ފަލަސްޠީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި އަޑު އުފުލާ ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި
ގާޒީ ޖޮންސަން ވިދާޅުވި، އެކަމާ ޓެރަރިޒަމްއާ ގުޅުމެއް އެބަ އޮތް ކަމަށާއި، އިޒްރޭލްގެ ހަތިޔާރުތަކަށް ބޮޑެތި ގެއްލުން ތަކެއް ދީފައިވާ ކަމަށް. އަދި ދައުވާ ލިބުނު ފަރާތްތަކުން މި އަމަލު ހިންގާފައި ވަނީ، އިނގިރޭސިވިލާތުގެ ސަރުކާރަށް ނުފޫޒު ފޯރުވުމަށާއި، އިޒްރޭލްގެ އެންމެ ބޮޑު ހަތިޔާރު އުފައްދާ ކުންފުންޏަށް ބިރު ދެއްކުމުގެ ބޭނުމުގައި ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައި.


ޓެރަރިޒަމްގެ ދައުވާ އުފުލައި ޖަލު ޙުކުމް އިއްވި މީހުންގެ ފޮޓޯ ޖަހާފައިވާ ޕޯސްޓަރު ތަކެއް. | ރޮއިޓާސް
ފަލަސްޠީނުގެ ހައްގުގައި އަޑު އުފުލުމަށް ޙަރަކާތްތެރި ވަމުން ގެންދިޔަ ހަތަރު މީހަކަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ފަސް އަހަރާއި އަށް އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އިނގިރޭސިވިލާތުގެ ކޯޓަކުން އިއްވައިފި އެވެ.
ވޫލްވިޗް ކްރައުން ކޯޓުގެ ގާޒީ ޖެރެމީ ޖޮންސަން ކޮށްފައިވާ ޙުކުމުގައި ވިދާޅުވެފައި ވަނީ، ބްރިސްޓަލްގައި އޮންނަ އެލްބިޓް ސިސްޓަމްސްގެ ތަނަށް މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ދިން ހަމަލާ އަކީ ޓެރަރިސްޓު އަމަލެއް ކަމަށެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ސާބިތު ވެފައި ވަނީ ހަތަރު މީހެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެކަކަށް ފުލުހުންގެ އޮފިސަރަކަށް ހަމަލާ ދިނުމުގެ ދައުވާ ވެސް ސާބިތުވާ ކަމަށް ވަނީ ކަނޑަ އަޅައިފަ އެވެ.
ފަލަސްޠީނުގެ އެކްޝަން ގުރޫޕް އިން ބުނެފައި ވަނީ، އެ މީހުންގެ މަޤުސަދަކީ ފަލަސްޠީނުގެ ޣައްޒާގައި މީހުން ޝަހީދު ކުރުމަށް ބޭނުން ކުރާ ކަމަށް ބެލެވޭ ޑްރޯން ތަކާއި ހަތިޔާރުތައް ހަލާކު ކުރުން ކަމަށެވެ. ފަލަސްޠީނު އެކްޝަން ގުރޫޕް އަކީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިނގިރޭސިވިލާތުން ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ރަސްމީކޮށް ކަނޑަ އަޅާފައިވާ ގުރޫޕެކެވެ.
ގާޒީ ޖޮންސަން ވިދާޅުވި، އެކަމާ ޓެރަރިޒަމްއާ ގުޅުމެއް އެބަ އޮތް ކަމަށާއި، އިޒްރޭލްގެ ހަތިޔާރު ތަކަށް ބޮޑެތި ގެއްލުން ތަކެއް ދީފައިވާ ކަމަށެވެ. އަދި ދައުވާ ލިބުނު ފަރާތް ތަކުން މި އަމަލު ހިންގާފައި ވަނީ، އިނގިރޭސިވިލާތުގެ ސަރުކާރަށް ނުފޫޒު ފޯރުވުމަށާއި، އިޒްރޭލްގެ އެންމެ ބޮޑު ހަތިޔާރު އުފައްދާ ކުންފުންޏަށް ބިރު ދެއްކުމުގެ ބޭނުމުގައި ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައި އެވެ.
މީގެ ތެރޭގައި ހިމެނޭ އުމުރުން 23 އަހަރުގެ ސެމިއުއަލް ކޯނާ އަށް ކޮށްފައިވާ ވަނީ ހަތް އަހަރާއި އަށް މަސް ދުވަހުގެ ޙުކުމެކެވެ. އޭނާގެ މައްޗަށް ސާބިތު ވެފައި ވަނީ ފުލުހުންގެ އޮފިސަރެއް ކަމަށްވާ ކޭޓް އީވާންސްގެ ބޮލުގައި ޖަހައި، ދެ ފަހަރު ހަމަލާ ދީފައިވާ ކަމަށް ބުނާ ދައުވާ އެވެ.
ހަމަ އެހެންމެ، އުމުރުން 30 އަހަރުގެ ޝާލެޓް ހެޑް އަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފަ އެވެ. އޭނާގެ އިތުރުން އުމުރުން 30 އަހަރުގެ ލިއޯނާ ކަމިއޯ އަށް ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވިއުރު، ފާތިމާ ރަޖްވާނީ އަށް އިއްވާފައި ވަނީ ހަތަރު އަހަރު ދުވަހުގެ ޖަލު ޙުކުމެކެވެ.
މި މީހުންނަށް ޙުކުމް ކޮށްފައިވާއިރު، ކޯޓު ސަރަހައްދަށް އެއްވެ އެތައް ބަޔަކު ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. އެ އެއްވުމުގެ ތެރެއިން ވެސް ގިނަ އަދަދެއްގެ މީހުން ވަނީ ހައްޔަރު ކޮށްފައި އެވެ.
މަސްދަރު: އަލް ޖަޒީރާ







