ކޮންސްޓްރަކްޝަން ސިނާއަތުގެ ދުވެހި ހުއްޓި ކުންފުނިތައް މާޔޫސް ކަމުގައި!
2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގެ މަސައްކަތްތަކާއި ލިބުނު އޯޑަރުތައް ބޮޑުތަނުން މަދުވެ، ވިޔަފާރިތަކުގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި. ތަކެތީގެ އަގުތަކާއި ޚިދުމަތުގެ އަގުތައް އުފުލެމުންދާއިރު، މުވައްޒަފުންނަށް ކުރާ ހޭދަ އާއި ކުންފުނިތަކުގެ ޖުމްލަ ވިޔަފާރީގެ ހާލަތަށް ވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައި. މީގެ އިތުރުން، މި ސިނާއަތުގެ ރައުސްމާލީ ޚަރަދުތައް މަޑުޖެހި، ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރީގެ މާހައުލާ މެދު އޮތް އިތުބާރު ވަނީ ކުޑަވެފައި.

ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސައިޓެއްގައި، މަސައްކަތްތެރިއަކުން ކޮނޑުގައި ދަގަނޑު ބެރިއެއް އުފުލަނީ. | ޝަޓާ ސްޓޮކް
ކޮންސްޓްރަކްޝަން ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން 2026 ވަނަ އަހަރުގެ ކުރިއަށް އޮތް ކުއާޓަރުގެ މަސައްކަތްތަކާ މެދު އޮތް އިތުބާރު ކުޑަވެ، މާޔޫސްކަން ފާޅުކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި ކުއަރޓާލީ ބިޒްނަސް ސާވޭ ރިޕޯޓުގައިވާ ގޮތުން، ކުރިއަށް އޮތް ކުއާޓަރުގައި ކުރިއަށްދާނެ ކަމަށް ލަފާކުރާ މަސައްކަތުގެ މިންވަރު ދައްކައިދޭ އިންޑެކްސް 39 ޕޮއިންޓް ދަށަށް ގޮސް، މައިނަސް 9 އަށް ވަނީ ވެއްޓިފައެވެ. އަދި ލިބޭނެ ކަމަށް އުންމީދުކުރާ އޯޑަރުތަކުގެ މިންވަރު ދައްކައިދޭ އިންޑެކްސް ވެސް 41 ޕޮއިންޓް ދަށަށް ގޮސް، 2026 ގެ ފުރަތަމަ ކުއާޓަރުގައި ވަނީ މައިނަސް 12 އަށް ތިރިވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ވަޒީފާ ދޭ މިންވަރު އިތުރުވާ ދުވެލި މަޑުޖެހޭނެ ކަމަށް ބެލެވޭއިރު، ވަޒީފާއާ ގުޅޭ އިންޑެކްސް ވަނީ 12 ޕޮއިންޓް ދަށަށް ގޮސް، މައިނަސް 5 އަށް ވެއްޓިފައެވެ.
މި ސިނާއަތުގެ ވިޔަފާރިތަކުން ލަފާކުރާ ގޮތުގައި، ތަކެތީގެ އަގުތައް މަތީ މިންވަރެއްގައި ހުންނާނެއެވެ. މިގޮތުން ތަކެތީގެ އަގުތަކާ ގުޅޭ އިންޑެކްސް މި ކުއާޓަރުގައި 10 ޕޮއިންޓް އިތުރުވެ، 56 އަށް ވަނީ އަރާފައެވެ. ހަމައެއާއެކު، ޚިދުމަތްތަކަށް ނަގާ އެވްރެޖް އަގުތަކުގެ އިންޑެކްސް ވެސް 2026 ގެ ފުރަތަމަ ކުއާޓަރުގައި 47 ޕޮއިންޓްގެ ދަރަޖަ އަށް މައްޗަށް ގޮސް 56 އަށް ވަނީ އުފުލިފައެވެ. އަނެއްކޮޅުން، ކެޕިޓަލް އެކްސްޕެންޑިޗާ ޚަރަދުތަކަށް ކުރާނެ ކަމަށް ބެލެވޭ ހޭދައިގެ އިންޑެކްސް ވަނީ 30 ޕޮއިންޓް ދަށަށް ގޮސް، 15 އަށް މަޑުޖެހިފައެވެ.
ކުންފުނިތަކުގެ މާލީ ހާލަތު ހުންނާނެ ކަމަށް ލަފާކުރާ މިންވަރު، 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި 5 ގައި ހުރުމަށްފަހު، 2026 ގެ ފުރަތަމަ ކުއާޓަރުގައި ވަނީ މައިނަސް -14 އަށް ވެއްޓިފައެވެ. މީގެ އިތުރުން، ވިޔަފާރީގެ ޖުމްލަ ހާލަތު ކުރިއަށް އޮތްތަނުގައި ހުންނާނެ ކަމަށް ބެލެވޭ މިންވަރު ދައްކައިދޭ އިންޑެކްސް ވެސް 35 ޕޮއިންޓް ދަށަށް ގޮސް، 2026 ގެ ފުރަތަމަ ކުއާޓަރުގައި ވަނީ 28 އަށް ތިރިވެފައެވެ.
ސާވޭގައި ބައިވެރިވި ކޮންސްޓްރަކްޝަން ކުންފުނިތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ސިނާއަތުގެ މަސައްކަތްތައް ވަނީ ބަލިކަށިވެފައެވެ. މިގޮތުން ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ މިންވަރު ދައްކައިދޭ އިންޑެކްސް 50 ޕޮއިންޓް ދަށަށް ގޮސް މައިނަސް 1 އަށް ވެއްޓިފައިވާއިރު، ލިބުނު އޯޑަރުތަކުގެ މިންވަރު ދައްކައިދޭ އިންޑެކްސް ވަނީ 43 ޕޮއިންޓް ދަށަށް ގޮސް 0 އަށް ތިރިވެފައެވެ.
ކުންފުނިތަކުގެ މާލީ ހާލަތު ދައްކައިދޭ އިންޑެކްސް، 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި 15 ގައި ހުރުމަށްފަހު، 2026 ގެ ފުރަތަމަ ކުއާޓަރުގައި ވަނީ މައިނަސް 13 އަށް ދަށަށް ގޮސްފައެވެ. ހަމައެފަދައިން، ވިޔަފާރީގެ ޖުމްލަ ހާލަތު ދައްކައިދޭ އިންޑެކްސް ވެސް މި ކުއާޓަރުގައި 18 ޕޮއިންޓް ދަށަށް ގޮސް، 38 އަށް ވަނީ ތިރިވެފައެވެ.





