ޔޫކްރެއިން އަށް ހަމަލާ ދޭނެ ކަމަށް ބުނެ، އެ ޤައުމުގައި ތިބި ޑިޕްލޮމެޓުންނަށް ރަޝިޔާ އިން އިންޒާރު ދީފި
ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކަށާއި، ބައިނަލްއަޤުވާމީ ޖަމިއްޔާ ތަކަށް ބުދަ ދުވަހު ފޮނުވި ނޯޓެއްގައި ރަޝިޔާ އިން ބުނެފައި ވަނީ، ހޮނިހިރު ދުވަހު ބާއްވާ ޙަރަކާތަށް ޔޫކްރެއިން އިން ހުރަސް އަޅައިފި ނަމަ، ޔޫކްރެއިންގެ ވެރި ރަށް ކީވްގައި ހުރި ނިންމުންތައް ނިންމާ މަރުކަޒު ތަކަށް އަމާޒުކޮށް ބަދަލު ހިފުމުގެ ހަމަލާ ތަކެއް ދޭނެ ކަމަށް.


ވިކްޓްރީ ޑޭގެ އަސްކަރީ ޕެރޭޑަށް ޒީނަތްތެރި ކޮށްފައިވާ ރެޑް ސްކޮޔާގައި، ރަޝިޔާގެ އަސްކަރިއްޔާގެ ސިފައިން ސަފުތަކަކަށް އެތުރިލައިގެން ތިބި މަންޒަރު. | ރޮއިޓާސް
ރަޝިޔާގެ ވެރި ރަށް މޮސްކޯގައި މި ހަފުތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ ވަނަ ބޮޑު ހަނގުރާމައިގެ ހަނދާނީ ޙަރަކާތަތް ތަކަށް ޔޫކްރެއިން އިން ހުރަސް އަޅައިފި ނަމަ، ޔޫކްރެއިން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމަށް ބުނެ ރަޝިޔާ އިން ޔޫކްރެއިންގައި ތިބި ބޭރުގެ ޑިޕްލޮމެޓުންނަށް އިންޒާރު ދީފި އެވެ.
ރަޝިޔާ އިން މިފަދަ އިންޒާރެއް ދީފައިވާއިރު، ބުރާސްފަތި ދުވަހާ ހަމައަށް ވެސް ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު އަންނަނީ ވަރުގަދަ ހަމަލާ ތަކެއް ބަދަލު ކުރެވެމުންނެވެ.
ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކަށާއި، ބައިނަލްއަޤުވާމީ ޖަމިއްޔާ ތަކަށް ބުދަ ދުވަހު ފޮނުވި ނޯޓެއްގައި ރަޝިޔާ އިން ބުނެފައި ވަނީ، ހޮނިހިރު ދުވަހު ބާއްވާ ޙަރަކާތަށް ޔޫކްރެއިން އިން ހުރަސް އަޅައިފި ނަމަ، ޔޫކްރެއިންގެ ވެރި ރަށް ކީވްގައި ހުރި ނިންމުންތައް ނިންމާ މަރުކަޒު ތަކަށް އަމާޒުކޮށް ބަދަލު ހިފުމުގެ ހަމަލާ ތަކެއް ދޭނެ ކަމަށެވެ. އެހެންކަމުން، ކީވްގައި ތިބި ޑިޕްލޮމެޓުންނާއި، އެހެނިގެން މިޝަންތަކުގެ މުވައްޒަފުންގެ އިތުރުން، ބޭރު ޤައުމު ތަކުގެ ރައްޔިތުން ވަގުތުން އެ ސިޓީ އިން ފޭބުމަށް ރަޝިޔާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި އިންޒާރާ ގުޅޭ ގޮތުން ރަޝިޔާ އިން އިތުރު ތަފްސީލެއް ދީފައި ނުވާއިރު، ޔޫކްރެއިން ސަރުކާރުން ވެސް މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. ރަޝިޔާ އިން ކޮންމެ އަހަރެއްގެ މެއި މަހުގެ ނުވަ ވަނަ ދުވަހު ފާހަގަ ކުރި ދެ ވަނަ ބޮޑު ހަނގުރާމައިގެ "ވިކްޓްރީ ޑޭ"އާ ގުޅިގެން، މެއި މަހުގެ އަށް ވަނަ ދުވަހުން ނުވަ ވަނަ ދުވަހަށް، ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ދެ ފަރާތުން ވެސް އިއުލާާން ކޮށްފައިވެ އެވެެ.
ދެ ޤައުމުގެ ދެ މެދުގައި ބުރާސްފަތި ދުވަހު ބަދަލު ކުރި ހަމަލާ ތަކުގައި ރަޝިޔާގެ ބޯޑަރު ސިޓީއެއް ކަަމަށްވާ، ބްރިޔަންސްކުން 13 މީހަކު ޒަޚަމުވެފައިވާ ކަމަށް އެ ޤައުމުގެ އޮފިޝަލުން ވަނީ ހާމަ ކޮށްފަ އެވެ. އަދި ޔޫކްރެއިންގެ ދިނީޕްރޯ ސިޓީ އަށް ރަޝިޔާ އިން ދިން ހަމަލާއެއްގައި އެކަކު ޒަޚަމުވެފައިވާ ކަމަށް އެ ސަރަހައްދުގެ އިދާރާގެ ވެރިޔާ އޮލެކްސެންޑާ ގަންޒާ ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.
މަސްދަރު: އޭއެފްޕީ






