އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ފަރުބަދަމަތީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ
އިންޑިއާގެ މެގަލައިޔާގައި ކުރިއަށްދާ "އެކްސަސައިޒް ޕްރަގާޓީ 2026" ގައި އެމްއެންޑީއެފްގެ 32 ސިފައިންގެ ޓީމަކުން ވަނީ ބައިވެރިވެފައި. ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުތަކަކީ ފަރުބަދަމަތީ އަދި ޖަންގަލި ސަރަހައްދުތަކުގައި ހިންގާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންތަކަށް އަމާޒުކޮށް، ބައިނަލްއަގުވާމީ އަސްކަރިއްޔާތަކުގެ މެދުގައި ތަޖުރިބާ ބަދަލުކުރުމަށް ބާއްވާ ހަރަކާތެއް. ރާއްޖެ އާއި އިންޑިއާގެ އިތުރުން އިތުރު 11 ގައުމަކުން ބައިވެރިވާ މި އެކްސަސައިޒްގައި ޖޮއިންޓް ޕްލޭނިންގާއި ޓެކްޓިކަލް ޑްރިލްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި.


އިންޑިއާގައި ކުރިއަށްދާ "އެކްސަސައިޒް ޕްރަގާޓީ 2026"ގައި އެމްއެންޑީއެފުން ބައިވެރިވުން. މި އެކްސަސައިޒުގައި، 30 ސިފައިންނާއި 2 އޮފިސަރަކު ބައިވެރިވޭ. | އެމްއެންޑީއެފް
އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ފަރުބަދަމަތީ އަދި ޖަންގަލި ސަރަހައްދުތަކުގައި ހިންގާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ "ޕާޓްނަރޝިޕް އޮފް ރީޖަނަލް އަރމީސް ފޮރ ގްރޯތު އެންޑް ޓްރާންސްފޯމޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން"، (އެކްސަސައިޒް ޕްރަގާޓީ 2026) ގައި ބައިވެރިވެފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، މޭ 20 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށް އިންޑިއާގެ މެގަލައިޔާގައި ހުންނަ އަމްރޯއި މިލިޓަރީ ސްޓޭޝަނުގައި ކުރިއަށްދާ މި އެކްސަސައިޒުގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލައޯސް، މެލޭޝިއާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ، އަދި ވިއެޓްނާމް ބައިވެރިވާ ކަމަށެވެ.
މި އެކްސަސައިޒް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ފަރުބަދަމަތީ އަދި ޖަންގަލީ ސަރަހައްދުތަކުގައި ހިންގާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކުގެ މައްޗަށެވެ. ފަންނީ މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުމަށާއި، އަސްކަރިއްޔާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި އެކްސަސައިޒުގައި، ޖޮއިންޓް ޕްލޭނިންގ އެކްސައިޒްތަކާއި، ޓެކްޓިކަލް ޑްރިލްސް، އަދި ކޯޑިނޭޓެޑް އޮޕަރޭޝަންސް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި އެކްސަސައިޒުގައި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސް، އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް، އެމްއެންޑީއެފް ސްޕެޝަލް ބޯޓް ސްކޮޑްރަން އަދި އެމްއެންޑީއެފް މެރީންސް ހިމެނޭހެން 30 ސިފައިންނާއި 2 އޮފިސަރަކު ބައިވެރިވެ އެވެ.







