އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް
މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓާލައި، މުވައްޒަފުން ވަޒީފާއިން ވަކިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ގާނޫނީ ވަކީލު މައުރޫފް ވިދާޅުވި. މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން އަނިޔާވެރިވަމުންދާ ކަމަށް ތުހުމަތުކުރައްވައި، އޭނާ ވިދާޅުވީ ބުރާސްފަތި ދުވަހު ބާއްވާ މުޒާހަރާއަކީ ހުއްޓިފައިވާ އަސާސީ ހިދުމަތްތައް ހޯދުމަށް ރައްޔިތުންގެ ބާރު ދެއްކުމަށް ބާއްވާ ހަރަކާތެއް ކަމަށް. އެހެންކަމުން މި އެއްވުމަކީ ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ކަންބޮޑުވުންތައް ހާމަކުރުމަށް އޮތް ހަމައެކަނި މަގުކަން އޭނާ ފާހަގަކުރެއްވި.


ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ގާނޫނީ ވަކީލު އަހުމަދު މައުރޫފް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މި އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރަނީ ސިޔާސީ ގޮތުން ނޫން ކަމަށާއި، މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން ކަމަށް ގާނޫނީ ވަކީލު އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި ވަކީލު މައުރޫފް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައްޔިތުން ބާރުވެރި ކުރުމަށާއި، ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް ކުރި މަސައްކަތްތަކާއި، އަސާސީ ޚިދުމަތްތައް ގާއިމް ކުރުމަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި ވިދާޅުވީ އެސަރުކާރުގައި މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރައްޔިތުންގެ ހައްގުތައް ގެއްލި، މަޝްރޫއުތައް ކުރިއަށް ނުގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ނުހައްގުން މުވައްޒަފުން ވަޒީފާއިން ވަކި ކުރުމާއި، ބިރު ދެއްކުމުގައި ވެސް ހައްދެއް ނެތް ކަމަށެވެ.
ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާއަށް އިޝާރާތް ކުރައްވައި މައުރޫފް ވިދާޅުވީ، މި މުޒާހަރާއަކީ ސިޔާސީ ގޮތުން ކުރާ މުޒާހަރާއެއް ނޫން ކަމަށާއި، މަގު މައްޗަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން ކަމަށެވެ. އަދި މި ނޫން ގޮތަކަށް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، ހުއްޓިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް މައުރޫފް ވިދާޅުވި އެވެ.
މާދަމާގެ އެއްވުމުގައި ވެސް ޖުމްލަކޮށް އަޅުގަނޑުމެން ތިން ކަމަކާއެކު ނުކުންނައިރުގައި ފުރަތަމަ ކަމަކަށް މިއޮތީ ހުއްޓިފައި އޮތް މަޝްރޫއުތައް ކުރިއަށް ގެންދިއުން. އެއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ސިޔާސީ ކަމެއް ނޫން. އަޅުގަނޑުމެން ދައްކަން މިއުޅެނީ ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ވާހަކަ. ފެނާއި ނަރުދަމާގެ ވާހަކަ. ބައެއް ރަށްރަށުގައި ދިރިއުޅުމަށް އުދަނގޫވޭ އެކަންކަން ގާއިވްވެފައި ނެތީމަ. އެހެންވީމަ ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ ހިފައިގެން އަޅުގަނޑުމެން މި ނުކުންނަނީ. މި އެއްވުމަކަށް މިދިމާވަނީ އިތުރަކަށް ނެތް މިކަން ވާކަށް. އެއީ އަޅުގަނޑުމެން މި ގަބޫލުކުރަނީ މިދައުލަތުގެ އެންމެ ބާރުވެރި ފަރާތަކީ ރައްޔިތުން ކަމަށް.ގާނޫނީ ވަކީލު އަހުމަދު މައުރޫފް
20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިޝާރާތް ކުރައްވައި މައުރޫފް ވިދާޅުވީ އެމަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރަށް އޮތުމުން ރައީސް މުއިއްޒު ވަރަށް ބޮޑަށް އަނިޔާވެރިވަމުންދާ ކަމަށެވެ.
މައުރޫފް ވިދާޅުވީ ވިދާޅުވީ މިއަދު ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހަށް ވަޒީރެއް ހާޒިރުކޮށް ސުވާލު ކުރުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށާއި، ހާޒިރުވާ ފަހަރެއްގައި ވެސް އެދެވޭ ޖަވާބެއް ނުދޭ ކަމަށެވެ.
އެހެންކަމުން ބުރާސްފަތި ދުވަހުގެ ރޭގެ އެއްވުމަކީ ރައްޔިތުން ބާރާއި، މިސަރުކާރާ މެދު ރައްޔިތުން ހިތްހަމަ ނުޖެހިފައި އޮތް މިންވަރު ހާމަ ކުރުމަށް ބާއްވާ އެއްވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.







