ރަނުގެ އަގު ދަށަށް ދަނީ ކީއްވެ؟
އެމެރިކާ އާއި އީރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލި، އިންފްލޭޝަން މަތިވުމުން އިންޓްރެސްޓް ރޭޓް ކުޑަނުކުރާނެ ކަމުގެ ބިރު އުފެދި ރަނުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި. ރަނަކީ އިންޓްރެސްޓް ނުލިބޭ އެސެޓަކަށް ވެފައި، ޑޮލަރުގެ އަގު ބޮޑުވުމަކީ ރަނުގެ އަގަށް އިތުރު ފިއްތުންތައް ކުރިމަތިވާ ސަބަބެއް. މާހިރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ރަނުގެ އަގަށް ބަދަލު އައުން ބިނާވެފައިވަނީ އިންޓްރެސްޓް ރޭޓަށް އަންނަ ބަދަލުތަކާއި މަސްރަހު ފިނިވުމުގެ މައްޗަށް.

ރަން ފަށާއި، އަގުބޮޑު ގަހަނާތަކެއް ފިހާރައެއްގެ ތެރޭގައި ދައްކާލުމަށް ބަހައްޓާފައި. | ގެޓީ އިމޭޖަސް
ދުނިޔެއަށް ކުރިމަތިވާ ބޮޑެތި ކާރިސާތަކުގެ ވަގުތުތަކުގައި، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލުމުގެ ބިރުން ސަލާމަތްވުމަށް އިންވެސްޓަރުން ރަނަކީ ރައްކާތެރި އެސެޓެއްގެ ގޮތުގައި ބަލާތީ، ރަނުގެ އަގު އާންމުކޮށް އުފުލެއެވެ.
ނަމަވެސް މިފަހަރު ކަންތައްތައް ފެންނަނީ މިއާ ހިލާފަށެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދީ، މަސްތަކަކަށް ދެމިގެންދިޔަ ހަނގުރާމަ ފެށުނު ފަހުން ރަނުގެ އަގަށް ވަނީ ބޮޑެތި ބަދަލުތަކެއް ކުރިމަތިވެފައެވެ. މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ރަނުގެ ޓްރޯއި އައުންސެއްގެ (31.1 ގްރާމް) އަގު 5,303 ޑޮލަރުގައި ހުރުމަށްފަހު، މިދިޔަ ހުކުރު ދުވަހު އެ އަގު ވަނީ 4,235 ޑޮލަރަށް ދަށަށް ގޮސްފައެވެ.
މި ބަދަލު އަންނަން މެދުވެރިވީ، ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީ މަރުކަޒީ ބޭންކުތަކުން އިންޓްރެސްޓް ރޭޓް ކުޑަނުކުރާނެ ކަމުގެ ބިރު އުފެދުމުންނެވެ. އަދި ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި، މަރުކަޒީ ބޭންކުތަކުން އިންޓްރެސްޓް ރޭޓް އިތުރަށް މަތިކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އިންފްލޭޝަން މިހާ ބޮޑަށް މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ ހުރްމުޒް ކަނޑުއޮޅިއަށް ދިމާވެފައިވާ އުނދަގޫ ހާލަތެވެ.
އެމެރިކާއާއި އިޒްރޭލުގެ އަމަލުތަކަށް ބަދަލުހިފުމުގެ ގޮތުން، ހަނގުރާމަ ފެށުނީއްސުރެ އީރާނުން ދަނީ އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހުރަސްއަޅަމުންނެވެ. މިއީ ތެލާއި ގޭސް އުފުލާ މައި މަގަކަށް ވުމުން، ހަކަތައިގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔޭގައިވެސް ތަކެތީގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ.
އެމެރިކާގައި އިންފްލޭޝަން ހުރީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެންމެ މަތީ މިންވަރުގައެވެ. އެއީ 4.2 އިންސައްތައިގައެވެ. ހަމައެއާއެކު، އެ ގައުމުގެ ވަޒީފާގެ ބާޒާރު ވަރުގަދަކޮށް އޮތުމުން، ކުރިއަށް އޮތް ތަނުގައި އިންޓްރެސްޓް ރޭޓް ކުޑަކުރާނެ ކަމަށް ކުރެވުނު އުންމީދުތައް ވަނީ ފަނޑުވެފައެވެ.
ރަނަކީ އިންފްލޭޝަނުން އިންވެސްޓަރުން ރައްކާތެރިކޮށްދޭ އެސެޓަކަށް ވީނަމަވެސް، އިންޓްރެސްޓް ރޭޓް މަތިވުމަކީ ރަނުގެ އަގަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.
ސަބަބަކީ ރަނަކީ އޭގެ އަމިއްލަ އަގު ފިޔަވައި އިތުރު އާމްދަނީއެއް (ނޮން-ޔީލްޑިންގ) ލިބޭ އެސެޓަކަށް ނުވާތީއެވެ. އެހެން ގޮތަކަށް ބުނާނަމަ، ރަނުން ފައިދާއެއް ހޯދޭނީ ހަމައެކަނި އޭގެ އަގު މައްޗަށް ގޮސްގެންނެވެ.
މާލީ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ OptionSpreaders.com ގެ ހެޑް އޮޕްޝަންސް އެނަލިސްޓް ޖަސްޓިން ކާޑްވެލް އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ، އެސެޓެއްގެ ގޮތުގައި ބަލާއިރު ރަނަކީ ހަގީގީ ފައިސާއާ އެންމެ ގާތްކުރާ އެސެޓް ކަމަށެވެ. އަދި ރަނުން ޑިވިޑެންޑެއް ނުލިބުނު ނަމަވެސް، އޭގެ އަގު މަތިވުމުން ނޫނީ އޭގެއިން ނަފާއެއް ނުލިބޭނެ ކަމަށާއި، މީހުން ރަން ގަންނަނީ އޭގެ އަގު މަތިވާނެ ކަމަށް ބަލައިގެން ކަމަށް އޭނާ ފާހަގަކުރިއެވެ. މި ސަބަބަށްޓަކައި، އިންޓްރެސްޓް ރޭޓާއި ރަނާ ދެމެދު އޮންނަނީ ސީދާ ވާދަވެރިކަމެކެވެ.
އީރާނުގެ ހަމަނުޖެހުމުގެ ސަބަބުން އެމެރިކާ ޑޮލަރުގެ އަގު ވަނީ އުފުލިފައެވެ. ރަނުގެ އަގު ކަނޑައެޅެނީ ޑޮލަރުން ކަމަށްވާތީ، ޑޮލަރުގެ އަގާއި ރަނުގެ އަގު ދަތުރުކުރަނީ ދިމާ އިދިކޮޅަށެވެ.
ނޯބްލް ގޯލްޑް އިންވެސްޓްމަންޓްސްގެ ސީއީއޯ ކޮލިން ޕްލޫމް އަލްޖަޒީރާއަށް ފޮނުވި އީމެއިލެއްގައި ބުނެފައިވަނީ، ޑޮލަރު ވަރުގަދަވުމުން ރަނުގެ އަގަށް ފިއްތުންތައް ކުރިމަތިވާ ކަމަށާއި، ޑޮލަރު ބަލިކަށިވުމުން ރަނުގެ އަގު އުފުލޭ ކަމަށެވެ. އަދި މިވަގުތު ޑޮލަރު ވަރުގަދަކޮށް އޮތުމުން ރަނުގެ އަގަށް އޭގެ އަސަރު ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، ޕްލޫމް އިތުރަށް ފާހަގަކުރި ގޮތުގައި މި ދެ އެސެޓްގެ ކުރިމަގު އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ.
އޭނާ ބުނި ގޮތުގައި، މިއަހަރުގެ ބާކީ އޮތް ދުވަސްތަކާއި ކުރިއަށް އޮތް އަހަރުތަކުގައި ކުރިމަތިވާނެ އެންމެ ބޮޑު ސުވާލަކީ ދެން ވާނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ.
"މީގެ މަސްތަކެއް ކުރިން ބެލެވުނީ އިންޓްރެސްޓް ރޭޓް ކުޑަކުރާނެ ކަމަށް. އެހެންވެ ހުރިހާ އެސެޓްތަކެއްގެ އަގު ދިޔައީ އުފުލެމުން. އެކަމަކު މިހާރު ހާލަތު ބަދަލުވެއްޖެ. މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ އިންޓްރެސްޓް ރޭޓް މަތިވުމުގެ ފުރުސަތު އޮތް ތަން. ކޮންމެ އެސެޓަކަށްވެސް އެ ބަދަލުގެ އަސަރު ކުރާނެ، ހާއްސަކޮށް ރަނަކީ އިންޓްރެސްޓް ރޭޓަށް ވަރަށް ބޮޑަށް ބަލާ އެއްޗެއް،" ޕްލޫމް ބުންޏެވެ.
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ މަރުކަޒީ ބޭންކު ކަމަށްވާ ފެޑަރަލް ރިޒާވުން އިންޓްރެސްޓް ރޭޓް ބޮޑުތަނުން ކުޑަކުރުމަށް ބާރުއަޅުއްވާފައެވެ.
ނަމަވެސް، ފެޑަރަލް ރިޒާވުން އިންޓްރެސްޓް ރޭޓަށް ގެންނަ ބަދަލުތައް އަންދާޒާކުރާ "ސީއެމްއީ ފެޑްވޮޗް" ޓޫލުން ދައްކާގޮތުގައި، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިންޓްރެސްޓް ރޭޓް މަތިކުރުމުގެ ފުރުސަތު 50 އިންސައްތައަށް ވުރެ ބޮޑެވެ.
ޕްލޫމް ގަބޫލުކުރާ ގޮތުގައި މިއީ ރަނުގެ އަގަށް ބޮޑު ނުފޫޒެއް ފޯރުވާނެ ކަމެކެވެ.
އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ ޚަބަރުތައް ފެތުރުމާއެކު، މިދިޔަ ހުކުރު ދުވަހު ރަނުގެ އަގު ވަނީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު ކުޑަކޮށް އުފުލިފައެވެ.
ކާޑްވެލް ބުނި ގޮތުގައި ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމުގެ ޚަބަރުތަކަކީ ރަނުގެ އަގަށް ލިބޭނެ ކުރިއެރުމެކެވެ. ސަބަބަކީ ހަނގުރާމަ ނިމުމުން އިންފްލޭޝަން ދަށަށް ދާނެ ކަމަށް ބެލެވޭތީއެވެ.
ނަމަވެސް އެކަމަށް އަދި މަސްތަކެއް ނަގާނެއެވެ.
"ރަނުގެ އަގު މިހާރު ހުރި މިންވަރަކީ އެ އަގު ހިފެހެއްޓިފައި ހުންނާނެ މިންވަރެއް ކަމަށް ބެލެވޭ. ހަނގުރާމަ ނިމުނު ކަމުގައި ވިޔަސް، ރަނުގެ އަގު މާ ބޮޑަށް މައްޗަށް ދިޔަނުދީ ހިފަހައްޓާނެ އެހެން ގިނަ ސަބަބުތަކެއް އެބަހުރި،" ކާޑްވެލް އިތުރަށް ފާހަގަކުރިއެވެ.
މަސްދަރު: އަލް ޖަޒީރާ






