ކިއުރުސާއޯ ކޮޅަށް ހަތް ލަނޑު ޖަހައި ޖަރުމަނަށް ވަރުގަދަ ފެށުމެއް
މެޗުން މޮޅުވެ ޖަރުމަނުން ވަރުގަދަ ފެށުމެއް ހޯދިއިރު، އެ ޓީމު އޮތީ މި ގުރޫޕުގެ އެއް ވަނައިގައި. މުބާރާތުގެ ދެ ވަނަ މެޗުގައި ޖަރުމަނު ނިކުންނާނީ އައިވަރީ ކޯސްޓާ ދެކޮޅަށް. އަދި ފަހު މެޗުގައި ނިކުންނާނީ އެކުއެޑޯއާ ދެކޮޅަށް.


މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އީގައި ކިއުރުސާއޯއާ ދެކޮޅަށް ކުޅުނު މެޗުން، ޖަރުމަނު ބޮޑު މޮޅެއް ހޯދައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ އެންއާރުޖީ ސްޓޭޑިއަމްގައި ކުޅުނު މެޗު ޖަރުމަނުން ކާމިޔާބު ކުރީ 7-1 އިންނެވެ. މެޗުގައި ޖަރުމަނުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ކިއުރުސާއޯ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، އިތުރު ހަ ލަނޑު ޖަހައިގެން ޖަރުމަނު ވަނީ މެޗުން މޮޅުވެފައި އެވެ.
މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ޖަރުމަނަށް ލީޑު ނަގައިދިނީ ފެލިކްސް އެންމެޗާ އެވެ. ނަމަވެސް މެޗުގެ 21 ވަނަ މިނެޓުގައި ލިވާނޯ ކޮމެނެންސިއާ ވަނީ ލަނޑު ޖަހައި ކިއުރުސާއޯ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައި އެވެ. ދެ ވަނަ ފަހަރަށް ޖަރުމަނުން ލީޑު ނެގީ 38 ވަނަ މިނެޓުގައި ނިކޯ ޝްލޮޓަބެކް ޖެހި ލަނޑުންނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަރުމަނަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްދިނީ ކައި ހަވާޓްޒް އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ޖަމާލް މުސިއާލާ ވަނީ ޖަރުމަނުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން 68 ވަނަ މިނެޓުގައި ޖަރުމަނުގެ ފަސް ވަނަ ލަނޑު ޖެހީ ނަތަނިއަލް ބްރައުން އެވެ. އޭގެ ދިހަ މިނެޓު ފަހުން ޖަރުމަނުގެ ހަ ވަނަ ލަނޑު ޑެނީޒް އުންޑާވް ޖެހިއިރު، އެ ޓީމުގެ ފަހު ލަނޑު ޖެހީ ހަވާޓްޒް އެވެ.
މެޗުން މޮޅުވެ ޖަރުމަނުން ވަރުގަދަ ފެށުމެއް ހޯދިއިރު، އެ ޓީމު އޮތީ މި ގުރޫޕުގެ އެއް ވަނައިގަ އެވެ. މުބާރާތުގެ ދެ ވަނަ މެޗުގައި ޖަރުމަނު ނިކުންނާނީ އައިވަރީ ކޯސްޓާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ނިކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ. ޖަރުމަނަކީ މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަަމަށް ބެލެވޭ ޓީމު ތަކުގެ ތެރޭގައި ވެސް ހިމެނޭ ޓީމެކެވެ.






