ޓްރަމްޕްއާ އޮތް ގުޅުން ގޯސްވެފައި ވަނިކޮށް، ފިރިކަލުންގެ ޞިއްޙަތަށްޓަކައި ކަމަށް ވިދާޅުވެ ގެބާޑް އިސްތިއުފާ ދެއްވައިފި
މި މައްސަލައާ ގުޅުންހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ގެބާޑް މަގާމުން ވަކިވެވަޑައިގަތީ ވައިޓް ހައުސްގެ މަޖުބޫރު ކުރުވުން ތަކެއް އޮވެގެން.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޑައިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސްގެ މަގާމުން އިސްތިއުފާ ދެއްވި ގެބާޑް. | ގެޓީ އިމޭޖަސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ޑައިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސްގެ މަގާމުން ތުލްސީ ގެބާޑް، މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން ހުކުރު ދުވަހު އިއުލާނު ކުރައްވަމުން ގެބާޑް ވިދާޅުވީ، މަގާމުން ވަކިވެ ވަޑައިގަންނަވަނީ އޭނާގެ ފިރިކަލުންނަށް ކެންސަރުގެ ބާވަތެއް ޖެހިފައިވާތީ، ފިރިކަލުންނަށް އެހީތެރިކަން ފޯރު ކޮށްދެއްވުމަށް ވަގުތު ހުސް ކުރެއްވުމުގެ ގޮތުން ކަމަށެވެ.
ފޮކްސް ނިއުސް ޑިޖިޓަލް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ގެބާޑް އިސްތިއުފާ ދެއްވާނެކަން ރައީސް ޓްރަމްޕް އަށް އެންގެވީ ހުކުރު ދުވަހު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އޭނާގެ އިސްތިއުފާ ރަސްމީކޮށް ތަންފީޒުވާނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ. ނަމަވެސް މި މައްސަލައާ ގުޅުންހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ގެބާޑް މަގާމުން ވަކިވެވަޑައިގަތީ ވައިޓް ހައުސްގެ މަޖުބޫރު ކުރުވުން ތަކެއް އޮވެގެންނެވެ.
އެކްސްގައި އާންމު ކުރެއްވި އިސްތިއުފާގެ ސިޓީގައި ގެބާޑް ވަނީ، ވޭތުވެ ދިޔަ އެއް އަހަރާއި ބައިގެ މުއްދަތުގައި އެމެރިކާގެ އިންޓެލިޖެންސް އިދާރާ ތަކުގެ އެންމެ އިސްވެރިޔާގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވައި، އޭނާ އަށް ކުރެއްވި އިތުބާރަށްޓަކައި ރައީށް ޓްރަމްޕް އަށް ޝުކުރު އަދާ ކުރައްވާފަ އެވެ. ގެބާޑް ވިދާޅުވީ ފިރިކަލުން ކެންސަރު ބައްޔާ ހަނގުރާމަ ކުރައްވަމުން ގެންދަވާއިރު، އޭނާ އެކަނި ދޫކޮށްލުމަށް ފަހު، ވަގުތު ބޭނުންވާ މިފަދަ ޒިންމާދާރު މަގާމެއްގައި ދެމި ހުރުމަކީ އޭނާގެ ޟަމީރު ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ.
މިކަމާ ގުޅިގެން ރައީސް ޓްރަމްޕްގެ "ޓްރޫތު ސޯޝަލް" ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގެބާޑްގެ ބަދަލުގައި އެ އިދާރާގެ ވަގުތީ ވެރިއަކަށް ހަމަޖައްސަވާފައި ވަނީ ޕްރިންސިޕަލް ޑެޕިއުޓީ ޑައިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް އާރޮން ލޫކަސް ކަމަށެވެ.
ގެބާޑް ކުރެއްވި މަސައްކަތް ތަކަށް ތައުރީފު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އޭނާގެ ފިރިކަލުންގެ ސިއްހީ ހާލަތަށް ބަލާއިރު، އާއިލާ އާއެކު ވަގުތު ހޭދަކުރަން ގެބާޑް ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށެވެ.
ގެބާޑް އިސްތިއުފާ ދެއްވާފައި މިވަނީ ބައެއް ސިޔާސަތު ތަކުގައި ޓްރަމްޕާއި އޭނާއާ ދެމެދު ހިޔާލު ތަފާތުވުން ތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ވަކިން ހާއްސަކޮށް އީރާންގެ ނިއުކްލިއާ މަޝްރޫއުތައް ހުއްޓުވުމަށް ގެންގުޅޭ ސިޔާސަތު ތަކުގައި ގެބާޑް ގެންގުޅުއްވަނީ މާ "މަޑުމޮޅި" އުސޫލެއް ކަމަށް ވިދާޅުވެ، ރައީސް ޓްރަމްޕް މީގެ ކުރިން ވަނީ އޭނާ އަށް ފާޑު ވިދާޅުވެފަ އެވެ.
މަސްދަރު: ރޮއިޓާސް






