ރަޝިޔާއިން ޔުކްރެއިނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
ރަޝިޔާއިން ޔުކްރެއިންގެ ވެރިރަށް ކީވްއާއި އެހެން ބައެއް ސިޓީތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި ސިނާއީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިއީ ޔުކްރެއިނުން ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ރަޝިޔާއިން ބުނޭ. މި ހަމަލާތަކާ ގުޅިގެން ކީވްގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑި، ގިނަ ބަޔަކު ވަނީ ރައްކާތެރިކަން ހޯދުމަށް ބަންކަރުތަކަށް ވަދެފައި.

ޔުކްރެއިންގެ ވެރިރަށް ކީވްއަށް ރޭގަނޑުގެ ވަގުތެއްގައި ދިން ހަމަލާތަކެއްގައި ހަތަރު މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވި. | އޭއެފްޕީ
ރަޝިޔާއިން ރޭގަނޑުގެ ވަގުތެއްގައި ޔުކްރެއިނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން ހަތަރު މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.
ޔުކްރެއިންގެ އޮފިޝަލުން އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހާމަކުރެއްވި ގޮތުގައި، މަރުވި ހަތަރު މީހުންނަކީ ޑްނީޕްރޯ ސިޓީއަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި އުމުރުން 73 އަހަރުގެ އަންހެނަކު ވެސް ހިމެނެއެވެ. ރަޝިޔާގެ މި ހަމަލާތަކުގައި ޑްނީޕްރޯއިން ފަސް މީހަކު ޒަޚަމްވެފައިވާއިރު، ޚާރްކީވްއިން އަށް މީހަކު އަދި ކީވްއިން ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔޫކްރެއިންގެ ވެރިރަށް ކީވްގެ މެދުތެރެއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކާއެކު އެ ސަރަހައްދުން ބޮޑެތި ދުންގަނޑުތައް އަރަމުންދިޔައިރު، އެތައް ހާސް ބަޔަކު ވަނީ ރައްކާތެރިކަން ހޯދުމަށް ބަންކަރުތަކަށް ވަދެފައެވެ.
ކީވްގެ މޭޔަރު ވިޓާލީ ކްލިޝްކޯ ވިދާޅުވީ ސިޓީގެ އެކި ސަރަހައްދުތަކުގައި ގޮވުންތަކުގެ އަޑު އިވެމުންދާ ކަމަށާއި، ވައިގެ ދިފާއީ ބާރުތަކުން ހަމަލާތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުން ވެސް ރައްކާތެރި ތަންތަނުގައި މަޑުކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. ކީވް ސިޓީ މިލިޓަރީ އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ޓިމޫރް ޓްކަޗެންކޯ ވިދާޅުވީ، ރަޝިޔާއިން ހަމަލާދެމުންދަނީ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ކަމަށެވެ.
މޭޔަރު ކްލިޝްކޯ އިތުރަށް ވިދާޅުވީ، އުސް ދެ އިމާރާތަކަށް ހަމަލާ އަރާފައިވާ ކަމަށާއި، އިމާރާތްތައް ވެއްޓި އޭގެ ދަށުގައި ބަޔަކު ތާށިވެފައި ތިބެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ފަތިހުގެ އަނދިރިކަމުގެ ތެރޭގައި ރަޝިޔާއިން ކީވްއަށް ދެމުންދިޔަ ހަމަލާތަކުގެ ތެރެއިން، ބާރުގަދަ 12 އަށްވުރެ ގިނަ ގޮވުމުގެ އަޑާއެކު ޑްރޯންތައް އުދުހޭ އަޑު މުޅި ސަރަހައްދުގައި ގުގުމަމުންދިޔައެވެ.
މި ހަމަލާތަކާ ގުޅިގެން ކީވްގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑި، ބައެއް ތަންތަނުގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި މުޅިން ސާފެއް ނުވެއެވެ.
މީގެ އިތުރުން، ޒަޕޮރީޒިއާގައި ހުންނަ ސިނާއީ މަސައްކަތްތައް ކުރާ މަރުކަޒަކަށް ވެސް ރަޝިޔާއިން ވަނީ ހަމަލާދީފައެވެ.
ރަޝިޔާއިން މި ވަރުގަދަ ހަމަލާތައް ދީފައި މިވަނީ، ރަޝިޔާއިން ބޮޑު ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ހޯމަ ދުވަހު ތަކުރާރު ކުރައްވައި، ވައިގެ ހަމަލާތަކުގެ އިންޒާރުތަކަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސް ކުރައްވާފައި ވަނިކޮށެވެ.
ޒެލެންސްކީ ރޭގަނޑު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރަޝިޔާގެ ހަމަލާތަކާ ގުޅޭގޮތުން ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާއިރު، ވަރުގަދަ ހަމަލާއެއް ދިނުމަށް އެގައުމުން ތައްޔާރުވެފައިވާ ކަމަށެވެ.
ނިމިދިޔަ ހަފުތާގައި ރަޝިޔާއިން ވަނީ ކީވްގައި ހުރި އަސްކަރީ މަރުކަޒުތަކަށާއި ސަރުކާރުގެ މުހިންމު އިދާރާތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް ބުނެ، ބޭރު ގައުމުތަކުގެ މީހުން އެ ސިޓީ ދޫކޮށް ދިއުމަށް ގޮވާލާފައެވެ.
ރަޝިޔާއިން ބުނާ ގޮތުގައި މި ހަމަލާތަކަކީ، މިދިޔަ މަހު ރަޝިޔާގެ ބާރުގެ ދަށުގައި އޮންނަ ލުހާންސްކް ސަރަހައްދުގެ ޑޯމިޓަރީއަކަށް ޔޫކްރެއިންއިން ދިން ޑްރޯން ހަމަލާއެއްގައި 21 މީހުން މަރުވުމާ ގުޅިގެން، އޭގެ ބަދަލުހިފުމުގެ ގޮތުން ދޭން ފެށި "ސިލްސިލާ ހަމަލާތަކެއް" ކަމަށެވެ.
ޔުކްރެއިންގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުން ނެރުނު ބަޔާނެއްގައި، މެއި މަހުގެ 21 އާއި 22 އާ ދެމެދު ސްޓާރޯބިލްސްކް ކައިރިއަށް ހަމަލާއެއް ދިން ކަމަށް އެއްބަސްވެފައިވެއެވެ. ނަމަވެސް ޔުކްރެއިންއިން ބުނަނީ އެ ހަމަލާ އަމާޒުކުރީ ރަޝިޔާގެ އަސްކަރީ ޔުނިޓަކަށް ކަމަށެވެ.






