ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ
ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން 2026 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާތީ، މަޓާޓޯއާއި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ހީނަރުކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުއްޓިދާނެކަމުގެ ބިރު އޮތުމުން، ލޯނު ދެއްކުން ފަސްކޮށްދިނުމާއި ޓެކުހުގެ ލުއިތައް ހިމެނޭހެން ފަސް ކަމަކަށް އެ ޖަމިއްޔާތަކުން ވަނީ ސަރުކާރުގައި އެދިފަ. ސިނާއަތުގެ ވާދަވެރިކަން ދެމެހެއްޓުމަށްޓަކައި ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، މާލީ އިދާރާތަކުގެ އެހީތެރިކަން މި ދަނޑިވަޅުގައި ބޭނުންވާކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.


ސީޕްލޭން ޗެކިން އޭރިއާ ގައި ފަތުރުވެރިން ކިޔޫ ހަދައިގެން | އެމްއޭސީއެލް
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުންދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ކުއްލި އެހީތެރިކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން އެދިއްޖެ އެވެ.
މި ދެ ޖަމިއްޔާއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފަތުރުވެރިން އަންނަ މިންވަރަށާއި ބުކިންތަކަށް އައި ބަދަލުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 ވަނަ އަހަރުގެ މާޗް އަދި އޭޕްރީލް މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި މެއި މަހުގެ ތެރޭގައިވެސް މި ހީނަރުކަން ދެމިއޮތްއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކުގެ ކުރިމަގުގެ ބުކިންތައްވެސް ހުރީ ވަރަށް ދަށްކޮށެވެ. މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްއަށާއި، ވަޒީފާތަކުގެ އިތުރުން މުޅި ގައުމީ އިގްތިސާދުގެ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާކަން އެ ޖަމިއްޔާތަކުން ފާހަގަކުރެ އެވެ.
މި ހީނަރުކަމުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައިބަދަ ކަމަށްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓްރެވަލް އެޖެންޓުންނަށެވެ. މި މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ގިނަ އަދަދެއްގެ ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތައް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު އޮތްކަން މަޓާޓޯއާއި އެންއެޗްޖީއޭއެމްއިން ވަނީ ހާމަކޮށްފަ އެވެ. އެހެންކަމުން، ސަރުކާރާއި މާލީ އިދާރާތައް ގުޅިގެން މި ސިނާއަތް ހަމައަކަށް އެޅުވުމަށްޓަކައި ކުއްލި އެހީގެ ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމިއްޔާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިގޮތުން ސިނާއަތް ސަލާމަތްކުރުމަށްޓަކައި މުހިންމު ފަސް ކަމަކަށް އެ ޖަމިއްޔާތަކުން ވަނީ އެދިފަ އެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިތަކަށް ހާއްސަ ލޯނު އެހީގެ ސްކީމްތައް ތައާރަފްކުރުމާއި، މިހާރު ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދިނުމާއި، ޓެކުހާއި ފީތައް ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިދިނުން ހިމެނެއެވެ. މީގެ އިތުރުން، ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށްވެސް ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން، ވިޔަފާރި ހިންގުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވަމުންދާ މައްސަލައަށްވެސް އެ ޖަމިއްޔާތަކުން ވަނީ އަލިއަޅުވާލާފައެވެ. ހާއްސަކޮށް އެއާޕޯޓް ފިއުލްގެ އަގު ބޮޑުވުމާއި، އިމާރާތްކުރުމުގެ ސާމާނުގެ އަގު އުފުލުމުގެ ސަބަބުން އާ މަޝްރޫއުތަކަށާއި ވިޔަފާރި ފުޅާކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. މިކަންކަމަށް ސަރުކާރުން ވަގުތުން ވަދެގަނެ، ހައްލެއް ހޯދައިދިނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ވާދަވެރިކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.
މަޓާޓޯއާއި އެންއެޗްޖީއޭއެމްއިން ބުނީ، މީގެ ކުރިންވެސް ދުނިޔެއަށް ކުރިމަތިވި އެކި ކާރިސާތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ސާބިތުކަން ދައްކާފައިވާ ކަމަށެވެ. ނަމަވެސް މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރާއި މާލީ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށާއި، މި ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ ފަރާތްތަކަކާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ތިބި ކަމަށްވެސް އެ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.







