މެއި މަހު އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް ހިނގައްޖެ
މެދުއިރުމަތީގެ މަސްރަހާ ގުޅިގެން މާރިޗު އަދި އޭޕްރިލް މަހު ރާއްޖޭގެ ފަތުރުވެރިކަމަށް އައި ބޮޑު ހީނަރުކަން ކުޑަވެ، މެއި މަހުގެ ތެރޭގައި ފަތުރުވެރިން އަންނަ މިންވަރު އަންނަނީ ހަމައަކަށް އެޅެމުން. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 8.8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުގެ ގޮތުގައި 15.7 އިންސައްތައާއެކު އަދިވެސް އޮތީ ޗައިނާ.

ހުޅުމާލޭގެ ގޮނޑުދޮށުގައި ފަތުރުވެރިންތަކެއް ހިތްއުފާކޮށްލަނީ. | ގެޓީ އިމޭޖަސް
2025 ވަނަ އަހަރުގެ މެއި މަހު ރާއްޖެ އަށް ޒިޔާރަތްކުރި 107,744 ފަތުރުވެރިންނާ އަޅާބަލާއިރު މިއަހަރުގެ މެއި މަހު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.2 އިންސައްތައަށް ދަށަށް ހިނގައްޖެ އެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މެއި މަހުގެ 1 އިން 24 ގެ ނިޔަލަށް ރާއްޖެއަށް 106,477 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މެއި މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހު 5.0 އިންސައްތަ އަދި ފެބުރުއަރީ މަހު 15.7 އިންސައްތައިގެ ކުރިއެރުމެއް ފަތުރުވެރިކަމަށް ލިބުނު ނަމަވެސް، މާރިޗު މަހު ފަތުރުވެރިން އައި މިންވަރު ވަނީ 20.7 އިންސައްތަ ދަށްވެފައެވެ. އަދި އޭޕްރިލް މަހު މި އަދަދު ވަނީ 24.4 އިންސައްތައަށް ދަށްވެފައެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މެއި މަހު ފަތުރުވެރިން އައި މިންވަރު 1.2 އިންސައްތަ ދަށްވި ނަމަވެސް، މިއީ ކުރީ މަސްތަކުގައި ފެނުނު ބޮޑު ހީނަރުކަން ކުޑަވަމުންދާކަން ފާހަގަ ކުރެވެއެވެ. މެއި މަހުގެ ތެރޭގައި ދުވާލަކު ފަތުރުވެރިން އަންނަ މިންވަރަށް ބަލާއިރު، މަހުގެ ފުރަތަމަ ދުވަހު 6,611 ފަތުރުވެރިން ޒިޔާރަތްކުރި ނަމަވެސް، މަހުގެ މެދުތެރޭގައި މި އަދަދު ވަނީ ދަށްވެފައެވެ. އެހެންނަމަވެސް، މަހުގެ ފަހުކޮޅު މި އަދަދު އަނެއްކާވެސް ރަނގަޅުވާން ފަށައި، މެއި 23 ގައި 5,970 ފަތުރުވެރިން އަދި މެއި 24 ގައި 6,091 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި 24 ގެ ނިޔަލަށް ރާއްޖެއަށް ޖުމލަ 887,846 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި 938,488 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ގާތްގަނޑަކަށް 5.4 އިންސައްތައިގެ ދަށްވުމެކެވެ. ވިޔަފާރި ދަތުރުތަކާއި ކްރޫޒް ލައިނާ ފަސިންޖަރުން ހިމެނޭހެން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ މީހުންގެ އަދަދަކީ 907,913 އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 4.5 އިންސައްތައިގެ ދަށްވުމެކެވެ.
ފަތުރުވެރިން އެންމެ ގިނައިން ތިބެނީ ރިސޯޓުތަކުގައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 627,915 ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވާއިރު، މިއީ ޖުމލަ ފަތުރުވެރިންގެ 70.7 އިންސައްތައެވެ. ގެސްޓްހައުސްތަކަށް 216,108 ފަތުރުވެރިން (24.3 އިންސައްތަ) ޒިޔާރަތްކޮށްފައިވާއިރު، ހޮޓާތަކާއި ފަތުރުވެރި އުޅަނދުތަކުގައި ހޭދަކޮށްފައިވަނީ 2.6 އިންސައްތަ އަދި 2.2 އިންސައްތަ ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ އަދިވެސް ޗައިނާއެވެ. އެ ގައުމުން 139,584 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 15.7 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިޔާއިން 120,019 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތް، އިޓަލީ، ޖަރުމަނުވިލާތް އަދި އިންޑިއާ ހިމެނެނީ އެންމެ ގިނައިން ފަތުރުވެރިން އަންނަ ހަ ގައުމުގެ ތެރޭގައެވެ.
މެއި މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާރިޗު އަދި އޭޕްރިލް މަހުގެ ހީނަރުކަމުން ފަތުރުވެރިކަމުގެ ދާއިރާ އަދި މުޅިން އަރައިނުގަތް ނަމަވެސް، ދަށްވަމުންދިޔަ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. މެއި މަސް އަދި ނުނިމޭތީ، ދުވާލަކު ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ، އަހަރީ ނިސްބަތުން ހުރި ފަރަގު ކުޑަކުރެވޭތޯ ބެލުމަށް މެއި މަހުގެ ފަހުގެ ތަފާސްހިސާބުތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެއެވެ.





