ރަޝިޔާ އާއި ޔޫކްރެއިން އިން ތިން ދުވަހަށް ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި
ތިން ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދު ކަނޑާލުމަށް ވެވުނު އެއްބަސްވުން ކުރިއަށް ދާނީ، ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ރޮއިޓާސް
ރަޝިޔާ އާއި ޔޫކްރެެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ތިން ދުވަހުގެ މުއްފަތަކަށް މެދު ކަނޑާލުމަށާއި، ދެ ޤައުމުގެ ދެ މެދުގައި އަސީރުން ބަދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަށް، އެ ދެ ޤައުމުން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި އެވެ.
ވައިޓް ހައުސްގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި އެއްބަސްވުމަކީ ގިނަ ދުވަސް ތަކަކަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމަ ނިމުމަކަށް އައުމުގެ ފެށުމަށް ވެދާނެ ކަމަށެވެ.
އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ މެދު ކަނޑާލުމަށް އޭނާ އެދިވަޑައިގެންނެވުމުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވެސް ވަރަށް ފަސޭހަ ކަމާ އެކު އެކަމަށް އެއްބަސްވެ ވަޑައިގެންނެވި ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި މީހުން މެރުން ހުއްޓިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ތިން ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދު ކަނޑާލުމަށް ވެވުނު އެއްބަސްވުން ކުރިއަށް ދާނީ، ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށެވެ.
މި ތިން ދުވަހަކީ ރަޝިޔާގައި ދެ ވަނަ ބޮޑު ހަނގުރާމައިގެ ކާމިޔާބީ ފާހަގަ ކުރާ "ވިކްޓްރީ ޑޭ" އާ ދިމާވާ ދުވަސް ތަކެކެވެ. ޓްރަމްޕް ވިދާޅުވީ މި ދުވަހަކޫ ރަޝިޔާގެ އިތުރުން، ޔޫކްރެއިން އަށް ވެސް ވަރަށް މުހިންމު ދުވަހަކަށް ވާނެ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހުރިހާ އަސްކަރީ ޙަރަކާތް ތަކެއް ހުއްޓާލުމުގެ އިތުރުން، ކޮންމެ ޤައުމަކުން 1000 އަސީރުން ބަދަލު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ ކުރިން ހުކުރު އަދި ހޮނިހިރު ދުވަހު ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ އިން އިއުލާން ކުރި ނަމަވެސް، ދެ ފަރާތުން ވެސް އެއް ޤައުމު އަނެއް ޤައުމަށް ކުރި ތުހުމަތު ތަކުގެ ސަބަބުން އެކަން ވަނީ ނާކާމިޔާބުވެފަ އެވެ.
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ، މި އެއްބަސްވުމުގައި ބައިވެރިވުމަށް ނިންމި އެންމެ ބޮޑު ސަބަބަކީ އަސީރުން މިނިވަން ކުރުމުގެ ފުރުސަތު ލިބުމުން ކަމަށެވެ. ރަޝިޔާގެ ރެޑް ސްކޮޔަރގައި ބާއްވާ އަސްކަރީ ޕެރޭޑަށްވުރެ، ޔޫކްރެއިންގެ އަސީރުންގެ ފުރާނަ މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ޒެލެންސްކީ ވަނީ ރަޝިޔާގެ ޕެރޭޑް ބާއްވާ ވަގުތު ރެޑް ސްކޮޔަރ އަށް ހަމަލާ ނުދޭނެކަން ކަށަވަރު ކޮށްދީ، ރަސްމީ ޤަރާރެއް ވެސް ނެރުއްވައިފަ އެވެ. ނަމަވެސް، ރަޝިޔާގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވަނީ، މިއީ ބޭކާރު ސަމާސާއެއް ކަމަށް ވިދާޅުވެ، ޕްރޭޑް ބޭއްވުމަށް އެއްވެސް ފަރާތެއްގެ ހުއްދައެއް ބޭނުން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި އެއްބަސްވުމަކީ އެމެރިކާ މެދުވެރި ވެގެން ކުރިއަށް ދިޔަ މަޝްވަރާ ތަކުގެ ނަތީޖާކަން ފާހަގަ ކުރައްވައި، ޒެލެންސްކީ ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް އާއި އޭނާގެ ޓީމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ރަޝިޔާ އިން މި އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރޭތޯ އެމެރިކާާ އިން ބަލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެެސް އޭނާ ވިދާޅުވި އެވެ. 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހު ފެށުނު މި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް ކޮންމެ ދުވަހަކު ވެސް ކުރިއަށްދާ ކަމަށާއި، ހައްލަކާ ގާތަށް ދެވޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް







