމެ ލިބެންޖެހޭނެ ހައްގެކެވެ.

މިފަދަ ބޮޑެތި މުނާސަބަތުތަކުގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިނިތުންވުމާއެކު އުފާފާޅުކުރުމަކީ މުޖުތަމަޢުގެ ބަދަހިކަމަށް ކޮންމެހެން ބޭނުންތެރި ކަމަކަށް ވާތީ، ޢީދު ފާހަގަކުރުމަށް ހިންގޭ ހަރަކާތްތަކާއި ރައްޔިތުންގެ އުފާވެރިކަމާ މެދު އެއްވެސް މައްސަލައެއް ނެތެވެ. މައްސަލައަކީ މި ސަރުކާރުން ދައްކާ ވާހަކައާ އަމަލާ ދިމާ ނުވުމެވެ.  ރާއްޖޭގެ ތިން ރަށެއްގައި އެކަނި ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރަން ނިންމައި، ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި ދަނޑިވަޅުގައި ވެސް ސަރުކާރުން ބާރުއެޅީ ޚަރަދު ކުޑަކުރުމަށެވެ. އެކަމަކު ގްރޭޓާ މާލެ ސަރަހައްދުގައި ހިންގާ ބޭކާރު ބޮޑެތި ޚަރަދުތަކުން ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާކަން ސާފުވެ އެވެ.

މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ގްރޭޓާ މާލެ ސަރަހައްދުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން، ފުލުހުންނާއި ސަރުކާރުގެ ބޮޑު 10 އެސްއޯއީ ބައިވެރިވެގެން ބާއްވާ "ޢީދު ހަވީރު 1447" ގެ ހަރަކާތްތަކެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ތިން ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތްތަކަށް ބޮޑެތި ބަޖެޓުތައް ހުސްކުރަމުންދާއިރު، މިއީ މިފަދަ އިޤްތިޞާދީ ދަތި ދަނޑިވަޅެއްގައި ކޮން ފަދަ ބޮޑު އިސްރާފެއްތޯ ސުވާލު އުފެދެ އެވެ. ޚަރަދު ކުޑަކުރާ ކަމަށް ބުނެ ރައްޔިތުން މޮޔަހެއްދަމުން، ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ވަސީލަތްތައް މިފަދަ ކަންކަމަށް އޮއްސާލުމަކީ ހަގީގަތް ފޮރުވަން ކުރާ ކަމެކެވެ.

ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިޔުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެމްޓީސީސީއާއި، އެމްއޭސީއެލްއާއި، މިފްކޯއާއި، އާރުޑީސީއާއި، އެޗްޑީސީ އަދި އެފްޑީސީ ހިމެނެ އެވެ. މިއީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ދަރަނިތަކުން ސަލާމަތްވުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކުންފުނިތަކެކެވެ. މީގެން ގިނަ ކުންފުނި ތަކަކީ ގެއްލުމުގައި ހިންގާ ކުންފުނިތައް ކަން ވެސް ފާހަގަ ކުރެވެ އެވެ.

މާލޭގެ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގައި ވޯޓަރ ފައުންޓެއިންތަކާއި ފޯމް ބާތު ޕޫލްތައް ހަދައި، ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ހިޔާ ޕާކުގައި ވޯޓަރ ސްލައިޑްތަކާއި ރެޕަލިންގް ފަދަ ކަންކަން ކުރަން ކުންފުނިތަކުގެ ފައިސާ ބޭނުންކުރުމަކީ އެއްވެސް ހަމައެއް އޮތް ކަމެއް ނޫނެވެ. އަދި ވިލިމާލޭގެ ފުޓްބޯޅަ ދަނޑުގައި ހަތަރު ދުވަސް ވަންދެން ބާއްވާ ހަރަކާތްތަކަށް ހިނގާނެ ޚަރަދުތަކަކީ ކުންފުނިތަކުގެ މާލީ ހާލަތަށް ބަލާއިރު ބޮޑު ބުރައެކެވެ.

މީގެ އިތުރުން، ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގެ އުޅަނދުތައް ދައްކާލައިގެން އީދު ހަވީރުތައް ފޯރިގައްދަން އުޅުމަކީ އަސްކަރިއްޔާގެ ހައިބަތާއި މަގްސަދާ ވެސް ނުބައްދަލު ކަމެކެވެ. ގައުމީ ފެންވަރުގައި ޢީދު ފާހަގަކުރަން ރަށްރަށުން އެދުނީމާ، ޚަރަދު ކުޑަކުރުމުގެ ބަހަނާ ދައްކައި އެންމެ ތިން ރަށް ހޮވައި، މާލެ ސަރަހައްދުގައި މިހާ ބޮޑު އިސްރާފެއް ކުރުމުން ސަރުކާރުގެ ނިޔަތް ސާފުވެ އެވެ. މިއީ މާލެ ސަރަހައްދުގެ ސިޔާސީ މަންފާއަށްޓަކައި، ގައުމުގެ މާލީ ހާލަތާ މެދު ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތައް ފޮރުވަން ސަރުކާރުން ރާވައިގެން ހިންގާ ހީލަތްތެރި އަމަލެކެވެ.

ގަބޫލުކުރަމެވެ. އީދު ފާހަގަ ކުރަންޖެހެ އެވެ. މިކަން ކުރުމަށްޓަކައި އެންމެނަށް ހަމަހަމަ ފުރުސަތު ވެސް ދޭން ޖެހެ އެވެ. ނަމަވެސް، ސަރުކާރުން އިޤްތިޞާދީ އިސްލާޙީ ފިޔަވަޅުތަކުގެ ނަމުގައި މޮޅެތި ވާހަކަ ދައްކާއިރު މިފަދަ ހަގީގަތްތަކީ ވެސް ވިސްނާލުން މުހިއްމު ކަންކަމެެވެ.  މި ސަރުކާރުން ކޮންމެ ކަމެއް މި ކުރަނީ އޭގެއި ކޮންމެވެސް ގޮތަކުން ދޮގުތަކެއް ހިމަނައިގެންނެވެ. އީދެއް އަޔަސް، އެހެން ދުވަހެއް އަޔަސް، ރައްޔިތުންނަށް ކަމެއް ވިޔަސް ހައްތަހާ ވެސް ދޮގެވެ. އީދުގައި ނެރޭ މާލީގެ ބަދަލުގައި މި ސަރުކާރުން އީދަށް ވެސް "ނެރުނީ" ދޮގު ފަތިވަރެކެވެ. 

ޑރ. މުޙައްމަދު މުޢިއްޒުޕީއެންސީއަޟްހާ އީދުސްޓެލްކޯސިފްކޯސަލްޓަން ޕާކު

ކޮމެންޓް

އިތުރަށް ކިޔާލަން

ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!

ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!

27 މެއި 2026
އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

27 މެއި 2026
15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި

15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި

27 މެއި 2026
އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

27 މެއި 2026
މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ

މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ

27 މެއި 2026

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު