އެމެރިކާއާއި އީރާނުގެ އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެ
އެމެރިކާއާއި އީރާނުގެ މަސްރަހު ފިނިކުރުމަށް ޕާކިސްތާނުން ކުރި މަސައްކަތުން އެއްބަސްވުމަކަށް އާދެވި، ހުރުމުޒް އަލުން ހުޅުވާލަން ނިންމުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައި. މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުން އަންނަ ހުކުރު ދުވަހު ސްވިޒަލޭންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން ތެލުގެ މުއާމަލާތްތައް އެއްވެސް ހުރަހެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ވަނީ ދެއްވާފައި. ފާއިތުވި މަސްތަކުގައި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު 120 ޑޮލަރަށް އުފުލުނު ނަމަވެސް، މި އާ އެއްބަސްވުމާއެކު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު މިހާރު ވަނީ 84.02 ޑޮލަރަށް ވެއްޓިފައި.

ދުނިޔޭގައި އުފައްދާ ތެލުގެ 20 އިންސައްތަ ބޭރުކުރާ އެންމެ މުހިންމު އެއް ކަނޑުގެ މަގު ކަމަށްވާ، ޕާޝިއަން ގަލްފާއި ގަލްފް އޮފް އޮމާން ގުޅުވައިދޭ ހުރުމުޒް ކަނޑުއޮޅީގައި އޮންނަ ބަންދަރު އައްބާސް އެންކަރޭޖްގައި، ތެޔޮ އުފުލާ ބިޔަ ސުޕަޓޭންކަރުތަކާއި، ހަލުވި ސްޕީޑްބޯޓުތަކުގެ އިތުރުން ތެޔޮ ނަގާ ވަސީލަތްތައް ބަހައްޓާފައިވާ މަންޒަރު. | ގެޓީ އިމޭޖަސް
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ޕާކިސްތާނުން ސުލްހައިގެ އެއްބަސްވުމެއް އިއުލާންކުރުމާ ގުޅިގެން، އޭޝިއާގެ ބާޒާރުގައި ތެލުގެ އަގު މިއަދު ހެނދުނު ދަށަށް ގޮސްފިއެވެ. މި އެއްބަސްވުމުގެ ދަށުން، ތެޔޮ އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިންކުރާ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު 3.8 އިންސައްތަ ދަށަށް ގޮސް، މިހާރު ފީފާއެއް ހުރީ 84.02 ޑޮލަރު (62.48 ޕައުންޑް) އަށެވެ. އަދި އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު 4.1 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 81.40 ޑޮލަރަށް ވެއްޓިފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަސް ކަމަށްވާ ޖޫން މަހުގެ 19 ވަނަ ދުވަހު ސްވިޒަލޭންޑްގައި އޮންނާނެ ކަމަށެވެ.
މިކަމާ ގުޅިގެން ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެ ފަހުން ތެލުގެ މުއާމަލާތްތައް އެއްވެސް ހުރަހެއް ނެތި ކުރިއަށްދާނެ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ވައިގެ ހަމަލާތަކެއް ދޭން ފެށި ފަހުން، ހުރުމުޒް ކަނޑުއޮޅި އޮތީ މައިގަނޑު ގޮތެއްގައި ބަންދުކޮށްފައެވެ.
ދުނިޔޭގައި ބޭނުންކުރާ ތެލާއި ގުދުރަތީ ގޭސް (އެލް.އެން.ޖީ) ގެ ގާތްގަނޑަކަށް 20 އިންސައްތަ އާންމުކޮށް އުފުލާ މި މުހިންމު ކަނޑުއޮޅި ބޭނުންކުރާ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު މީގެ ކުރިން އީރާނުގެ ވެރިރަށް ތެހެރާނުން އޮތީ ދީފައެވެ.
އެމެރިކާއާއި އިޒްެރޭލުން އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން، ފާއިތުވި މަސްތަކުގައި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައި، ތެލުގެ އަގުތައް ވަރަށް ބޮޑަށް އުފުލި އަދި ދަށަށް ގޮސްފައެވެ.
މި ހަމަނުޖެހުންތައް ފެށުމުގެ ކުރިން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ގާތްގަނޑަކަށް 70 ޑޮލަރުގައި ހުރި ނަމަވެސް، ހަނގުރާމައިގެ ތެރޭގައި އެ އަގު ވަނީ 120 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ.





