Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އީރާން ހަނގުރާމަ

އެމެރިކާއާއި އީރާނުން އެއްބަސްވުމަކަށް އަތުވެއްޖެ - ދުނިޔޭގެ އިގުތިސާދު ހަމަޔަކަށް އެޅޭނީ ކޮން އިރަކުން؟

އެމެރިކާއާއި އީރާނުގެ އެއްބަސްވުމާއެކު ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް މަގުފަހިވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ ދަށަށް ދާން ފަށާފައެވެ. ނަމަވެސް، ސަލާމަތީ ނުރައްކާތަކާއި އިންޝުއަރެންސްގެ ގޮންޖެހުންތަކާ ހުރެ، ކަނޑުގެ ދަތުރުފަތުރުތައް އާންމު ހާލަތަކަށް ރުޖޫއަވުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް މާހިރުން ލަފާކުރޭ. މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިންފްލޭޝަން މަތިވެ، އިގްތިސާދީ ކުރިއެރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި.

ރާއްޖެ އެމްވީ | 15 ޖޫން 2026 | ހޯމަ 12:09
ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރު މޮނިޓަރކުރާ ވެބްސައިޓެއް ކަމަށްވާ "މެރިން ޓްރެފިކް" އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހުރުމުޒް ކަނޑުގެ ސަރަހައްދުން ބޭރުވެފައިވަނީ ލޮކޭޝަން ޓްރެކަރ އެކްޓިވްކޮށް ހުރި އެންމެ ދެ އުޅަނދު.

ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރު މޮނިޓަރކުރާ ވެބްސައިޓެއް ކަމަށްވާ "މެރިން ޓްރެފިކް" އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހުރުމުޒް ކަނޑުގެ ސަރަހައްދުން ބޭރުވެފައިވަނީ ލޮކޭޝަން ޓްރެކަރ އެކްޓިވްކޮށް ހުރި އެންމެ ދެ އުޅަނދު. | ރޮއިޓާސް

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ދެ މަހަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެމެރިކާގެ ވައިޓް ހައުސްއާއި އީރާނުގެ ސަރުކާރާ ދެމެދު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މެދުއިރުމަތީގެ މި ކާރިސާއާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެއީ މި ހަނގުރާމައިގެ ސަބަބުން، ތެލާއި، ދިޔާ ކުރެވިފައިވާ ނެޗުރަލް ގޭސް (އެލް.އެން.ޖީ) އަދި އެހެނިހެން ޒަރޫރީ މުދާ އުފުލާ ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ މަގު ބަންދުވެ، ދުނިޔެއަށް ސަޕްލައިކުރާ މިންވަރު މަދުވުމާ ގުޅިގެންނެވެ.

ނަމަވެސް، ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުތައް އާންމު ހާލަތަކަށް ރުޖޫއަވުމަށް ވަގުތު ނަގާނެ ކަމަށާއި، މި ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ކުރިއަށް އޮތް މަސްތަކުގައި ވެސް ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާނެ ކަމަށް މާހިރުން އިންޒާރު ދެއެވެ.

"ތެޔޮ ދައުރުވިޔަ ދީ!" މި އެއްބަސްވުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ވިޔަފާރި އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭނެއެވެ.

މި އިއުލާނާ ގުޅިގެން ބީބީސީ ވެރިފައި އިން އުޅަނދުފަހަރު ޓްރެކްކުރާ މައުލޫމާތުތައް ދިރާސާކުރިއިރު، ހުރްމުޒް ކަނޑުއޮޅީގައި އުޅަނދުފަހަރު ދަތުރުކުރާ މިންވަރު އަދިވެސް ހުރީ ވަރަށް ދަށްކޮށެވެ.

އުޅަނދުފަހަރު ޓްރެކްކުރާ ވެބްސައިޓެއް ކަމަށްވާ "މެރިން ޓްރެފިކް" އިން ދައްކާ ގޮތުގައި، އާދިއްތަ ދުވަހުން ފެށިގެން އެ ކަނޑުއޮޅިން ބޭރުވެފައިވަނީ ލޮކޭޝަން ޓްރެކަރ ހުޅުވާފައި ހުރި އެންމެ ދެ އުޅަނދެވެ. އެއީ މުދާ އުފުލާ ބޯޓަކާއި ތެޔޮ ބޯޓެކެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެ ކަނޑުއޮޅި ގިނަ އުޅަނދުފަހަރަށް ބަންދުކޮށްފައި އޮތްއިރު، އެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ލިބެނީ އީރާނާ ގާތް ގުޅުމެއް އޮންނަ މަދު އުޅަނދުތަކަކަށް އެކަންޏެވެ.

ކަނޑު އަޑީގައި މައިން ވަޅުލާފައި ހުރުމުގެ ބިރާއި ޑްރޯން ހަމަލާތަކުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން، ފަޅުވެރިންގެ ސަލާމަތަށްޓަކައި ގާތްގަނޑަކަށް 200 އެއްހާ އުޅަނދު ވަނީ ގަލްފް ސަރަހައްދުގައި ތާށިވެފައެވެ.

ކެޕިޓަލް އިކޮނޮމިކްސްގެ ގްރޫޕް ޗީފް އިކޮނޮމިސްޓް ނީލް ޝިއަރިންގް ވިދާޅުވީ، މިހާރު ވެވުނު އެއްބަސްވުމަކީ ވަގުތީ މެދުކެނޑުމެއްތޯ ނުވަތަ ދާއިމީ ހައްލެއްތޯ ބަލަން އަދި ދުވަސް ނަގާނެ ކަމަށެވެ.

މީގެ ކުރިން ވެސް އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކާ ގާތަށް ދިޔަ ދަނޑިވަޅެއްގައި ކެޕިޓަލް އިކޮނޮމިކްސްއިން ބުނެފައިވަނީ، ހުރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ މިންވަރު ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ރުޖޫއަވުމަށް ވަގުތު ނަގާނެ ކަމަށެވެ.

"އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިވި ނަމަވެސް، ތެޔޮ ބޯޓުތައް މިހާރު ހުރީ ހުންނަންޖެހޭ ތަންތަނަކު ނޫން. އަދި ތެޔޮ އުފައްދާ މަރުކަޒުތަކާއި ސާފުކުރާ ކާރުޚާނާތައް ފުރިހަމަ ގާބިލުކަމާއެކު ހިންގަން ފަށަން ޖެހޭ. މީގެ އިތުރުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އިންޝުއަރެންސްގެ އަގާއި އެކަން ހަމަޖެހުމުގައި ހުރި ގޮންޖެހުންތައް އަދިވެސް އެބަހުރި،" އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ކުރިން، ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮތް ދުވަސްވަރު ވެސް، ޝިޕިންގް ކުންފުނިތަކުން ތިބީ އެ ސަރަހައްދުން އުޅަނދުފަހަރު ނެރުމަށް ޖެހިލުންވެފައެވެ. އެހެންކަމުން މިހާރު އެ ކުންފުނިތަކުގެ އެންމެ ބޮޑު އިސްކަމަކީ އެ ސަރަހައްދުގައި ތާށިވެފައި ހުރި އުޅަނދުތައް ސަލާމަތުން ބޭރުކުރުމެވެ.

ހަނގުރާމަ ދިގުލައިގެން ގޮސްފައިވާ މިންވަރަށާއި ދެ ފަރާތުން ދައްކަމުންދާ ވާހަކަތަކަށް ބަލާއިރު، ވެސްޕޫޗީ މެރިޓައިމްގެ ސީއީއޯ ލާސް ޖެންސަން މެއި މަހު ބީބީސީއަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ގަލްފް ސަރަހައްދަށް އުޅަނދުފަހަރު ފޮނުވުމުގައި ޝިޕިންގް ކުންފުނިތަކުން ގެންގުޅޭނީ ވަރަށް ބޮޑަށް ސަމާލުވެ، ފަސްޖެހޭ ސިޔާސަތެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕާޝިއަން ގަލްފްގައި ތާށިވެފައި ހުރި އުޅަނދުތައް ބޭރުކުރަން ކުންފުނިތަކުން މަސައްކަތް ކުރާނެއެވެ. ނަމަވެސް، މަސްރަހު އަލުން ގޯސްވެދާނެ ކަމުގެ ބިރު އޮތުމުން، އަލުން އެ ސަރަހައްދަށް އުޅަނދުތައް ފޮނުވުމަށް އެ ކުންފުނިތަކުން ވަރަށް ބޮޑަށް ފަސްޖެހޭނެއެވެ.

އާންމު ހާލަތުގައި ދުނިޔޭގެ ތެލާއި އެލް.އެން.ޖީ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. މި މަގު ބަންދުވުމުގެ ސަބަބުން ތެލުގެ އަގު އުފުލި، އޭގެ ނޭދެވޭ އަސަރު ޕެޓްރޯލާއި، ޑީސަލް އަދި މަތިންދާބޯޓަށް އަޅާ ތެލުގެ އަގަށް ވަނީ ކޮށްފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރު ބަލާ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ހޯމަ ދުވަހު 4.3 އިންސައްތަ ދަށަށް ގޮސް، ފީފާއެއް ހުރީ 83.55 ޑޮލަރަށެވެ. އަދި އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު 4.9 އިންސައްތަ ދަށަށް ގޮސް، ފީފާއެއް ހުރީ 80.74 ޑޮލަރަށެވެ. އަޅާކިޔާލާއިރު، ހަނގުރާމައިގެ ކުރިން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހުރީ 70 ޑޮލަރުގައެވެ.

އިގްތިސާދީ މާހިރު މުހައްމަދު އަލް-އެރިއަން ވިދާޅުވީ، އޭޕްރީލް މަހާ އަޅާބަލާއިރު މެއި މަހު ތެލުގެ އަގު ދަށަށް ދިޔަ ނަމަވެސް، މުޅި އަހަރަށް ބަލާއިރު އަގުތައް އަދިވެސް ހުރީ ވަރަށް މަތީގައެވެ. ކަނޑުއޮޅި ހުޅުވާލި ނަމަވެސް، އުފެއްދުންތެރިކަން ފެށުމުގައި ހުރި ގޮންޖެހުންތަކާއެކު، ހަނގުރާމައިގެ ކުރިން ހުރި އަގުތަކަށް ރުޖޫއަވާން ނަގާނެ ވަގުތަކާ މެދު ބާޒާރުގައި ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ހަކަތައިގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި، ދުނިޔޭގެ ގައުމުތަކުން ގަލްފް ސަރަހައްދަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ކެޕިޓަލް އިކޮނޮމިކްސްއިން ލަފާކުރެއެވެ.

ޔޫއޭއީން ހުރްމުޒް ކަނޑުއޮޅި ނޫން އެހެން މަގުތަކުން (ޕައިޕްލައިން މެދުވެރިކޮށް) ތެޔޮ ފޮނުވޭނެ ގޮތްތައް ފުޅާކޮށް، އިންޑިއާގައި ތެޔޮ ރައްކާކުރާ ނިޒާމުތައް އިތުރުކުރަން މަސައްކަތް ކުރުމަކީ، ތެޔޮ އުފައްދާ ގައުމުތަކުން ވެސް ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމުގައި ތަފާތު މަގުތައް ހޯދަމުންދާ ކަމުގެ ހެއްކެކެވެ.

މި ކާރިސާގެ އަސަރު މުޅި ދުނިޔޭގެ އިގްތިސާދަށް ވަނީ ކޮށްފައެވެ. ހަނގުރާމައިގެ ކުރިން ބެލެވިފައި އޮތީ އިނގިރޭސިވިލާތުގެ އިގްތިސާދު ކުރިއަރައި، އިންފްލޭޝަން ދަށަށް ދިއުމުން ބޭންކް އޮފް އިންގްލެންޑުން އިންޓްރެސްޓް ރޭޓް ކުޑަކުރާނެ ކަމަށެވެ.

ނަމަވެސް އެކަން އެގޮތަކަށް ނުވިއެވެ. ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، އިންފްލޭޝަން މަތިވުމާ ގުޅިގެން، ބޭންކުން މިހާރު ނިންމާފައިވަނީ އިންޓްރެސްޓް ރޭޓް އެއްވަރެއްގައި ހިފެހެއްޓުމަށެވެ. ނޫންނަމަ އަހަރުގެ ފަހުކޮޅު ރޭޓްތައް މަތިކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އޭޖޭ ބެލްގެ އިންވެސްޓްމަންޓް ޑައިރެކްޓަރު ރަސް މޯލްޑް ވިދާޅުވީ، މިދިޔަ ހަފުތާއާ ހަމައަށް ބާޒާރުން ލަފާކުރީ 2027 ވަނަ އަހަރުގެ ކުރީކޮޅު އިންޓްރެސްޓް ރޭޓް ދެ ފަހަރު މަތިކުރާނެ ކަމަށެވެ.

ނަމަވެސް މިހާރު ބެލެވެނީ ޑިސެމްބަރު މަހާ ހަމައަށް އެންމެ ފަހަރަކު ރޭޓް މަތިކޮށް، 2027 ގެ ފުރަތަމަ ހަ މަސްދުވަހު އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. މީގެ ސަބަބުން ކުންފުނިތަކަށް މުވައްޒަފުން އިތުރުކުރުމުގެ އިތުބާރު ލިބި، ކަސްޓަމަރުން ޚަރަދުކުރާ މިންވަރު އިތުރުވެ، ފަހަކަށް އައިސް ހީނަރުވެފައިވާ ރިއަލް އެސްޓޭޓް ބާޒާރު އަލުން ހަލުވިވެގެންދާނެއެވެ.

ދުނިޔޭގެ ބާޒާރަށް ގަސްކާނާ ސަޕްލައިކުރާ މިންވަރު އާންމު ހާލަތަކަށް އަތުވެއްޖެނަމަ، ކާބޯތަކެތީގެ އަގުތަކަށް ވެސް ބަދަލު އައުން އެކަށީގެންވެއެވެ. ތެލުގެ ބާވަތްތަކުން އުފައްދާ ގަސްކާނާގެ އަގު ދަށަށް ދާން ނަގާނެ ވަގުތެއް އަދި ނޭނގެއެވެ. ގަސްކާނާގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން ދަނޑުވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ދާއިރާގެ މީހުން ބުނެއެވެ.

މިދަނޑިވަޅުގައި، ހުޅަނގު އުތުރު ޔޫރަޕްގެ ބާޒާރުގައި މަތިންދާބޯޓަށް އަޅާ ތެލުގެ އަގަށް ކުޑަ ބަދަލެއް އައިސްފައިވީ ނަމަވެސް، އާންމު ގަންނަ ފަރާތްތަކަށް މި ލުއި ލިބެން ނަގާނެ ވަގުތެއް ސާފެއް ނޫނެވެ.

އެ ސަރަހައްދުގައި މަތިންދާބޯޓު ތެޔޮ ޓަނެއްގެ އަގު މިހާރު ހުރީ 1,033 ޑޮލަރުގައެވެ. ހަނގުރާމައިގެ ކުރިން މީގެ އަގު ހުރީ 831 ޑޮލަރުގައެވެ. އަދި ހަނގުރާމައިގެ އެންމެ ނުރައްކާތެރި ދަނޑިވަޅުގައި އަގު 1,840 ޑޮލަރަށް އުފުލުނެވެ. އަގުތައް ދަށަށް ދާން ފަށާފައިވަނީ އެމެރިކާއާއި އީރާނުގެ އެއްބަސްވުމުގެ އިއުލާނާ ގުޅިގެންނެވެ.

މަސްދަރު: ބީބީސީ

އެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅިބްރެންޓް ކުރޫޑްތެލުގެ އަގު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ-އީރާން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދުނިޔޭގެ ލީޑަރުން ވިދާޅުވީ ކީކޭ؟

އެމެރިކާ-އީރާން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދުނިޔޭގެ ލީޑަރުން ވިދާޅުވީ ކީކޭ؟

15 ޖޫން 2026
އެމެރިކާއާއި އީރާނުގެ އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެ

އެމެރިކާއާއި އީރާނުގެ އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެ

15 ޖޫން 2026
އެމެރިކާއާއި އީރާނުގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް ޝައްކުތަކާއި ރިސްކުތައް ފިލައިގެން ނުދޭ!

އެމެރިކާއާއި އީރާނުގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް ޝައްކުތަކާއި ރިސްކުތައް ފިލައިގެން ނުދޭ!

15 ޖޫން 2026
އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރާތީ އީރާނުގެ އެތައް ބަޔަކު އެ ގައުމުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް މުޒާހަރާ ކޮށްފި

އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރާތީ އީރާނުގެ އެތައް ބަޔަކު އެ ގައުމުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް މުޒާހަރާ ކޮށްފި

14 ޖޫން 2026
ރަނުގެ އަގު ދަށަށް ދަނީ ކީއްވެ؟

ރަނުގެ އަގު ދަށަށް ދަނީ ކީއްވެ؟

14 ޖޫން 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު