ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްޙީ ހާލަތު ހުރިގޮތުން ވަޒީރުކަމުގެ ބުރަ ޒިންމާ އުފުއްލެވުމަށް އުޒުރުވެރިވެވަޑައިގަންނަވާތީ. މިނިސްޓަރުކަމުން ވަކިވެވަޑައިގަތް ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް އެއްބާރުލުން ދެއްވުމުގައި ދެމިހުންނަވާނެ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައި. ޒަމީރަކީ ފިނޭންސް މިނިސްޓަރުގެ އިތުރުން އެލްޖީއޭގެ ރައީސްކަމާއި ކްރައިސިސް ކޮމިޓީގެ ޗެއަރގެ މަގާމުވެސް ފުރުއްވަމުން ގެންދެވި ބޭފުޅެއް.


ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު | ރައީސް އޮފީސް
ފިނޭންސް މިނިސްޓަރުކަމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވީ ޞިއްޙީ ސަބަބުތަކާހުރެކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ޒަމީރު މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. ޒަމީރު އިސްތިއުފާ ދެއްވިކަން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ރާއްޖެއެމްވީ އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޒަމީރުގެ އިސްތިއުފާގެ ސިޓީގައި އިސްތިއުފާ ދެއްވާ ސަބަބެއްގެ ގޮތުގައި އޮތީ ޞިއްޙީ ހާލުކޮޅު ހުރިގޮތުން ކަމަށެވެ. އެގޮތުން ޞިއްޙީ ސަބަބަކާހެދި "ހޮސްޕިޓަލައިޒްވާން" ޖެހިފައިވާ ކަމަށާއި، ދާދި ފަހުންވެސް އެޑްމިޓްކޮށްގެން ފަރުވާ ހޯދަން ޖެހިފައިވާކަމަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ޒަމީރު ވަނީ އޮޕަރޭޝަނެއް ކުރައްވާފަ އެވެ.
އެހެންކަމުން ވަޒީރުކަމުގެ ޒިންމާއަކީ ބުރަ ބޮޑު ޒިންމާއެއްކަމަށްވަތީ، ސިއްޙީ ޙާލަތު ތަން ނުދޭކަމަށް ޒަމީރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ޒަމީރު ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް ވިދާޅުވެފަ އެވެ.
ޒަމީރު ވަޒީރުކަމުން އިސްތިއުފާ ދެއްވާފައިވާއިރު، އިރާން ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކްރައިސިސް ކޮމިޓީގެ ޗެއަރގެ މަޤާމުގައި ހުންނެވީ އޭނާ އެވެ.
މީގެ އިތުރުން އޭނާއަކީ ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްވެސް މެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓަށް ދާދި ފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އޭރު އިސްތިއުފާ ދެއްވި ބައެއް ވަޒީރުން ސަފީރުކަމުގެ މަޤާމަށް އައްޔަނު ކުރައްވާފައިވާއިރު، ބައެއް ވަޒީރުން މިނިސްޓަރު ފެންވަރުގައި ސަރުކާރުގެ އެހެނިހެން މަޤާމުތަކަށް ވަނީ އައްޔަނު ކުރައްވާފަ އެވެ.






