އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް، ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު
މީދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒު ވަނީ ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ދީނީ އަދި ތައުލީމީ ނިޒާމަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. މި ސަރުކާރުން އިޒްރޭލު ފިޔަވައި ހުރިހާ ގައުމަކާ ގުޅުން ބާއްވާނެކަން ފާހަގަކުރައްވައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމާއި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުން ފަދަ ބިނާކުރަނިވި މަސައްކަތްތައް ކުރަމުންދާ ކަމުގެ ޔަގީންކަން ރައީސް ދެއްވި. މީގެ އިތުރުން، ގައުމީ ސަލާމަތީ ހިދުމަތްތައް ހަރުދަނާކޮށް، ގައުމުގެ މަސްލަހަތު އިސްކުރުމުގައި މި ސަރުކާރުން ދެމިއޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި.


އާދިއްތަ ދުވަހުގެ ރޭ ދ.މީދޫގައި ބޭއްވި ޕީއެންސީ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ޕީއެންސީ
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް ކަމަށާއި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ ދ. މީދޫގައި ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ އެމްޑީޕީގެ ދެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ގާނޫނު އަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖލީހަށް އެނގުމެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ސިޓީއެއް ފޮނުވައިގެން ދޫކޮށްލި ކަމަށެވެ. މިސަރުކާރުން އެކަނޑުގެ ސަރައްހަދު ހޯދުމަށް ބޮޑު ހަރަދެއް ކުރާ ކަމަށާއި، ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން ގާނޫނީ ވަކީލުންނަށް ބޮޑު ހޭދައެއް ކުރީ ކަނޑުގެ ބޮޑު ބައެއް ދޫކޮށްލުމަށް ކަމަށެވެ.
މިއީ ކަންތައް ހިނގާާފައިވާ ގޮތް. އެއީ އޭރު ކަންތައް ވީ ގޮތް. އެ ފަނާކުރަނިވި ސިޔާސަތުން ކަންކަން ރައްޔިތުންނަށް ލިބުނު ގޮތް. އެހެންނަމަވެސް މި ބިނާކުރަނިވި ސިޔާސަތުގެ ދަށުން އެ ފޮނުވި ސިޓީ މިހާރު އެއޮތީ އަނބުރާ ގެނެސްފައި. މިހާރު އެ ގެއްލުވާލި އެ ދޫކޮށްލި އެ ވިއްކާލި ކަނޑުގެ ސަރަހައްދު އެއީ ރަސްމީކޮށް އަނެއްކާ ވެސް ގާނޫނީ ހަމަތަކުގެ މަތިން މިރާއްޖޭގައި ހުރި ގާނޫނުތަކުގައިވާ ގޮތުގެ މަތިން އަޅުގަނޑުމެންގެ ބައެއް ކަމުގައި އަޅުގަނޑުމެން ވާނީ ކަނޑައަޅާފައި. އެހެންނަމަވެސް އިންޓަނޭޝަނަލް މިންގަނޑު ހުންނަ ގޮތުން އަޅުގަނޑުމެން ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރަން ޖެހޭ. އެ މަސައްކަތް އެބަ ހިނގާ. ރަސްމީކޮށް އެބައި ސަރުކާރުން މިދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ރަސްމީކޮށް ހިމެނުމަށްޓަކައި އެ ކުރަންޖެހޭ މަސައްކަތް ކުރަމުން. ހަރަދު ބޮޑު މަސައްކަތެއް.ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މިސަރުކާރުގެ ހާރިޖީ ސިޔާސަތަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އިޒްރޭލު ފިޔަވައި ހުރިހާ ގައުމަކާ ގުޅުން ގާއިމް ކުރާނެ ކަމަށެވެ. އަދި އަބަދު ވެސް އިސްވާނީ ދިވެހީންނާއި، ދިވެހި ގައުމު ކަމަށާއި، ވަކި ގައުމަކުން ބޭނުންވާހާ ގޮތަކަށް ރާއްޖޭގައި ކަންކަން ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އިޒްރޭލްއާ ވެސް ގުޅުން ބަދަހި ކުރި ކަމަށާއި، އެއީ ފެންނަން އޮތް ހަގީގަތް ކަމަށެވެ.
މީގެ މާދުރު ނޫން މާޒީގައި އިޒްރޭލްއާ ވަރަށް ބޮޑަށް ގާތްވެގެން ދިޔަތަން. ގާތްވެގެން ދިޔަވަރަކީ އަޅުގަނޑުމެންގެ ލޮލަށް ފަރުވާ ކުރަން ޑޮކްޓަރުން ގެންނަން ވެސް އުޅުނީ އިޒްރޭލުންނެއްނުންތޯ. މިއީ މާދުރުގައި ހިނގިކަންކަމެއް ނޫން މިއީ. އިޒްރޭލްގެ އެއާލައިން މިތަނުގައި އުދުހުމާއި، ކަންތައްތައް ތައްޔާރުކޮށް މިހުރިހާ ކަމެއް ވެސް ހިނގަމުންނެއްނުންތޯ ދިޔައީ. އެހެންނަމަވެސް ގައުމު ދެކެ ލޯބިވާ ރައްޔިތުން ނުކުމެ އިހްތިޖާޖު ކޮށްގެން އެކަން ހުއްޓުވަން ޖެހުނީ. އެއީ ފަނާކުރަނިވި ސިޔާސަތު ތަންފީޒު ކުރިއިރު ކަން ހިނގި ގޮތް. އެހެންނަމަވެސް މި ބިނާކުރަނިވި ފިކުރުގައި އިޒްރޭލުގެ ޕާސްޕޯޓުގައި މިގައުމަށް އައުން އެއޮތީ މަނާކޮށްފައި.ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ގައުމާއި ދިވެހީން އިސްކުރުމުގެ ތަފާތު މިހާރު ރައްޔިތުންނަށް އެނގޭނެކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިސަރުކާރުގެ ސިޔާސަތަކީ އިސްލާމް ދީނަށް ނަސްރު ދިނުމުގެ ސިޔާސަތު ކަމަށާއި، ނަމަވެސް މީގެ ކުރިން ރައްޔިތުންނަށް ފެނިގެންދިޔައީ ކޮންމެހެން އަބަދު ހަމައިގައި ތިބެން ނުޖެހޭނެ ސިޔާސަތު ކަމަށެވެ.
އެގޮތުން އެމްޑީޕީގެ ސަރުކާރުތަކުގައި ޑްރަގާއި ވޭޕާއި މިބާވަތުގެ ހުރިހާ އެއްޗެއް އާއްމުކުރި ކަމަށާއި، ނަމަވެސް މިސަރުކާރުން އެކަން ކޮންޓްރޯލް ކުރި ކަމަށެވެ. ތަރައްގީގައި މިސަރުކާރުން އެންމެ އިސްކަމެއް ދެމުންދަނީ އިންސާނުންގެ ސިކުނޑިތައް ތަރައްގީ ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ ކުރިން އަޅުގަނޑުމެންނަށް ފެނިފައިވަނީ ދީނާ ދުރު ސިޔާސަތު. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ސިޔާސަތަކަށް ވެފައި އޮތީ އޯލްޓަނޭޓިވް ނެރޭޓިވް ހޯދުމުގެ ސިޔާސަތު. ދީނީ އިލްމުވެރިން ދައްކާ ވާހަކަ ނޫން ގޮތެއް ހޯދުމުގެ ސިޔާސަތު. ކީރިތި ގުރުއާނާއި ސުންނަތުގައި އޮތްގޮތް ފިޔަވައި އެއަށްވުރެ މޮޅު ގޮތެއް ހޯދުމުގެ ސިޔާސަތު. ހަމަ އެ ފިކުރުގެ އެ ޕާޓީގެ ދެން އައި ސަރުކާރުގައި އޮތީ އެމްޑީއެންގެ ރިޕޯޓުގެ ސިޔާސަތު. އަޅުގަނޑުމެންގެ އަގީދާއަށް ޖޯކު ޖެހުމުގެ ސިޔާސަތު. އެ ޖޯކު ޖެހި މީހުންނަށް އަޅުގަނޑުމެންގެ ރައްޔިތުންގެ ފައިސާއިން މުސާރަ ދީގެން 5 އަހަރު ނިންމާލި ސިޔާސަތު. މިއީ ހަގީގަތް.ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް މުއިއްޒު ވިދާޅުވީ މި ރާއްޖޭގައި ރައްޔިތުންނަށް އިހުތިޔާރު ކުރަން އޮތީ ދެ ރާސްތާއެއް ކަމަށެވެ. އެއީ ކާމިޔާބީގެ ރާސްތާ އާއި ގެއްލުމާއި ހަލާކުގެ ރާސްތާ ކަމަށެވެ. އަދި ގެއްލުމާއި ހަލާކުގެ ރާސްތާގެ ތެރެއިން މިގައުމުގައި އަރަބި އިސްލާމީ ތައުލީމު ނައްތާލުމަށް ވެސް އެމްޑީޕީގެ ސަރުކާރުތަކުން މަސައްކަތް ކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި، ބެލެނިވެރީން ރެފިއުޖީންނަށް ހެދި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އަރަބި އިސްލާމީ ތައުލީމު ނައްތާލުން އެއީ މިދެންނެވި ފަނާކުރަނިވި ފިކުރުން ކަންކުރި ގޮތެއް ނޫންތޯ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ދެ ވަނަ ސަރުކާރާއެކު އަރަބި އިސްލާމީ ތައުލީމު ނައްތާލުން. އަރަބިއްޔާ ސްކޫލު ތަޅާލައި މަގުމަތި ކުރިއެއްނުންތޯ. ރެފިއުޖީންނަށް ހެދީ އަރަބިއްޔާ ސްކޫލުގެ ކުދިންނާއި، ބެލެނިވެރީން. އެހެން ނަމަވެސް މި ބިނާކުރަނިވި ފިކުރުން މިހާރު އެ ވަނީ އަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު މިބިމެއް ހަމަޖައްސައިދީ ސްކޫލެއް އަޅައިދެމުން އެ ދަނީ. އިރާދަކުރެއްވިއްޔާ މިއަންނަ ދިރާސީ އަހަރު އެ ސްކޫލު ހުޅުވައި ކިޔަވަން ފަށާނެ. އެއީ ބިނާ ކުރަނިފިކުރާއި، ފަނާކުރަނިވި ފިކުރުގެ ހުރި ތަފާތަކީ.ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ފުލުހުންނާއި، ސިފައިންގެ މުއައްސަސާއަށް އަލިއަޅުއްވާލައްވައި ރައީސް މުއިއްޒު ވިދާޅުވީ މީގެ ކުރިން މި ދެމުއައްސަސާއަށް އަޅާލުމެއް ނެތް ކަމަށާއި، އެމްޑީޕީގެ ސަރުކާރުގައި މަސައްކަތް ކުރީ ފުލުހުންގެ ގައިގައި ތަޅާނެ ކުދީން ހޯދުމަށް ކަމަށެވެ. އަދި ސިފައިންނަށް ކުރީ މަލާމާތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް މިސަރުކާރުން މަސައްކަތް ކުރަނީ ފަރުދީ ލެވަލްއިން މުޅި ދެ މުއައްސަސާ ތަރައްގީ ކުރުމުގެ ސިޔާސަތު ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ބިދޭސީންގެ މައްސަލައަށް ވެސް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުތަކުގައި އެއީ ކޮންބައެއް ކަމާއި، ކިތައް މީހުން ކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް ބިނާކުރަނިވި ފިކުރާއެކު މި ކޮރަޕްޝަންގެ ބޮޑު މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށައި، މިގައުމުގައި އުޅެނީ ކޮންބައެއް ކަމާއި، ކިތައް މީހުންކަން ދެނެގަނެގަތުމުގެ ގަވާއިދާ ހިލާފުވާ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގައުމަށް މާނަހުރި، ގައުމަށް ފައިދާވާ ގައުމީ ލޯބި އިސްކޮށްގެން ގައުމަށްޓަކައި މަސައްކަތް ކުރަނީ ކޮންބައެއްކަން މިއަދު ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.






