އިންޑިއާގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ޓްވިޝާ ޝަރުމާގެ ކުއްލި މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާގެ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް!
އިންޑިއާގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ޓްވިޝާ ޝަރުމާގެ ކުއްލި މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާގެ އާއިލާއަށް ރަންކިޔުމާއި އަނިޔާކުރުމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ އަމާޒުވެފައި. ނުފޫޒުގަދަ ގާނޫނީ އާއިލާއަކަށް ނިސްބަތްވާ ފިރިމީހާ ފިލައިގެން އުޅޭއިރު، އަންހެން މީހާގެ އާއިލާއިން ތުހުމަތުކުރަނީ މިއީ ރޭވުންތެރި މަރެއް ކަމަށް. މި މައްސަލަ މިހާރު ސީ.ބީ.އައި އިން ތަހުގީގު ކުރަން ފަށާފައިވާއިރު، ޓްވިޝާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އާންމުންގެ ބޮޑު ކެމްޕޭނެއް ދަނީ ހިންގަމުން.

ޓްވިޝާ ޝަރުމާ އަކީ މޮޑެލެއްގެ އިތުރުން އެކްޓަރެއް އަދި ރީތީގެ މުބާރާތްތަކުން ކާމިޔާބީ ހޯދާފައިވާ ފަރާތެއް. | ޓްވިޝާގެ އާއިލާ
އިންޑިއާގައި ކޮންމެ އަހަރަކުވެސް އަގުބޮޑު ރަންކިޔުމާއި މުދާ ދިނުމުގެ (ޑައުރީ) މައްސަލަތަކުގައި އެތައް ހާސް އަންހެނުންނެއް މަރާލި ނަމަވެސް، މިފަދަ މަރެއް މީޑިއާގެ ސަމާލުކަމަށް އަންނަނީ ވަރަށް މަދުންނެވެ.
ނަމަވެސް، މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު އިންޑިއާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ބޯޕާލްގައި މަރުވި ޓްވިޝާ ޝަރުމާގެ މަރުގެ މައްސަލަ ވަނީ މީޑިއާގެ ބޮޑު ސަމާލުކަމަކަށް އައިސް، ކޮންމެ ދުވަހަކުވެސް މި ޚަބަރު ސުރުޚީތަކުން ޖާގަ ހޯދާފައެވެ.
އުމުރުން 33 އަހަރުގެ މޮޑެލް އަދި އެކްޓްރެސް ޓްވިޝާ، ވަކީލެއް ކަމަށްވާ ސަމަރުތު ސިންގްއާ ކައިވެނިކޮށްގެން އުޅޭތާ އެންމެ ފަސް މަސް ވެފައިވަނިކޮށް، އޭނާ މަރުވެފައި އޮއްވާ ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ތެރެއިންނެވެ.
ޓްވިޝާގެ މައިންބަފައިންނާއި އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ރަންކިޔުމުގެ މައްސަލައިގައި ސަމަރުތު އާއި އޭނާގެ މަންމަ، ރިޓަޔާޑް ފަނޑިޔާރު ގިރިބާލާ ސިންގް ވަނީ ޓްވިޝާއަށް އަނިޔާކޮށް އޭނާ މަރާލާފައެވެ.
ނަމަވެސް ގިރިބާލާ ސިންގް މި ތުހުމަތުތައް ދޮގުކުރެއެވެ. އޭނާ ބުނާ ގޮތުގައި ޓްވިޝާއަކީ ނަފްސާނީ ބަލިމަޑުކަމެއް ހުރި މީހެއް ކަމަށާއި، އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ.
ފުލުހުންގެ އޮފިޝަލް ރަޖްނީޝް ކަޝްޔަޕް ކޯލް ބީބީސީ ހިންދީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަންކިޔުމުގެ މައްސަލައިގައި މީހަކު މަރުވުމުގެ ދައުވާ ސިންގްގެ އާއިލާއާ ދެކޮޅަށް އުފުލާފައިވާ ކަމަށާއި، މިއީ މަރުގެ މައްސަލައެއްތޯ ނުވަތަ އަމިއްލައަށް މަރުވުމުގެ މައްސަލައެއްތޯ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި މިހާރު ފިލައިގެން އުޅޭ ސަމަރުތު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭނާއާ ބެހޭ މައުލޫމާތެއް ދިން ފަރާތަކަށް ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، އޭނާ ގައުމުން ބޭރަށް ފުރައިގެން ދިޔަ ނުދިނުމަށްޓަކައި 'ލުކްއައުޓް ނޯޓިސް' އެއްވެސް ވަނީ ނެރެފައެވެ. ބޯޕާލްގެ ކޯޓަކުން ގިރިބާލާ ސިންގްއަށް ކަފާލާތުގެ ދަށުން މިނިވަންވުމުގެ ފުރުސަތު ދިން ނަމަވެސް، ސަމަރުތުގެ ކަފާލާތުގެ އެދުން ވަނީ ބޭރުކޮށްލާފައެވެ. އަދި މެއި މަހުގެ 23 ވަނަ ދުވަހުގެ ކުރިން އަމާންދިނުމަށް އޭނާއަށް ވަނީ އަމުރުކޮށްފައެވެ.
ގިރިބާލާ ސިންގް ބުނީ އޭނާގެ ދަރިފުޅު ހުރި ތަނެއް ނޭނގޭ ކަމަށެވެ. ނަމަވެސް ހައިކޯޓުން ކަފާލާތަށް އެދޭނެ ކަމަށާއި، އެކަން ނާކާމިޔާބުވެއްޖެނަމަ އަމާންދޭނެ ކަމަށް އޭނާ ބުންޏެވެ.
ވީޑިއޯ ޕްލެޓްފޯމެއް ކަމަށްވާ 'މޯޖޯ ސްޓޯރީ' އަށް ދިން އިންޓަވިއުއެއްގައި ގިރިބާލާ ބުނީ، "އަހަރެމެންގެ ވަކީލު ލަފާދިނީ އޭނާ ފިލައިގެން ހުރުމަށް. ބޭރަށް ނުކުމެއްޖެނަމަ އާންމުން އޭނާ މަރާލާނެ ކަމަށް ވަކީލު ބުނި. އޭނާއާ ދެކޮޅަށް ބޮޑު ކެމްޕޭނެއް އެބަހިނގާ، މީހުން ގޮވަނީ އޭނާ ދަންޖެއްސުމަށް،" ކަމަށެވެ.
އަދި އޭނާގެ ދަރިފުޅަށް ލޯބިވާ ބައިވެރިޔާ ގެއްލިފައިވާ ކަމަށާއި، އެ ހިތާމަ ފާޅުކުރުމުގެ ފުރުސަތުވެސް ނުލިބޭ ކަމަށް ބުނެ އޭނާ ވަނީ ދިފާއުގައި ވާހަކަދައްކާފައެވެ.
މިދަނޑިވަޅުގައި ޓްވިޝާގެ އާއިލާއިން ވަނީ އޭނާގެ ހަށިގަނޑު އަންދާލުމަށް އިންކާރުކޮށް، ދެވަނަ ޕޯސްޓްމޯޓަމެއް ހެދުމަށް އެދިފައެވެ. ބީބީސީއަށް ފެނިފައިވާ ފުރަތަމަ އޮޓޮޕްސީ ރިޕޯޓުގައި ބުނެފައިވަނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ. ނަމަވެސް މަރުވުމުގެ ކުރިން ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ވާހަކަވެސް އެ ރިޕޯޓުގައިވެއެވެ. ހުކުރު ދުވަހު ހައިކޯޓުން ވަނީ ދެވަނަ ޕޯސްޓްމޯޓަމެއް ހެދުމުގެ ހުއްދަ އާއިލާއަށް ދީފައެވެ.
ސަމަރުތު ފިލައިގެން އުޅުމާއި، ޓްވިޝާގެ އާއިލާއިން ކުރާ ސީރިއަސް ތުހުމަތުތަކާއި، އަދި ކުރީގެ ފަނޑިޔާރު ޓްވިޝާގެ ނަފްސާނީ މައްސަލަތަކާ ބެހޭގޮތުން ދެމުންދާ އިންޓަވިއުތަކުގެ ސަބަބުން މީޑިއާގެ ސަމާލުކަން މި މައްސަލައަށް ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. އިންސްޓަގްރާމްގައި "ޖަސްޓިސް ފޯ ޓްވިޝާ ޝަރުމާ" ގެ ނަމުގައި ޕޭޖެއް ހުޅުވައި، އާންމުންގެ ބޮޑު ތާއީދެއް ދަނީ ލިބެމުންނެވެ. މި މައްސަލައަށް މިހާ ބޮޑު ސަމާލުކަމެއް ލިބެނީ ޓްވިޝާއަކީ މަޝްހޫރު މީހަކަށް ވުމުގެ އިތުރުން، އޭނާ ކައިވެނިކުރި އާއިލާއަކީ އިންޑިއާގެ އަދުލު އިންސާފުގެ ދާއިރާގައި ނުފޫޒުގަދަ، ނަމޫނާ ދައްކަންޖެހޭ އާއިލާއަކަށް ވާތީއެވެ.
މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކުރި ޓްވިޝާ ވަނީ 2012 ވަނަ އަހަރު 'މިސް ޕޫނޭ' ގެ ތާޖު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ގިނަ އިޝްތިހާރުތަކެއްގައި މަސައްކަތްކޮށް، ތެލުގޫ ފިލްމެއްގައިވެސް އެކްޓްކޮށްފައެވެ. ފަހަކަށް އައިސް އޭނާ މަސައްކަތް ކުރަމުންދިޔައީ މާކެޓިންގް ދާއިރާގައެވެ. ރައްޓެހިންނާއި އާއިލާއިން އޭނާ ސިފަކުރަނީ އުފާވެރި، ދީލަތި އަދި އުންމީދުތަކެއް ހުރި މީހެއްގެ ގޮތުގައެވެ.
އާއިލާއިން ބުނާ ގޮތުގައި ޓްވިޝާއަށް ސަމަރުތުއާ ދިމާވީ 2024 ވަނަ އަހަރު ޑޭޓިންގް އެޕެއްގެ ތެރެއިންނެވެ. އަދި 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމީހުން ކައިވެނިކުރިއެވެ. ކައިވެނީގެ ފޮޓޯތަކުން ފެންނަނީ ވަރަށް އުފާވެރި ދެމަފިރިންގެ ގޮތުގައެވެ.
ނަމަވެސް ޝަރުމާގެ އާއިލާއިން ބުނާ ގޮތުގައި ކައިވެންޏަށް ފަހު މާގިނަ ދުވަސްތަކެއް ނުވެ މައްސަލަތައް ޖެހެން ފެށިއެވެ. ކައިވެނީގެ ވަގުތުގައި ރަންކިޔުމުގެ ގޮތުން މުދަލާއި ފައިސާ ދިން ނަމަވެސް، އެ ކައިވެންޏަކީ އެމީހުންގެ "ފެންވަރުގެ" ކައިވެންޏެއް ނޫން ކަމަށް ބުނެ ސިންގްގެ އާއިލާއިން ޓްވިޝާއަށް މަލާމާތްކޮށް ހަދާ ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ. (އިންޑިއާގައި ރަންކިޔުމާއި މުދާ ދިނުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ނަމަވެސް، އެއީ އަދިވެސް ވަރަށް ބޮޑަށް ކުރަމުންދާ ކަމެކެވެ.)
ޓްވިޝާގެ އާއިލާއިން ވަނީ އޭނާ ފޮނުވާފައިވާ ވަޓްސްއެޕް މެސެޖުތަކެއް އާންމުކޮށްފައެވެ. އެ މެސެޖުތަކުގައި އޭނާއަށް ކުރާ އަނިޔާތަކުގެ ވާހަކަ ހިއްސާކޮށްފައިވެއެވެ. "މިއީ ނަރަކައެއް ފަދަ ދިރިއުޅުމެއް،" އެއް މެސެޖުގައި ލިޔެފައިވެއެވެ.
އާއިލާއިން ބުނާ ގޮތުގައި އެންމެ ބޮޑު މައްސަލައެއް ޖެހުނީ އޭޕްރީލް މަހު ޓްވިޝާ ބަނޑުބޮޑުވުމުންނެވެ. އޭނާގެ ފިރިމީހާއާއި މައިދައިތަ އޭނާގެ އަޚުލާގާ މެދު ސުވާލު އުފައްދައި، އެއީ އެހެން މީހެއްގެ ދަރިއެއް ކަމަށް ބުނެ ތުހުމަތުކުރި ކަމަށް އާއިލާއިން ބުނެއެވެ. އަދި މެއި މަހުގެ ފުރަތަމަ ހަފުތާގައި މަޖުބޫރުން ދަރިފުޅު ވައްޓާލަން ޖެއްސި ކަމަށްވެސް ތުހުމަތުކުރެއެވެ.
ގިރިބާލާ ސިންގް މި ހުރިހާ ތުހުމަތެއް ދޮގުކުރެއެވެ. އޭނާ ބުނާ ގޮތުގައި ދަރިފުޅު ބޭނުން ނުވެގެން އެބޯޝަން ހަދަން ބޭނުންވީ އަމިއްލައަށް ޓްވިޝާއެވެ.
ޓްވިޝާގެ ބައްޕަ ނަވްނިދީ ޝަރުމާ ބީބީސީ ހިންދީއަށް ބުނީ، އޭނާގެ ދަރިފުޅާ އެންމެ ފަހުން ވާހަކަދެކެވުނީ އޭނާ މަރުވި ރޭ، އެތާ ގަޑިން ގާތްގަނޑަކަށް 21:11 ގައެވެ.
"ޓްވިޝާ އޭނާގެ މަންމައާ ވާހަކަދައްކަން ހުއްޓާ ކުއްލިއަކަށް ފޯނު ކެނޑުނީ،" އޭނާ ބުންޏެވެ. އޭގެ ފަހުން 20 މިނެޓް ވަންދެން ގުޅުމުންވެސް ފޯނެއް ނުނަގައެވެ. ފަހުން ގިރިބާލާ ސިންގް ފޯނު ނަގައި ބުނީ "އޭނާ މަރުވެއްޖެ" ކަމަށެވެ.
ޓްވިޝާގެ އާއިލާއިން ވަނީ އޭނާގެ ފިރިމީހާގެ އާއިލާއިން ފުލުހުންނަށް މިކަން ނޭންގީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ. "ރިޓަޔާޑް ފަނޑިޔާރަކަށް އެނގެންޖެހޭނެ މިފަދަ ހާލަތްތަކުގައި އަމަލުކުރަންޖެހޭ އުސޫލުތައް،" ނަވްނިދީ ބުންޏެވެ. ގިރިބާލާ ބުނީ ފުލުހުންނަށް ގުޅުން ލަސްވީ ޓްވިޝާ ހޮސްޕިޓަލަށް ގެންދިއުމަށް އިސްކަންދިނުމުން ކަމަށެވެ.
ކުރީގެ ފަނޑިޔާރު ގިރިބާލާ ސިންގް، ޓްވިޝާގެ ނަފްސާނީ ބަލިމަޑުކަމާ ބެހޭގޮތުންނާއި އޭނާއަކީ "ލިބަރަލް" މީހެއް ކަމަށް ބުނެ ދިން އިންޓަވިއުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އޭނާގެ ވާހަކަތަކުގެ ސަބަބުން އާންމުންގެ ރުޅިވެރިކަން އިތުރުވެ، އޭނާގެ ކަފާލާތު ބާތިލުކޮށް ހައްޔަރުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ޓްވިޝާގެ ބައްޕަ ބުނީ މިއީ އޭނާގެ ދަރިފުޅުގެ އަބުރު ގެއްލުވާލުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އާއިލާއިން ވަނީ ފުލުހުންގެ ތަހުގީގާ މެދުވެސް ސުވާލު އުފައްދާފައެވެ. ބޯޕާލްގެ ޕޮލިސް ކޮމިޝަނަރު ސަންޖޭ ކުމާރު ބީބީސީއަށް ވިދާޅުވީ ތަހުގީގުގައި ބައެއް އުނިކަންތައްތައް ހުރި ނަމަވެސް، މިހާތަނަށް ބެލިބެލުމުން މިއީ މަރުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ އަމިއްލައަށް މަރުވުމުގެ މައްސަލައެއް ކަމަށް ބެލެވޭ ކަމަށެވެ.
ނަމަވެސް ޓްވިޝާގެ ބައްޕަ މިކަން ގަބޫލެއް ނުކުރެއެވެ. އޭނާ ބުނަނީ ނުފޫޒުގަދަ ބަޔަކު ތަހުގީގަށް ހުރަސްއަޅަމުންދާ ކަމަށެވެ.
މި މައްސަލައިގައި މަދްޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު މޯހަން ޔާދަވް ވިދާޅުވީ، މިހާރު މި މައްސަލަ ފެޑެރަލް ފުލުހުން (ސީ.ބީ.އައި) އިން ތަހުގީގު ކުރާނެ ކަމަށާއި، އާއިލާއަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރުން އެހީތެރިވާނެ ކަމަށެވެ.
ނަވްނިދީ ޝަރުމާ ބުނީ އޭނާގެ ދަރިފުޅަށް އިންސާފު ލިބެންދެން ހަނގުރާމަ ކުރާނެ ކަމަށެވެ.
"މަރުވުމުގެ ކުރިންވެސް އަދި ފަހުންވެސް އަހަރެންގެ ދަރިފުޅަށް އިންސާފު ނުލިބޭ ގޮތް ހެދުމަށް އެބަ މަސައްކަތް ކުރޭ. އިންސާފު ލިބެންދެން އަހަރެމެން ހުއްޓައެއް ނުލާނަން،" އޭނާ ބުންޏެވެ.






