ކޮންމެ މަޑިއަކުން 2.6 މިލިއަން ޑޮލަރު ރާއްޖެއަށް ލިބޭ
ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ކޮންމެ މަޑިއަކީ އޭގެ އުމުރު ދުވަހުގެ ތެރޭގައި އިގްތިސާދަށް 2.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިދޭނެ ވަސީލަތެއްކަން "މަންޓާ ޓްރަސްޓް" ގެ އާ ދިރާސާއަކުން ވަނީ ހާމަވެފައި. މި ދިރުންތަކަށް މާލީ އަގެއް ކަނޑައެޅުމުގެ މައިގަނޑު މަގްސަދަކީ، ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް މަޑީގެ މުހިންމުކަން ބުނެދީ، އެތަކެތި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް އިތުރުކުރުން. މަޑީގެ ފަތުރުވެރިކަން ހަލުވިކަމާއެކު ފުޅާވަމުންދާއިރު، މި ސިނާއަތުން ލިބޭ އާމްދަނީގެ ބައެއް މަޑިތަކުގެ މާހައުލު ރައްކާތެރިކުރުމަށް އިންވެސްޓްކުރުމަކީ ދެމެހެއްޓެނިވި އިގްތިސާދަކަށް ކޮންމެހެން ބޭނުންތެރި ކަމެއް.

ބާ އަތޮޅު ހަނިފަރު ބޭގައި ފީނަން އުޅުނު ސްކޫބާ ޑައިވަަރަކު، އެ ސަރަހައްދުން ފެނުނު އެންމަޑިއެއް (މަންޓާ ބައިރޮސްޓްރިސް) ގެ ފޮޓޯ ނަގަނީ. | ގެޓީ އިމޭޖަސް
ޑައިވަރުންނާއި ސްނޯކްލިންގް ކުރާ މީހުންގެ މެދުގައި ކޮންމެ މަޑިއަކީ 2.6 މިލިއަން ޑޮލަރުގެ އަގުހުރި އެއްޗެއް ކަން ދިރާސާ އަކުން ހާމަ ވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އިގްތިސާދުގައި މަޑީގެ ފަތުރުވެރިކަމަކީ ގުދުރަތީ ގޮތުން ލިބިފައިވާ އެންމެ މުހިންމު އެއް ވަސީލަތެވެ. އެއާއެކު، "މަންޓާ ޓްރަސްޓް" އިން ކުރިއަށް ގެންދިޔަ އާ ދިރާސާއަކުން މިހާރު ވަނީ ރާއްޖޭގެ މަޑީގެ އާބާދީއަށް ކަނޑައެޅޭ ވަކި މާލީ އަގުތަކެއް ކަނޑައަޅާފައެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި، މަޑި ބަލަންދާ ފަތުރުވެރިންގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަހަރަކު 227 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އާމްދަނީ ލިބެއެވެ. އަދި މީގެ ތެރޭގައި ނުސީދާ ގޮތުން ކުރެވޭ ހޭދަތައް ހިމަނައިފިނަމަ، މި އަދަދު 311 މިލިއަން ޑޮލަރަށް އަރާއިރު، މިއީ ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ 2.6 އިންސައްތައެވެ.
ބައިނަލްއަގުވާމީ ދިރާސާ ކުރާ ޓީމަކާއެކު މަސައްކަތް ކުރި، އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ކަނޑުގެ ދިރުންތައް ހިމާޔަތްކުރާ މި ޖަމިއްޔާއިން މި އަގުތައް ކަނޑައަޅާފައިވަނީ ޓުއަރ އޮޕަރޭޓަރުންގެ މެދުގައި ކުރި ސާވޭތަކާއި އެއްކޮށްފައިވާ ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށްފައެވެ. މި ދިރާސާގެ އެހީގައި ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ގާތްގަނޑަކަށް 3،500 މަޑީގެ އާބާދީގެ ދިގު މުއްދަތުގެ އަގު ވަނީ ހިސާބުކޮށްފައެވެ. އެގޮތުން، މި މަޑިތަކުގެ މުޅި އުމުރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ޖުމްލަ 8.6 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މީގެ މާނައަކީ، ސްކޫބާ ޑައިވަރުންނާއި، ފްރީޑައިވަރުންނާއި، ސްނޯކްލިންގް ކުރާ މީހުންގެ އިތުރުން އެހެނިހެން ފަތުރުވެރިންނަށް ތަކުރާރުކޮށް ފެންނަ ކޮންމެ އެމްއެމްއޭ މަޑިއަކީ، އޭގެ އުމުރު ދުވަހުގެ ތެރޭގައި 2.6 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ގައުމަށް ހޯދައިދޭނެ އެއްޗެއް ކަމެވެ.
ހިމާޔަތްކުރުން
"މަޑި ފަދަ ދިރުންތަކަށް މާލީ އަގުތަކެއް ކަނޑައެޅުން މުހިންމުވާ ސަބަބަކީ، ސިޔާސީ ފަރާތްތަކާއިޮ ނިންމުންތައް ނިންމާ ފަރާތްތައް ހިމެނޭހެން ގިނަ ފަރާތްތަކަކުން ވާހަކަދައްކަނީ ފައިސާގެ ބަހުން ކަމަށްވާތީ،" މި ދިރާސާގެ އިސް މުސައްނިފު އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ދަ ސަންޝައިން ކޯސްޓްގެ ޕީއެޗްޑީ ކެންޑިޑޭޓް ހެނާ މޮލޯނީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޖަނަވާރަކަށް ނުވަތަ ގުދުރަތީ ނިޒާމަކަށް އިގްތިސާދީ އަގެއް ކަނޑައެޅިފައި އޮތުމުން އެ ފަރާތްތަކަށް އެކަން ބޮޑަށް ސާފުވެއެވެ. އަދި ޖަނަވާރަކަށް އަގެއް ކަނޑައެޅުމުން، އެ އެއްޗެއް ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑުވެ، އޭގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމަށް އެދެވޭ ނަތީޖާތަކެއް ހާސިލުކުރެވޭނެއެވެ.
މި ހޯދުންތަކުން ހާމަވާ ގޮތުގައި، ފަތުރުވެރިކަން ކުރިއަރަމުންދާ މިންވަރާ އެއްވަރަށް، އެ ދިރުންތައް ބެލެހެއްޓުމާއި، އުޅޭ މާހައުލު ހިމާޔަތްކުރުމާއި، އަދި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް އަލުން އާމްދަނީ އިންވެސްޓްކުރުމުގެ މުހިންމުކަން ބޮޑެވެ. ރާއްޖޭގައި މަޑީގެ ފަތުރުވެރިކަން ވަނީ ވަރަށް ބާރަށް ފުޅާވެފައެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް މި ސިނާއަތް 380 އިންސައްތަ ކުރިއަރާފައިވާއިރު، މިހާރު ރާއްޖޭގެ އިދާރީ އަތޮޅުތަކުގެ 95 އިންސައްތަ ސަރަހައްދުގައި މި ހަރަކާތްތައް ކުރިއަށްދެއެވެ. އަދި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުގެ 80 އިންސައްތަ އޮޕަރޭޓަރުން މަޑި ބަލަން ދިއުމުގެ ފުރުސަތު ފަތުރުވެރިންނަށް ފޯރުކޮށްދެނީ، މައިގަނޑު ގޮތެއްގައި ޑައިވް ކުރާ އަދި ސްނޯކްލިންގް ކުރާ 92 ސަރަހައްދެއްގައެވެ.
"މި ދިރާސާއިން ހަގީގަތުގައި މި ހާމަކޮށްދެނީ، މަޑިއަކީ ހަމައެކަނި ހިމާޔަތްކުރަންޖެހޭ ދިރުމެއް ނޫން ކަމާއި، އެއީ ގައުމީ އިގްތިސާދީ ވަސީލަތެއް ކަން،" މަންޓާ ޓްރަސްޓްގެ ސީއީއޯ ޑރ. ގާއި ސްޓީވަންސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިފަދަ އަގުހުރި ވަސީލަތަކާއެކު، އެ އާބާދީތައް ރަނގަޅަށް ބެލެހެއްޓުމުގެ ޒިންމާވެސް އުފުލަންޖެހެއެވެ. އެގޮތުން ފަތުރުވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ކަމެއްކަން ކަށަވަރުކުރުމާއި، މުހިންމު މާހައުލުތައް ހިމާޔަތްކުރުމާއި، އަދި އެ ދިރުންތަކުން ލިބޭ އާމްދަނީގެ އެކަށީގެންވާ މިންވަރެއް އެތަކެތީގެ ދިގު މުއްދަތުގެ ދިރުމަށްޓަކައި އަލުން އިންވެސްޓްކުރަން ޖެހެއެވެ.
މަންޓާ ޓްރަސްޓުން ބުނާ ގޮތުގައި، ފަތުރުވެރިކަމުން ލިބޭ އާމްދަނީން ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ކުރާ ހޭދައިގެ ތެރޭގައި، މަޑިތައް ގިނައިން އެއްވާ ސަރަހައްދުތަކާއި ކާނާ ހޯދާ ތަންތަން ރައްކާތެރިކުރުމާއި، ފަތުރުވެރިކަމުގެ ސަބަބުން ކުރާ ބާރުތައް މޮނިޓަރކުރުން އިތުރުކުރުމާއި، އަދި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރައްކާތެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުން ހިމެނެންޖެހެއެވެ.
"މަޑީގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބާރަށް ކުރިއަރަމުންދާއިރު، އެއާއެކު މަޑިތަކަށާއި އެތަކެތީގެ މާހައުލަށް ކުރާ ބާރުތައްވެސް ދަނީ އިތުރުވަމުން،" މޮލޯނީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެންމެ ބޮޑަށް ބާރުބޮޑުވެފައިވާ ސަރަހައްދުތައް ދެނެގަނެ، އެންމެ ނުރައްކާ ބޮޑު ތަންތަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ އޭގެ ނޭދެވޭ އަސަރުތައް ސީރިއަސްވުމުގެ ކުރިން އެ ސަރަހައްދުތައް ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމަށްޓަކައެވެ.
މަސްދަރު: ޑައިވްނެޓް







