ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު
ތިލަމާލެ ބްރިޖްގެ މަސައްކަތް ލަސްވަނީ އެފަދަ ކަނޑުގަދަ ސަރަހައްދެއްގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ކޮންޓްރެކްޓަރުގެ ކިބައިގައި ނެތުމުން ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ. މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮންޓްރެކްޓަރަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒަކީ ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، 2027 ވަނަ އަހަރުގެ ނިޔަލަށް ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް. މި މަޝްރޫއު ހުއްޓުމެއް ނެތި ކުރިއަށްދާއިރު، އިންޑިއާ ސަރުކާރާ ގުޅިގެން މަސައްކަތް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި.


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު | ރައްޔިތުންގެ މަޖިލިސް
ތިލަމާލެ ބްރިޖް މަޝްރޫއު ނުހިއްޓި ކުރިއަށް ދާ ކަމަށާ ނަމަވެސް އެ މަސައްކަތް ލަސްވަނީ ރާއްޖެފަދަ ކަނޑުގަދަ ސަރަހައްދެއްގައި ބްރިޖް އެޅުމަކީ ކޮންމެ ކޮންމެ ބަޔަކަށް އެހާ ފަސޭހައިން ކުރެވޭނެ ކަމަކަށް ނުވާއިރު މަސައްކަތް ހަވާލު ކޮށްފައިވާ ފަރާތަށް ވެސް ދަސް ކުރަން ވަގުތު ބޭނުން ވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކޮށްފައިވާ އިރު ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ތިލަމާލެ ބްރިޖް މަޝްރޫއަކީ މާލެ ސަރަހައްދުގެ ތަރައްގީ އަށް އަދި މާލެ ސަހަރައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް މުހިއްމު މަޝްރޫއެއް ކަމަށެވެ.
ފެށުނީއްސުރެ މި ސަރުކާރުން މަސައްކަތް ކޮށްފައި ވާނީ ކޮންޓްރެކްޓަރާ އިންޑިއާ ސަރުކާރާ އެއްކޮށް މަސައްކަތް ކޮށްގެން ވީހާ ވެސް އަވަހަކަށް މަސައްކަތް ނިންމުމަށް ކަމަށާ ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްގެން މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދެވުމަށް އަބަދުވެސް މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ މަސައްކަތް ލަސްވާ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ ރާއްޖެފަދަ ކަނޑުގަދަ ސަރަހައްދެއްގައި ބްރިޖް އެޅުމަކީ ކޮންމެ ކޮންމެ ބަޔަކަށް އެހާ ފަސޭހައިން ކުރެވޭނެ ކަމަކަށް ނުވުމެވެ.
އަޅުގަނޑު ފުރަތަމަ މަގާމާ ހަވާލުވެގެން ދިން ޕްރެސްގައި ވެސް ދަންނަވާފައި ވާނެ ފަދައިން މިފަދަ ކަނޑުގަދަ ސަރަހައްދެއްގައި ބްރިޖް އެޅުމަކީ ކޮންމެ ކޮންމެ ބަޔަކަށް އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނޭ. އެހެންވީމާ އެކަން ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރަކީ އެފަދަ މަސައްކަތެއް މީގެ ކުރިން ކޮށްފައިވާ ބަޔަކަށް ނުވާތީ އެ ފަރާތަށް ދަސްކުރަން ވަގުތު ނެގީ. އެކަންތައް އަޅުގަނޑުމެންނަށް އަދިވެސް އެބަ ފެނޭ. އަޅުގަނޑުމެން ކަނޑައަޅާފަ އޮތް މުއްދަތުގައި އަދި ކުރީ ސަރުކާރުން ނިންމޭނެ ކަމަށް ކަނޑައަޅައި އިތުރަށް 30 މަސް ދުވަސް ދިނީމަވެސް އެ 30 މަސް ދުވަސް މާޗު މަހު ހަމަވެގެން ދިޔަ އިރުގަ ވެސް ނުވޭ.ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު
މިނިސްޓަރު މުއްތަލިބު ވިދާޅުވި މިހާރު މަސައްކަތް ކުރަމުންދަނީ އަނެއްކާވެސް ކޮންޓްރެކްޓަރަށް އިތުރު ވަގުތު ދީގެން މަސައްކަތް ނިންމުމަށް ކަމަށެވެ. މިހާރު ކޮންޓްރެކްޓަރު ޖޫރިމަނާ ކޮށް ކޮންޓްރެކްޓަރަށް ފިޔަވަޅު އަޅައިފި ކަމަށް ވާނަމަ މަޝްރޫއު ހުއްޓި، އެއިން ރައްޔިތުންނަށް އެއްވެސް ފައިދާ އެއް ނުކުރާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
ސަރުކާރުން ކޮންޓްރެކްޓަރާ އިންޑިއާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަނީ މަސައްކަތް މި މަޝްރޫއު ވީ އެންމެ އަވަހަށް ނިންމުމަށް ކަމަށާ 2027 ގެ ނިޔަލަށް ބްރިޖް ބޭނުން ކުރެވެން ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން، އެ ގައުމުގެ ލޯނު އަދި ހިލޭ އެހީގެ ދަށުން ކުރިއަށް ދާ މި މަޝްރޫއުގެ ސްޕީޑާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ރައީސް މުއިއްޒު ވެސް ވަނީ މި ފަހުން ވިދާާޅުވެފަ އެވެ. ރައީސް ވިދާޅުވެފައި ވަނީ އެކަމާ ގުޅިގެން ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.







