އަސާސީ ހައްގެއް ބޭނުން ކުރުމުން އުފުލަނީ ޖިނާއީ ދައުވާ، މިގޮތަށް މިކަން ކުރާނަމަ ގައުމުގެ ހާލަތު ވަރަށް ގޯސްވާނެ: ވަކީލް ނިޝާން
ރައްޔިތުންގެ އަސާސީ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުންދާ ކަމަށް ވިދާޅުވެ، ގާނޫނީ ވަކީލް ނިޝާން މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. މުޒާހަރާކުރުން ފަދަ ހައްގުތައް ބޭނުންކުރާ މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި އަދަބު ދިނުމަށް މަސައްކަތްކުރުމަކީ ގައުމުގެ ހާލަތު ގޯސްވާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވި. އަދި ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުން އިންތިޚާބުތަކުގައި ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނަމުންދާ ކަމަށް ވެސް ނިޝާން ވިދާޅުވި.


އާދިއްތަ ދުވަހު ރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވާހަކަދައްކަވަނީ. | ރާއްޖެއެމްވީ
ރާއްޖޭގެ ރައްޔިތުން އަސާސީ ހައްގެއް ބޭނުން ކުރުމުން އެ ރައްޔިތުންގެ މައްޗަށް ޖިނާއީ ދައުވާ ކުރާނަމަ ގައުމުގެ ހާލަތަށް ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ރޭގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ނިޝާން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ރެފެރެންޑަމް އިންތިޚާބެއް ބޭއްވީ މުޅިން އަނދިރި މަގުސަދެއްގައި ކަމަށާއި، ނަމަވެސް އެ އިންތިޚާބުގެ ނަތީޖާއިން މިސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާ ކަމަށެވެ. އަދި އޭގެފަހުން ބާއްވާ ހުރިހާ އިންތިޚާބުތަކެއްގައި ވެސް ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިސަރުކާރަށް ދެއަހަރައި ބަޔަށްވުރެ ގިނަ ދުވަސްވީއިރު ސަރުކާރު ނިމޭކޮޅަށް އެޅޭއިރުގައި ފެންނަމުން މިދަނީ މިއައި އިންތިޚާބުތަކުން މިހައި ބޮޑަށް ބަލިވެގެން ދިއުމުގެ ހިކުމަތަކީ ސަރުކާރެއްގެ ޕާފޯމަންސް ސަރުކާރުން ދައްކަން ޖެހޭ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައި ހުރި ޚާއްސަކޮށް 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ހައްގާއި ވާޖިބުތަކާއި، ރައީސުލްޖުމްހޫރިއްޔާ އަދާކުރަން ޖެހޭ ވާޖިބުތައް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގައި ބަޔާންކުރާ ދުސްތޫރީ އިޖުރާއަތުގައި އޮންނަ ހަމައިގެ ތެރެއިން އެކަންކަން ނުކުރެވުމުގެ ނަތީޖާ މިއަދު ރައްޔިތުން މިއަދު ނޫނެކޭ އެ ބުނަނީ.ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް
މީގެ އިތުރުން ނިޝާން ވިދާޅުވީ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުންދާ ކަމަށެވެ. މިއީ ވެސް މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނާ މައިގަނޑު އެއް ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޝާން ވިދާޅުވީ، އަސާސީ ހައްގެއް ބޭނުން ކުރުމުން، އެ ރައްޔިތުންގެ މައްޗަށް މިސަރުޚާރުން ޖިނާއީ ދައުވާ އުފުލާ ކަމަށާއި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަސާސީ ގޮތުން ރައްޔިތަކަށް ނުވަތަ އިންސާނަކަށް ދީފައި އޮތް ހައްގަކަށް ބާރު ހުންނަ ފަރާތަކުން އަރައިގަނަމުން ދިއުމަކީ އެތަނެއްގައި ތިބޭ ބަޔަކު އެބަޔަކަށް ނޫނެކޭ ބުނާނެ ސަބަބެއް އެނގޭތޯ. އެއީ އަޅުގަނޑު މިދަންނަވަނީ މިސާލަކަށް ބުނާނަމަ މާދަމާ ވެސް އެބަ އޮތް އޭގެ އަނެއް ދުވަހު ވެސް މިހަފްތާ ތެރޭގައި އެބައޮތް ކްރިމިނަލް ކޯޓަށް މުޒާހަރާތަކާ ގުޅިގެން އަސާސީ ހައްގު ހޯދަން ރައްޔިތުން ނުކުތުމުގެ ތެރެއިން ޖިނާއީ ދައުވާތަކުގެ ލިޔެކިއުމާ ހަވާލުވާން ދާން މިފެށޭ ހަފްތާގައި މާދަމާއިން ފެށިގެން ބަރިބަރިއަށް ބަޔަކު އެބަ ކްރިމިނަލް ކޯޓަށް ލިޔެކިއުންތަކާ ހަވާލުވާން. އެއީ މިދިޔަ މުޒާހަރާތަކުގައި ހައްޔަރުކުރި މީހުންނާއި، މުޒާހަރާތަކަށް ދިޔަ މީހުންނާއި މިކަންކަމާ ގުޅިގެން ކުރާ ޖިނާއީ ދައުވާ.ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް
ނިޝާން ވިދާޅުވީ މިސަރުކާރުގެ ވިސްނުން ހުރީ ސަރުކާރުގެ ވިސްނުން ހުރީ އަސާސީ ގޮތުން ދީފައި ހުރި ހުރިހާ ހައްގަކީ ޖިނާއީ ކުށް ގޮތުގައި ކަނޑައެޅުމުގެ ވިސްނުން ކަމަށެވެ.
އެގޮތުން އެ ހައްގުތައް ބޭނުންކުރާ ރައްޔިތުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، ރައްޔިތުން ޖަލަށްލައި، އަނގަ ބަންދުކޮށް ރައްޔިތުންނަށް އަދަބު ދިނުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން މިގޮތަށް އަމަލުކުރާ ނަމަ ގައުމުގެ ހާލަތު ވަރަށް ގޯސްވާނެ ކަމަށާއި، ރައްޔިތުން އެ ފުރުސަތު ސަރުކާރަށް ނުދޭނެ ކަމަށެވެ.
މީގެ އިތުރުން ނިޝާން ވިދާޅުވީ ވޯޓާއެކު ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ލިބޭއިރު، އެ ރައްޔިތުން ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށާއި، ހޮނޑުލާނެ ކަމަށެވެ. އަދި މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން ސަރުކާރުން އިބްރަތް ހާސިލްކޮށް ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަތުން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.






