ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ވަށާޖެހޭ ގޮތުގައި މަސައްކަތެއް ކޮށްފައިނުވޭ: ރައީސް މުއިއްޒު
ރައީސް އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ކުނިކޮށިތައް ގާއިމުކޮށް، ގޮނޑުދޮށްތައް ހިމާޔަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ތިމާވެށި ހިމާޔަތްކުރުމާއެކު ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވައި، އިޔާދަކުރަނިވި ހަކަތައިގެ 33 އިންސައްތައިގެ އަމާޒު ހާސިލްކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި. ނަމަވެސް ބައެއް ރަށްރަށުގައި ތިމާވެށީގެ މަޝްރޫއުތައް ހުއްޓިފައިވުމާއި، އީއައިއޭ ރިޕޯޓުތަކާ ހިލާފަށް ބައެއް މަސައްކަތްތައް ކުރިއަށްދާތީ އާންމު ރައްޔިތުންގެ ކަންބޮޑުވުންފާޅު ކޮށްފައިވޭ.


'ދަ ޕަލްސް'ގެ ނަމުގައި ފެށި ޕޮޑްކާސްޓްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް
ކުރީގެ ސަރުކާރުތަކުން ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ވަށާޖެހޭ ގޮތުގައި މަސައްކަތް ކޮށްފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ރައީސް އޮފީހުން ވަނީ މުޖުތަމައުގެ ވިންދާ ގުޅިފައިވާ މުހިންމު ކަންކަމަށް އަމާޒުކޮށް، "ދަ ޕަލްސް"ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް ފަށާފަ އެވެ.
މި ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރުގެ ކުނި ކޮށިތައް ގާއިމްކޮށް ހުރިހާ ރަށެއްގެ ގޮނޑުދޮށް ހިމާޔަަތް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖެ ފެހިކުރުމުގެ ބޮޑު މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމުމާއި، އިޔާދަކުރަނިވި ހަކަތައިގެ 33 އިންސައްތައިގެ އަމާޒު ހާސިލްކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ވަށާޖެހޭ ގޮތަށް ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަންޖެހޭކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިސަރުކާރުން އެގޮތަށް މަސައްކަތް ކުރި ނަމަވެސް ކުރީ ސަރުކާރުތަކުގައި އެގޮތަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ކުނިކޮށިތައް ގާއިމުކޮށް، ގޮނޑުދޮށްތައް ހިމާޔަތް ކުރާނެ ކަމަށެވެ.
ތިމާވެށި ހިމާޔަތް ކުރާ ވާހަކަ އަޅުގަނޑު ދައްކަނީ މިސަރުކާރުން ދައްކަނީ ވަރަށް ޕްރެކްޓިކަލްކޮށް ނަތީޖާ ނެރެވޭ ގޮތަށް ވަށާ ޖެހޭ ގޮތަށްށޭ. މީގެ ކުރީގެ އެސަމާލުކަން އެގޮތަށްދެވިފައި ނެތީއޭ. ހަމައެކަނި ތަރައްގީގެ މަސައްކަތްތަކަށް ނޫނިއްޔާ ތިމާވެށި ހިމާޔަތް ކުރުމުގެ އެއްބައި މި ކުރިއަށް ގެންދެވެނީ. އެ ވަށާޖެހޭ ގޮތަކަށް އެކަން ކުރެވިފައި ނެތީމަ އެކަން އެއޮތީ ނުވެފައި. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މިއަހަރާއި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ޓާގެޓް ހާސިލް ކުރާނަން. ކުނި މެނޭޖް ކުރުން ކަމުގައި ވިޔަސް އަދި ގޮޑުދޮށް ހިމާޔަތް ކުރުން ކަމުގައި ވިޔަސް މި ހުރިހާ މަޝްރޫއުތައް ނިންމާލެވޭނެ.ރައީސް ޑރ.މުހައްމަދު މުއިއްޒު
ބިން ހިއްކުމުގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ބިން ހިއްކުމަކީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަނީ ތިމާވެށި ހިމާޔަތްކުރެވޭނެ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން ރަސްމާލެ ހިއްކާއިރު، އެސަރަހައްދުގައި މުރަކަ އާލާކުރުމުގެ ޕްރޮގްރާމުތައް ހިންގާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ މަސައްކަތްތައް ކުރިއަށް ގެންދަނީ ތަރައްގީ އާއި ތިމާވެއްޓާއި އެކުއެކީގައި ގުޅިލާމެހިގެންދާނެ ގޮތަަށް ކަމަށެވެ.
ރައީސް މުއިއްޒު މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އީއައިއޭ ރިޕޯޓާ ހިލާފަށް ބިން ހިއްކާ މައްސަލަ އާއި، ބޮޑެތި ގަސްތައް ކަނޑާ މައްސަލަތައް ފެންމަތިވެފައިވެ އެވެ. އަދި މިސަރުކާރުގައި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ހުރި ގަސްތައް ވަނީ ކަނޑާފަ އެވެ.
މީގެ އިތުރުން ސަރުކާރުގައި ފަށާފައިވާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކާއި، ޒަމަނީ ފެންވަރަށް ގާއިމްކުރާ ކުނި ކޮށިތަކުގެ މަސައްކަތްތައް ހުއްޓުވާފައިވާ މައްސަލަތަކުގައި ރަށްރަށުގެ ރައްޔިތުން ކަންބޮޑުވުންފާޅު ކޮށްފައިވެ އެވެ.







