އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި
މިއީ މުބާރާތެއްގައި އަމަލީ ގޮތުން ބައިވެރި ނުވި ނަމަވެސް، ރެފްރީ އަކަށް މިފަދަ ގޮތަކަށް މުބާރާތުގެ ފީއެއް ދިނުމަށް ނިންމި ފުރަތަމަ ފަހަރު.


ސޯމާލިއާގެ ރެފްރީ އޮމާރް ޢަބްދުލް ޤާދިރު އަރްޓާން. | ރޮއިޓާސް
އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް ފީފާ އިން ނަގާފައިހުރި ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާ ކުރި ސޯމާލިއާގެ ރެފްރީ އޮމާރް ޢަބްދުލް ޤާދިރު އަރްޓާން އަށް މުބާރާތުގެ ފީ ދިނުމަށް ފީފާ އިން ނިންމައިފި އެވެ.
މިއީ މުބާރާތެއްގައި އަމަލީ ގޮތުން ބައިވެރި ނުވި ނަމަވެސް، ރެފްރީ އަކަށް މިފަދަ ގޮތަކަށް މުބާރާތުގެ ފީއެއް ދިނުމަށް ނިންމި ފުރަތަމަ ފަހަރެވެ.
މިދިޔަ ހޯމަ ދުވަހު އެމެރިކާގެ މިއާމީ އިންޓަނޭޝަނަލް އެއާޕޯޓް އިން އަރްޓާން އެމެރިކާ އަށް އެތެރެވާން އުޅުމުން، އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން ވަނީ 11 ގަޑިއިރު ވަންދެން އޭނާއާ ސުވާލު ކޮށްފަ އެވެ. އޭނާގެ އަތުގައި ސައްހަ ޑިޕްލޮމެޓިކް ޕާސްޕޯޓަކާއި ވިސާ އޮތް ނަމަވެސް، އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އޭނާ އެ ގައުމަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފައި އެވެ. އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަރްޓާން އެ ޤައުމަށް އެތެރެވުން މަނާކުރީ، ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ ބަޔަކާ އޭނާއާ ގުޅުން އޮތް ކަމަށް ބެލެވޭތީ އެވެ.
މި ހާދިސާއާ ގުޅިގެން އަރްޓާން ބުނީ، ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލް ޝަބާބާ އޭނާއާ އޮތް ގުޅުމާ ބެހޭ ގޮތުން ބޯޑަރު އޮފިޝަލުން ސުވާލު ކުރި ކަމަށެވެ. ނަމަވެސް އެ ޖަމާއަތާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި، އެއީ ކޮން ބައެއްކަން ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އަރްޓާން އިތުރަށް ބުނީ، އޭނާގެ އަތުގައި ހުރިހާ ލިޔެކިޔުން ތަކެއް ހަމައަށް ހުރި ކަމަށާއި، އޭނާ އަކީ ހަމައެކަނި ފުޓުބޯޅަ ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި އެމެރިކާ އަށް ދިޔައީ، އޭނާގެ ހަޔާތުގެ އެންމެ ބޮޑު ހުވަފެން ކަމަށްވާ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް ކަމަށް އަރްޓާން ވަނީ ބުނެފައި އެވެ.
އެމެރިކާ އިން އަނބުރާ ތުރުކީ އަށް ފޮނުވާލުމުން، ތުރުކީގައި ތިބި ފީފާގެ އޮފިޝަލުން ވަނީ އަރްޓާން އަށް އެހީތެރިކަން ފޯރުކޮށްދީފައި އެވެ. އޭގެ ފަހުން އޭނާ މިހާރު ވަނީ ސޯމާލިއާގެ ވެރި ރަށް މޮގަދިޝޫ އަށް ގޮސްފައި އެވެ. ބީބީސީ ސްޕޯޓްސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަރްޓާން އަށް މުބާރާތުގައި ބައިވެރި ނުވެވުނު ނަމަވެސް، އޭނާގެ މުސާރަ ފުރިހަމަ އަށް ދިނުމަށް ފީފާ އިން ވަނީ އެއްބަސްވެފައި އެވެ. އާންމު ގޮތެއްގައި ވޯލްޑް ކަޕްގެ ރެފްރީންނަށް ލިބޭ ފީ އެނގެނީ މުބާރާތް ނިމުމުންނެވެ.
އުމުރުން 34 އަހަރުގެ އަރްޓާން އަކީ 2025 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ފިރިހެން ރެފްރީގެ މަގާމު ހޯދާފައިވާ ފަރާތެވެ. އެމެރިކާގެ ވޯލްޑް ކަޕް އިން ފުރުސަތު ގެއްލުނު ނަމަވެސް، އަންނަ އޯގަސްޓް މަހުގެ 12 ވަނަ ދުވަހު އޮސްޓްރިއާގެ ސަލްސްބާގްގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި އެސްޓަން ވިލާ ކުޅޭ ޔުއެފާ ސުޕަ ކަޕް މެޗުގެ ރެފްރީކަން ކުރުމަށް އޭނާ އަށް މިހާރު ވަނީ ދައުވަތު ދީފައި އެވެ.
އަރްޓާން އަކީ ސޯމާލިއާގެ ތާރީޚުގައި ބައްރުގެ ފައިނަލް މެޗެއްގައި ރެފްރީކަން ކުރި ފުރަތަމަ ސޯމާލިއާ މީހާ އެވެ. އެގޮތުން 2025 ވަނަ އަހަރުގެ އެފްރިކަން ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ދެވަނަ ލެގުގައި އޭނާ ވަނީ ރެފްރީކަން ކޮށްފައި އެވެ. މީގެ އިތުރުން، ޗިލީގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ތިން މެޗެއްގައި އޭނާ ރެފްރީކަން ކުރިއިރު، އޭގެ ތެރޭގައި ތިން ވަނަ ހޮވި މެޗު ވެސް ހިމެނެ އެވެ. އަދި 2024 އާއި 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ވެސް އޭނާ ވަނީ މުހިންމު މެޗު ތަކެއް އިންސާފު ކޮށްފައި އެވެ.
އަނބުރާ ގައުމަށް ދިޔުމުން އޭނާ އަށް ލިބުނު ހޫނު މަރުހަބާއަށްޓަކައި ސޯމާލިއާގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރަމުން އަރްޓާން ބުނީ، އޭނާގެ އަމާޒަކީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުން ކަމަށެވެ.






