މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން 2645 ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ނިމިފައިވާ ކަަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލާއި ތަކެތީގެ އަގު ބޮޑުވުމުން މަޝްރޫއުތަކަށް މަޑުޖެހުމެއް އައި ނަމަވެސް، މިހާރު ހާލަތު ރަނގަޅުވަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. އެމަނިކުފާނު ވިދާޅުވީ ސޮއިކޮށްފައިވާ އަދި ކުރިއަށް ހުރި މަޝްރޫއުތަކާއެކު ޖުމްލަ 2645 މަޝްރޫއެއް ކުރިއަށް ގެންދާނެ ތަރުތީބާއި ތާވަލު މިހާރު ކެބިނެޓުން ނިންމާފައިވާ ކަމަށް. މި ޕްލޭނުގެ ދަށުން ދަރަނިތައް ދައްކަމުން، ކޭޝް ފްލޯ މެނޭޖްކޮށްގެން 2028 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި.


ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް
މި ސަރުކާރުން ޖުމްލަ 2645 މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށާއި، މި މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތް ޕްލޭންކޮށް ނިމިފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ ދ. މީދޫގައި ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލާއެކު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ކަމަށެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ތަކެތި ގެނައުމަށް ސަރުކާރާއި، އަމިއްލަ ކުންފުނިތަކަށް ވެސް ދަތިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ ދެތިން ހަތަރު މަހެއްގައި މިބޭރުގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމާއި، އަދި ތަކެތި ގެނައުމުގައި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ތަކެތި ގެނައުމުގައި ވަރަށް ދަތިތައް ދިމާވި. ސަރުކާރު ކުންފުނިތަކަށް ވެސް އަދި އަމިއްލަ ކުންފުނިތަކަށް ވެސް. އޭގެ ސަބަބުން ތަރައްގީގެ މަޝްރޫއުތަކަށް ވެސް މަޑު ޖެހުމެއް އައި. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މިހާރު މަޑުމަޑުން އަޅުގަނޑުމެންނަށް ރަނގަޅު ކުރެވެމުން އެބަ ދޭ. ދެން ފެންނާނީ އަނެއްކާ ވެސް އަޅުގަނޑުމެންގެ މަސައްކަތުގެ ސްޕީޑް ބާރު ކުރެވިގެންދާތަން. އަޅުގަނޑުމެން މި ހަފްތާ ތެރޭގައި މިއަދު އެންމެފަހުން އަޅުގަނޑުމެން ވާނީ ކެބިނެޓްގައި މަޝްވަރާކޮށް ހުރިހާ މަޝްރޫއުތަކުގެ ތަރުތީބު ކަނޑައަޅާ ނިންމާފައި.ރައީސް ޑރ.މުހައްމަދު މުއިއްޒު
މުޅި ޖުމްލަ 2645 މަޝްރޫއު ހިމެނޭކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، މި މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތް މިހާރު ޕްލޭން ކޮށްފައިވާ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތްތަނުގައި މަޝްރޫއުތަކަށް އިސްކަންދޭ ތަރުތީބުން ތާވަލްއާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށްދާނެ ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ޕްލޭނުގެ ދަށުން ދަރަނިތައް ދައްކަމުން، ކޭޝް ފްލޯ މެނޭޖްކޮށްގެން 2028 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީގެ މަސައްކަތްތައް ބާރުސް ޕީޑުގައި ކުރިއަށްދާނެ ކަމަށެވެ.
އާދެ މިހާރު ސޮއި ކުރެވިފައިވާ މަޝްރޫއުތަކާއި މިއަހަރު އަލަށް ސޮއި ކުރަން ހުރި މަޝްރޫއުތަކާ އަދި މިއަންނަ އަހަރު އަޅުގަނޑު ވައުދުތައް ފުއްދުމަށް ދެން ސޮއިކުރަން ހުރި މަޝްރޫއުތައް އެއްކޮށްލާއިރުގަ ޖުމްލަ 2645 މަޝްރޫއު ހިމެނޭ. މި 2645 މަޝްރޫއު ގެންދާނެ ގޮތް އަޅުގަނޑުމެން މިހާރު މިވަނީ ޕްލޭންކޮށްފައި. މާނައަކީ މިއަހަރުގެ ކޮން މަހެއްގައި ކިތައް މަޝްރޫއު ކޮން މަޝްރޫއުތަކެއް ނިންމަންތޯ އަޅުގަނޑުމެން އިސްކަން ދޭނީ. 2027 ވަނަ އަހަރު ކޮން ބާވަތްތަކެއްގެ މަޝްރޫއުތަކެއްތޯ ނިންމަން އިސްކަން ދޭނީ. މިގޮތަށް ތަރުތީބު ކޮށްގެން މިކޭޝް ފްލޯ މެނޭޖް ކުރަމުން، މިދަރަނިތައް ދައްކަމުން އަޅުގަނޑުމެން ގެންދިއުމުގެ ތާވަލެއް. 2028 ގައި ދެން ހުރި މަޝްރޫއުތައް. އެގޮތަށް ދެން މިވަނީ ތާވަލް ކޮށްލާފައި.ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސް މުއިއްޒު މިމޭރުން ވާހަކަފުޅު ދެއްކެވިއިރު، މިސަރުކާރަށް ދެއަހަރާއި ބައި ވެގެން ދިޔައިރު ތަރައްގީގެ ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ތަރައްގީގެ މަޝްރޫއުތައް ވެސް މިސަރުކާރާއެކު ވަނީ ހުއްޓިފަ އެވެ. މިމައްސަލައާ ގުޅިގެން ރައީސް މުއިއްޒަށް އޮތް މަގުބޫލުކަން ކުޑަވެ، ރައްޔިތުންގެ ބޮޑެތި ފާޑު ކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.






