ފުލުފުލުގެ ނާކާމިޔާބީތަކާއި، ކުއްލި އިސްތިއުފާތައް: މުއިއްޒުގެ ސަރުކާރަށް ލޮޅުމަކަށް ފަހު ލޮޅުމެއް؟
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބޭރު ފައިސާގެ ދަތިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ފިނޭންސް މިނިސްޓަރު އިސްތިއުފާ ދެއްވުމަކީ ސަރުކާރުގެ ހިންގުމާއި އިގްތިސާދީ ސިޔާސަތުތަކާމެދު ސުވާލު އުފެދޭ ކަމެއް. ކެބިނެޓަށް ތަކުރާރުކޮށް ބަދަލުތައް އައުމާއި، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާ ފުށުއަރާ ގޮތަށް ސިޔާސީ މަގާމުތައް އިތުރުވުމަކީ ދައުލަތުގެ މުއައްސަސާތަކުގެ ހަމަޖެހުން ގެއްލި އާންމުންގެ އިތުބާރު ކުޑަވާނެ ކަންކަން.


ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު. | ރައީސް އޮފީސް
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ކެބިނެޓަށް ގެންނަ ބަދަލުތަކާއި، ވަޒީރުން އިސްތިއުފާ ދެއްވުމާއި، އަދި ސަރުކާރުގެ އިސް މަގާމުތަކަށް އަންނަމުންދާ ގިނަގުނަ ބަދަލުތަކެއްގެ ތެރެއިންނެވެ.
ހަގީގަތުގައި ކެބިނެޓަށް މިހާ ގިނައިން ބަދަލުތައް އައުމަކީ ސަރުކާރުގެ ލީޑަރޝިޕް ޓީމުގެ ހަމަޖެހުން ދެމެހެއްޓުމުގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ. މިގޮތަށް ގިނަގިނައިން ބަދަލުތައް ގެނައުމުގެ ސަބަބުން ސިޔާސަތުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ހުރަސްއެޅި، ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ނުތަނަވަސްކަން އުފެދި، ސަރުކާރުގެ ދުރުރާސްތާ މިސްރާބާ މެދު އާންމު ރައްޔިތުންގެ އިތުބާރު ކުޑަވުމުގެ ފުރުސަތު އޮވެއެވެ.
މޫސާ ޒަމީރުގެ އިސްތިއުފާ ވަކިން ޚާއްޞަކޮށް ފާހަގަކޮށްލެވެނީ، ބޭރު ފައިސާގެ ދަތިކަމާއި، އަދި ދައުލަތުގެ މާލީ ހާލަތާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކުގެ ތެރެއިން އައި އިސްތިއުފާއަކަށްވާތީއެވެ. ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންގްސްއިން ވެސް ވަނީ ރާއްޖޭގެ މާލީ ހާލަތާއި، ބޭރުން ފައިސާ ހޯދުމުގައި ހުރި ނުރައްކާތަކާއި، ބޭރު ފައިސާގެ ފިއްތުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން، ދައުލަތުގެ ޚަރަދުތަކާ ގުޅިގެން ވެސް ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އިއުލާނުކޮށްފައިވީ ނަމަވެސް، ސިޔާސީ އިތުރު މަގާމުތަކާއި ދައުލަތުން މުސާރަދޭ ގޮތަށް އުފައްދާ މަގާމުތައް އިތުރުވަމުންދާތީ އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ ނިންމުންތަކަކީ ޚަރަދު ކުޑަކުރުމަށް ގޮވާލާ ގޮވާލުންތަކާ ފުށުއަރާ ކަންކަމެވެ.
މީގެ އިތުރުން، އިންތިޚާބުތަކުގައި ލިބެމުންދާ ނާކާމިޔާބީތަކާ ގުޅިގެން ވެސް ސަރުކާރަށް ދަނީ ސިޔާސީ ފިއްތުންތައް ކުރިމަތިވަމުންނެވެ. ފަހަކަށް އައިސް ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާތަކުން ސަރުކާރަށް ތަކުރާރުކޮށް ނާކާމިޔާބީއާ ކުރިމަތިވަމުންދާ މަންޒަރު ފެންނަމުންދާއިރު، މިކަމުން ދޭހަވަނީ ސަރުކާރަށް އޮތް ރައްޔިތުންގެ ނުރުހުން ބޮޑުވަމުންދާކަމެވެ. ތަކުރާރުކޮށް ލިބެމުންދާ ނާކާމިޔާބީތަކުގެ ސަބަބުން ސަރުކާރަށް އާންމުން އިތުބާރު ނުކުރާ މިންވަރު ދަނީ ހާމަވަމުންނެވެ.
ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ، މިހާރު ކުރިމަތިވެފައިވާ ދަތި އިގްތިސާދީ ހާލަތަކީ ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ކަންކަން ކަމަށާއި، އިސްލާހީ ބަދަލުތަކުގެ ނަތީޖާ ފެނުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ. ނަމަވެސް، ސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ބަހަނާ ދައްކައިގެން ސަރުކާރުގެ ނާގާބިލުކަން ފޮރުވޭކަށް ނެތެވެ.
އެހެންކަމުން، ފިނޭންސް މިނިސްޓަރު އިސްތިއުފާ ދެއްވުމަކީ ސަރުކާރުގެ މުޅި އޮޑީގެ ހަމަޖެހުމާއި، އިގްތިސާދީ މެނޭޖްމަންޓާއި، ދައުލަތުގެ ޚަރަދުތަކާއި، އަދި އިންތިޚާބީ ނަތީޖާތަކާ މެދު އުފެދިފައިވާ ފުޅާ ކަންބޮޑުވުންތަކުގެ ރަމްޒެކެވެ. މިކަންކަމުން ދޭހަވަނީ މި ސަރުކާރު މިއަދު ބޮޑުތަނުން ފެއިލްވަމުންދާކަމެވެ. ސަރުކާރުގެ ހަލަބޮލިކަމާއި ކުއްލި ބަދަލުތަކާމެދު ރައްޔިތުން މިއަދު ތިބީ ފޫހިވެ، މާޔޫސްވެފައެވެ. އެކަން ފުލުފުލުގައި އެކި އިންތިޚާބުތަކުންވެސް ދައްކަމުންދާއިރު، ސަރުކާރަށް އެ ހަގީގަތް ޤަބޫލު ކުރެވޭބާއެވެ؟





