ޕްރޮސްޓޭޓް ކެންސަރުގެ ފަރުވާ އަވަސްކޮށްދޭ "ޕްރެސިޝަން ރޭޑިއޯތެރަޕީ" އިނގިރޭސިވިލާތުން ތައާރަފުކޮށްފި
އިނގިރޭސިވިލާތުގައި ޕްރޮސްޓޭޓް ކެންސަރަށް ދޭ ފަރުވާގެ ސެޝަންތައް 20 އިން 5 އަށް މަދުކޮށްދޭ ބާރުގަދަ "އެސް.އޭ.ބީ.އާރް" ރޭޑިއޯތެރަޕީ އާންމުކޮށް ދޭން ނިންމައިފިއެވެ. ސީދާ ބައްޔަށް އަމާޒުކޮށްގެން ދެވޭ މި ފަރުވާގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކަށް ލިބޭ ގެއްލުން ކުޑަވެ، ފަރުވާގެ ނޭދެވޭ އަސަރުތައް މަދުވާނެ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ. މި އާ ފަރުވާގެ ސަބަބުން ކެންސަރު ބަލިމީހުންނަށް އުފުލަންޖެހޭ ތަކުލީފުތައް ލުއިވެ، އަވަހަށް އާންމު ދިރިއުޅުމަށް އެނބުރި ދިއުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ޕެރިހުގެ ކިއުރީ ރިސާޗް އިންސްޓިޓިއުޓްގެ ބަޔޯފެނިކް ހައި-ތްރޫޕުޓް ސްކްރީނިންގ ޕްލެޓްފޯމުގައި، 2025 ޑިސެމްބަރު 11 ވީ ބުރާސްފަތި ދުވަހު، އޮޓޮމޭޓެޑް ފްލޮރެސެންސް މައިކްރޮސްކޯޕެއް ބޭނުންކޮށްގެން ކެންސަރު ބަލިމީހުންގެ ހަށިގަނޑުން ނަގާފައިވާ ސެލްތަކަށް ތަފާތު ބޭސްތަކުން ކުރާ އަސަރުތައް ރިސާޗް އިންޖިނިއަރަކު ދިރާސާކުރަނީ. | ގެޓީ އިމޭޖަސް
އިނގިރޭސިވިލާތުގައި ޕްރޮސްޓޭޓް ކެންސަރު ތަހައްމަލު ކުރަމުންދާ އެތައް ހާސް ފިރިހެނުންނަކަށް، ފަރުވާގެ ސެޝަންތައް 20 އިން ފަހަކަށް މަދުކޮށްދޭ، ބާރުގަދަ އަދި ސީދާ އަމާޒަށް ފަރުވާދޭ "ޕްރެސިޝަން ރޭޑިއޯތެރަޕީ" ދޭން ނިންމައިފިއެވެ.
ސީނިއާ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި "އެސް.އޭ.ބީ.އާރް" (ސްޓީރިއޯޓެކްޓިކް އެބްލޭޓިވް ރޭޑިއޯތެރަޕީ) ގެ ނަމުން ނަންދެވިފައިވާ މި އުސޫލަކީ، އާންމުކޮށް ދޭ ރޭޑިއޯތެރަޕީއަށްވުރެ ފައިދާހުރި ގޮތެއްގައި ބައްޔަށް އަމާޒުކޮށްގެން ދެވޭ ފަރުވާއެކެވެ. އަދި މީގެ ސަބަބުން ފަރުވާގެ ސައިޑް-އިފެކްޓްސް ނުވަތަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެހީތެރިވެދޭނެއެވެ.
މި ފަރުވާއަކީ ފުއްޕާމޭގެ ކެންސަރާއި ސިކުނޑީގެ ކެންސަރު ފަދަ އެހެނިހެން ބާވަތްތަކުގެ ކެންސަރު ޖެހިފައިވާ ބައެއް ބަލިމީހުންނަށް މިހާރުވެސް ދެމުންދާ ފަރުވާއެކެވެ.
މިއީ ކެންސަރުގެ ނުރައްކާ ކުޑަ އަދި މެދު މިންވަރެއްގައި ހުރި ޕްރޮސްޓޭޓް ކެންސަރު ބަލިމީހުންނަށް، ކްލިނިކަލް ޓްރަޔަލްތަކުން ބޭރުން މި ފަރުވާ ދޭން ފަށާ ފުރަތަމަ ފަހަރެވެ.
ކޮންމެ އަހަރަކު ޕްރޮސްޓޭޓް ކެންސަރަށް އަލަށް ޑައިގްނޯސް ކުރެވޭ 55،000 މީހުންގެ ތެރެއިން، ގާތްގަނޑަކަށް 17،500 މީހުންނަކީ ބަލީގެ ނުރައްކާ ކުޑަ ނުވަތަ މެދު މިންވަރެއްގައި ހުރި މީހުންގެ ގޮތުގައި ބެލެވެއެވެ.
ލަފާކުރެވޭ ގޮތުގައި މީގެ ތެރެއިން ފަސްބައިކުޅަ އެއްބައި މީހުން، ނުވަތަ ގާތްގަނޑަކަށް 3،500 މީހުން، މި އާ ރޭޑިއޯތެރަޕީގެ ފަރުވާ އިޚްތިޔާރު ކުރާނެއެވެ.
މީގެ މައިގަނޑު ސަބަބަކީ، ބަލީގެ ނުރައްކާ ކުޑަ ޕްރޮސްޓޭޓް ކެންސަރު ހުންނަ ބައެއް މީހުން، ވަގުތުން ފަރުވާ ހޯދުމުގެ ބަދަލުގައި ބަލި މޮނިޓަރ ކުރުމަށް އިޚްތިޔާރު ކުރުމެވެ. ސަބަބަކީ މި ބާވަތުގެ ކެންސަރަކީ ވަރަށް ލަހުން ފެތުރޭ އަދި ގެއްލުން ދިނުމުގެ ފުރުސަތު ކުޑަ އެއްޗަކަށް ވާތީއެވެ.
އެން.އެޗް.އެސް އިންގްލެންޑުން ބުނި ގޮތުގައި، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މުޅި ގައުމުގައި ހުރި ރޭޑިއޯތެރަޕީ ދޭ 48 ސެންޓަރުންވެސް މި ފަރުވާ ދޭން ފަށާނެ ކަމަށް އުންމީދު ކުރެވެއެވެ.
ކެންސަރު ބަލީގެ ގައުމީ ކްލިނިކަލް ޑައިރެކްޓަރު ޕްރޮފެސަރު ޕީޓަރ ޖޯންސަން ވިދާޅުވީ، މި ބަދަލުގެ ފައިދާ ހުރިހާ ޕްރޮސްޓޭޓް ކެންސަރު ބަލިމީހުންނަށް ނުކުރި ނަމަވެސް، މިއީ އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މި ޓެކްނޮލޮޖީގެ އެހީގައި، ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށް، ބާރުގަދަ އަދި ސީދާ އަމާޒަށް ފޮނުވާލެވޭ ރޭޑިއޯތެރަޕީގެ ދޯދިތައް ކެންސަރު ހުރި ދިމާލަށް ފޯރުކޮށްދެވޭނެ،" އޭނާ ވިދާޅުވިއެވެ.
"އަދި ކުރިން ދޭންޖެހޭ ޑޯޒްތަކަށްވުރެ 15 ޑޯޒް މަދުން މި ފަރުވާ ދެވޭތީ، ބަލިމީހުންނަށް އެނބުރި އާންމު ދިރިއުޅުމަށް ދިއުމަށް މާ ބޮޑަށްވެސް އަވަސްވެގެންދާނެ."
ޕްރޮސްޓޭޓް ކެންސަރ ޔޫކޭގެ އެމީ ރައިލަންސް ވިދާޅުވީ، އިނގިރޭސިވިލާތުގެ އެތައް ހާސް ފިރިހެނުންނަކަށް މި އިންގިލާބީ ފަރުވާ ލިބިގެންދިއުމަކީ ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ.
"މީގެ ސަބަބުން ކެންސަރު ބަލީގެ ސަބަބުން ބަލިމީހުންނަށާއި އެމީހުންގެ އާއިލާތަކަށް އުފުލަންޖެހޭ ތަކުލީފުތައް ވަރަށް ބޮޑަށް ލުއިވެގެންދާނެ."
އެ ޗެރިޓީން އުންމީދު ކުރާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ގިނަ ޕްރޮސްޓޭޓް ކެންސަރު ބަލިމީހުންނަށް މި ފަރުވާ ލިބޭނެ ގޮތް ވެގެންދާނެއެވެ.
ބަލީގެ ނުރައްކާ ބޮޑު ޕްރޮސްޓޭޓް ކެންސަރު ބަލިމީހުންނަށް މި ފަރުވާ ބޭނުންކުރެވިދާނެތޯ ބެލުމަށް މިހާރުވެސް ދިރާސާތައް ދަނީ ކުރެވެމުންނެވެ.
ސަފޯކްއަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ އެޑްވިން ލަމްބާޓް އަކީ މިފަދަ އެއް ދިރާސާގައި ބައިވެރިވަމުންދާ މީހެކެވެ.
އޭނާއަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން އެނގުނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އަދި އޭނާ ފުރަތަމަ ފެށީ ހޯރމޯން ތެރަޕީއެވެ. އެ ފަރުވާގެ ސަބަބުން ޖިންސީ އެދުން ކުޑަވުމާއި، ހަށިގަނޑު ހޫނުވުމާއި، މިޒާޖަށް ބަދަލުައުމުގެ އިތުރުން ވަރުބަލިވުން ފަދަ ނޭދެވޭ އަސަރުތައް އޭނާއަށް ކުރިމަތިވިއެވެ.
އޭގެ ފަހުން އޭނާ މި އާ ރޭޑިއޯތެރަޕީގެ ފަރުވާ ހޯދިއެވެ. އޭނާގެ ޕްރޮސްޓޭޓަށާއި ވަށައިގެންވާ ލިމްފް ނޯޑްތަކަށް އަމާޒުކޮށްގެން ދިން މި ފަރުވާއަކީ ކުރީގެ ފަރުވާއާ އަޅާބަލާއިރު "ކުރިއަށްގެންދަން މާ ފަސޭހަ" ފަރުވާއެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔައިރު، އާންމުކޮށް ދޭ ރޭޑިއޯތެރަޕީ ހޯދަމުންދިޔަ މީހުން ފެނުނެވެ. ތަކުރާރުކޮށް ގިނަ ފަހަރު ފަރުވާ ދޭންޖެހުމުގެ ސަބަބުން އެމީހުން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެ، ހާލަތު ގޯސްކޮށް ކަމަށް އޭނާ ފާހަގަކުރިއެވެ.
މި އާ ފަރުވާގެ ތެރޭގައާއި ފަރުވާއަށްފަހު ކުޑަކަމުދާންޖެހޭ މިންވަރު އިތުރުވި ނަމަވެސް، ފަރުވާ ނިމުނުތާ ފަސް ހަފުތާ ނުވަނީސް، އޭނާ ކުރިންވެސް ރާވަމުންދިޔަ އާކިއޮލޮޖިކަލް މަސައްކަތެއްގައި ބައިވެރިވާން ފެށި ކަމަށް އޭނާ ބުންޏެވެ.
"މި ފަރުވާއަކީ ހަމަ ހަގީގަތުގައިވެސް ލިބުނު ވަރަށް ބޮޑު ނިއުމަތެއް،" އޭނާ އިތުރަށް ބުންޏެވެ.





