4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތަކުގެ އެއްބަސްވުމަކީ ކުލީގެ އެއްބަސްވުމެއް ކަމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެ ތަންތަނުގައި މާލޭ ރަށްވެހިންގެ ރަޖިސްޓްރީ ހެދުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ.


ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓް ޓަވަރެއް | ރާއްޖެއެމްވީ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ލިބުނު 4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވާ ކަން ހާމަވެއްޖެ އެވެ.
4000 ފްލެޓްގެ ރަށްވެހިކަމުގެ ރަޖިސްޓްރީ ހަދައިދިނުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ފޮނުވީ ވަޒީރު އަބްދުﷲ މުއްޠަލިބު މަޖިލީހަށް ހާޒިރުކުރުމުގެ ދުވަސްކޮޅެއް ކުރިން ޕްރެޝަރ ބޮޑުވެގެން ކަން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ ވުޒާރާ އިން ހާމަ ކުރި އާރްޓީއައި ލިޔުންތަކުން ހާމަވެ އެވެ. އެ ލިޔުންތަކުން އެނގޭ ގޮތުން އެގޮތަށް މިނިސްޓްރީ އިން އެފްޑީސީ އާއި މާލޭ ސިޓީ ކައުންސިލަށް އަންގާފައި ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ނަމަވެސް އެ ފުރުސަތު އޮތްކަން ފްލެޓް ލިބުނު މީހުންނަށް ރަސްމީކޮށް މިހާތަނަށް އަންގާފަ އެއް ނުވެ އެވެ.
އެނގިފައިވާ ގޮތުން މިނިސްޓްރީގެ ސީޓީ އާއި ގުޅިގެން މިހާރު މާލޭ ސިޓީ ކައުންސިލުން ދަނީ ޤާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލމުންނެވެ. އަދި ރެޖިސްޓްރީކުރުމުގައި ޤާނޫނީ ހުރަހެއް އޮތްތޯ ނެތްތޯ ބެލުމަށް ފަހު އެ މަރުހަލާ އާއި މެދު ގޮތެއް ސާފުވާނެ ކަމަށް ބެލެވެ އެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ރައީސް މުއިއްޒުގެ ސަރުކާރުން ފްލެޓް ދޫކުރަނީ ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ވާތީ ރަށްވެހިންގެ ރަޖިސްޓަރީ އެ ފްލެޓްތަކަށް ހަދައި ނުދެވޭ ގޮތް ވީ މި ފްލެޓްތަކުގެ އެއްބަސްވުމަކީ ކުލީގެ އެއްބަސްވުމެއް ކަމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. އެ މައްސަލަ މިދިޔަ އަހަރުގެ މެދެއްހާއި ހިސާބުން ފެށިގެން އޮތީ ވަރަށް ބޮޑަށް ފެންމަތިވެފަ އެވެ.
އެކަމާއި ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، 12 އޮގަސްޓް 2025ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓުތައް ލިބުނު މީހުންނަށް މާލޭ ރަށްވެހިންގެ ރަޖިސްޓްރީ ހަދައިނުދީ އޮތް މައްސަލަ އާއި ގުޅިގެން ވަޒީރު މުއްތަލިބް އާއި ސުވާލުކުރުމަށް މެމްބަރު މުހައްމަދު އިބްރާހިމް ވަނީ ވަޒީރު މުއްތަލިބް އާއި ސުވާލު ކުރުމަށް ހުށަހަޅުއްވާފަ އެވެ. އެ ސުވާލަށް ޖަވާބު ދިނުން ތާވަލް ކުރީ 4 މޭއި 2026 އަށެވެ.
މަޖިލީހުގައި ކުޑޫ ވަނީ މިހާރު ހުރި ފްލެޓް އެއްބަސްވުންތަކަކީ ކުލީގެ އެއްބަސްވުންތަކަށް ވާތީ އާއްމުން ރަޖިސްޓްރީ ނުހެއްދި މަގުމަތި ވާންވީތޯ ސުވާލު ކުރައްވާފަ އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މަޖިލީހުގައި ވަޒީރު ވަނީ ސިޓީ ކައުންސިލާއި ފަހި ދިރިއުޅުން ކޯޕަރޭޝަން އަށް ސިޓީ އެއް ފޮނުވާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.
ވަޒީރުގެ އެ ވާހަކަތަކާއި ގުޅިގެން، ފަހި ޔޫނިއަން އިން އާރްޓީއައި ހުށަހަޅާފައި ވަނީ 4000 ފްލެޓް ލިބުނު މީހުން ރަށްވެހިންގެ ރަޖިސްޓްރީ ހެއްދުމަށްޓަކައި ހައުސިން މިނިސްޓްރީ އިން އެފްޑީސީ އަށާއި ސިޓީ ކައުންސިލަށް ފޮނުވި ސިޓީގެ އޮރިޖިނަލް އަށް އެދި އެވެ. އެ ގޮތަށް އެދިފައި ވަނީ 4 މޭއި 2026 ގަ އެވެ.
ހައުސިން މިނިސްޓްރީ އަށް ހުށަހެޅި އެ ހުށަހެޅުމާއި ގުޅިގެން ފަހި ޔޫނިއަން އަށް ފޯރުކޮށްދިން ސިޓީތައް ރާއްޖެ އެމްވީ އަށް ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން 22 އެޕްރިލް 2026ގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްތަރ ހަމްދާން ޝަކީލް އަށް އެޑްރެސްކޮށް ހައުސިން މިނިސްޓްރީގެ ޕަރމަނަންޓް ސެކޭޓްރީ މުހައްމަދު ޝާމިލް ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީ އެއް ހިމެނެ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ ޔުނިޓް ކުއްޔަށް ދިނުމާއި މިލްކު ކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފްލެޓްގެ މިލްކުވެރިކަން ބަދަލުކުރުމުގައި މުއާމަލާތުކޮށް ނިމުމާއި ހަމައަށް ފްލެޓްގެ ވެރިފަރާތަކީ އެފްޑީސީ ކަމަށެވެ. އެހެންކަމުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަަކަށް މާލޭ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީކޮށްދޭން އެދި ހުށަހަޅާ ހުށަހެޅުންތަކާއި ގުޅިގެން ކަމާއި ބެހޭ ޤާނޫނުތަކާއި އެއްގޮތަށް އެ ފަރާތްތައް މާލޭގެ ރަށްވެހިކަމުގައި ހިމަނަން ކައުންސިލް އިދާރާ އަށް ދޭން ޖެހޭ ހުއްދަ ދިނުމަށް ވަނީ އަންގާފަ އެވެ.
މީގެ އިތުރުން ހަމަ އެ ދުވަހު މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީ އެއްގައި އެފްޑީސީ އާއި އެކު ފްލެޓް ލިބުނު މީހުން ވެފައިވާ އެއްބަސްވުމަކީ ކުއްޔަށް ދީފައިވާ ފަރާތްތަކަށް މިލްކު ކުރުމުގެ ބޭނުމަށް އެއްބަސްވެ ހަވާލުކުރެވިފައިވާ ތަންތަން ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އެހެންކަމުން އެ ފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީކޮށްދިނުމުގެ ހުއްދަ އެފްޑީސީ އިން ދިނުމުން ކަމާއި ބެހޭ ޤާނޫނާއި ޤަވާއިދުތަކާއި އެއް ގޮތްވާ ގޮތުގެ މަތިން އެ ފަރާތްތައް މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނުމަށް އަންގާފައިވެ އެވެ.
މި ދެ ސިޓީވެސް ފޮނުވާފައި ވަނީ ވަޒީރު މަޖިލީހަށް ހާޒިރުވުމުގެ ދުވަސްކޮޅެއް ކުރިންނެވެ. އޭރު މި މައްސަލަ ހޫނުވެ ސަރުކާރަށް އޮތީ ވަރަށް ބޮޑަށް ޕްރެޝަން ބޮޑުވެފަ އެވެ. އަދި މިދިޔަ އަަހަރުން ފެށިގެން އެ ސުވާލު މަޖިލީހުގައި އޮތް ނަމަވެސް އެ ސުވާލު ތާވަލް ކުރީ މިނިސްޓްރީ އިން ފޮނުވަން ޖެހޭ ސިޓީތައް ފޮނުވާ ނިމުމުންނެވެ. އެކަން އާރްޓީއައި އާއި ގުޅިގެން ދިން ސިޓީތައް ފޮނުވާފައިވާ ތާރީހުތަކަށް ބެލުމުން ހާމަވެ އެވެ.








