ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރެވިއްޖެ ނަމަ، ޒެލެންސްކީއާ ބައްދަލު ކުރަން ތައްޔާރު: ޕުޓިން
ޕުޓިން ވިދާޅުވީ ދާއިމީ ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރެވިއްޖެ ނަމަ، ތިން ވަނަ ޤައުމެއްގައި ޒެލެންސްކީއާ ބައްދަލު ކުރައްވަން އޭނާ ހުންނެވީ ތައްޔާރަށް ކަމަށް. މިއީ ޒެލެންސްކީއާ ބައްދަލު ކުރައްވާނެ ކަމަށް، މިފަދަ ގޮތަކަށް ޕުޓިން އިއުލާން ކުރެއްވި ފުރަތަމަ ފަހަރު ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ވަނީ ބުނެފައި.


ރަޝިޔާާގެ ރައީސް ޕުޓިން އާއި، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ. | ރޮއިޓާސް
ރަޝިޔާާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަަމުން އަންނަ ހަނގުރާމަ ނިމުމަކަށް އައިސް، ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރެވިއްޖެ ނަމަ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެ އެވެ.
ޕުޓިން މިހެން ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހު އޮތް ރަޝިޔާގެ ވިކްޓްރީ ޑޭގެ ޕެރޭޑަށް ފަހު އެވެ. އެހެން އަހަރުތަކާ ޚިލާފަށް، މިއަހަރުގެ ޕެރޭޑް ރަޝިޔާ އިން ބާއްވާފައި ވަނީ ކުޑަ ކޮށެވެ. މި ޕެރޭޑާ ދިމާކޮށް، ރަޝިޔާ އާއި ޔޫކްރެއިން އިން ވަނީ ތިން ދުވަހަށް ހަނގުރާމަ މެދު ކަނޑާލުމަށް ވެސް އެއްބަސްވެފަ އެވެ.
ރަޝިޔާ އާއި ޔޫކްރެއިން އިން ވަނީ ތިން ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެ، އަސީރުން މިނިވަން ކުރުމަށް ވެސް އެއްބަސްވެފަ އެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެފައިވާއިރު، 1000 އަސީރުން ބަދަލު ކުރުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. މި ކުރިއެރުން ތަކާ އެކު، ޑިޕްލޮމެޓިކް މަޝްވަރާ ތަކަށް ވަނީ އުންމީދެއް ލިބިފަ އެވެ.
ޕުޓިން ވިދާޅުވީ ދާއިމީ ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރެވިއްޖެ ނަމަ، ތިން ވަނަ ޤައުމެއްގައި ޒެލެންސްކީއާ ބައްދަލު ކުރައްވަން އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ. މިއީ ޒެލެންސްކީއާ ބައްދަލު ކުރައްވާނެ ކަމަށް، މިފަދަ ގޮތަކަށް ޕުޓިން އިއުލާން ކުރެއްވި ފުރަތަމަ ފަހަރު ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އެ ވާާހަކައިގެ ތެރެއިން ޕުޓިން ވަނީ، ޔޫކްރެއިންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ނިމެން ކައިރިވެފައިވާ ކަމަށް ހިތަށް އަރާ ކަމުގައި ވެސް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ޕުޓިން ވަނީ، ޔޫކްރެއިންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި ރަޝިޔާގެ ސިފައިން ދައްކަމުން އަންނަ ސާބިތުކަމާއި، ހިތްވަރަށް ވެސް ތައުރީފު ކުރައްވައިފަ އެވެ. ޕުޓިން ވިދާޅުވީ މިއީ މުޅި ނޭޓޯގެ އެހީތެރިކަމާ އެކު ކުރިމަތިލަމުންދާ އުދުވާނީ ބާރުތަކާ ދެކޮޅަށް ކުރެވޭ އިންސާފުވެރި މަސައްކަތެއް ކަމަށެވެ. އަދި މިއީ ރަޝިޔާ އަށް އަބަދު ވެސް ލިބޭނެ ކާމިޔާބީއެއް ކަމަށް ޕުޓިން ވިދާޅުވި އެވެ.
ރަޝިޔާ އާއި ޔޫކްރެއިިންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ޔޫރަޕުގެ ގިނަ ޤައުމު ތަކުން ރަޝިޔާއާ ދެކޮޅަށް ވަކާލާތު ކުރަމުން އަންނައިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޕުޓިންއާ ބައްދަލު ކުރައްވައިފަ އެވެ. ނަމަވެސް، ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތުގައި މިހާތަނަށް ކާމިޔާބެއް ހޯދިފައި ނުވެ އެވެ.
މަސްދަރު: އަލް ޖަޒީރާ






