މަހުދީ މަރާގުޅޭ ޢާއްމުންގެ ސުވާލުތަކެއް. ސިފައިންގެ ވެރިޔާ ސިޔާސީ ވާހަކަތަކެއް
އެމްއެންޑީއެފްގެ ކުޅަދާނަ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ މަރަށް ފަހު އާއްމުން ދަނީ އެތައް ސުވާލެއް ސަރުކާރަށާއި ސިފައިންގެ ވެރިންނަށް ކުރިމަތި ކުރުވަމުން. އަދި އެހަދިސާއަށް ފަހު ސިފައިން ސިޔާސީ ވާހަކަ ދައްކާތީ އާއްމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން.


ވ.އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ރައީސް މުއިއްޒު އަރިހުގައި ކަނާތް ފަރާތުގައި ހުއްޓިގެން. | ރައީސް އޮފީސް
ޑައިވިނަށް ގޮސް އުޅެނިކޮށް ހޮހޮޅަ ތެރޭގައި ތާށިވި މީހުން ހޯދުމަށް ދިވެހި ސިފައިންގެ އޮޕަރޭޝަންގެ ތެރެއިން ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ. ޤައުމީ ޚިދުމަތުގައި ވަމުން ދިޔަ ޤުރުބާނީއެއްގެ ތެރެއިން މަހުދީ މަރުވި ގޮތާ ގުޅޭ ގޮތުން ގިނަ ބަޔަކު އަދިވެސް އެދަނީ ސަރުކާރަށާއި އެމްއެންޑީއެފަށް ފާޑު ކިޔަމުންނެވެ. މަހުދީގެ ހިތްވަރާއި އޭނާ ވި ޤުރުބާނީއަކަށް ނޫނެވެ. އެހާދިސާ ހިނގާދިޔަ ގޮތުންނެވެ. ނުނަގާ ވާން އޮތް ރިސްކެއް ނަގައި ހިންގި އޮޕަރޭޝަނެއްގައި އޭނާ ނިޔާވުމެވެ. މިކަމުގެ ސަބުން އެތައް ސުވާލެއް ކުރިމަތި ކުރުވަމުން ދަނިކޮށް ސިފައިންގެ އެންމެ މަތީ ވެރިޔާ ދެއްކެވި ވާހަކައަކާއި ގުޅިގެން މިހާރު އެވަނީ އަދި މާބޮޑު ބަހުސެއް ފެށިފައެވެ. ސިފައިން ސިޔާސީ ވާހަކަ ދައްކަން ފެށީމައެވެ. މުޅިން އަލަށް އެފަދަ ކަމެއް ކުރީތީއެވެ.
މަހުދީގެ މަރާ ގުޅިގެން އާއްމުން ސުވާލު އުފައްދަމުން ދިޔައީ ސަބަބުތަކެއް ހުރީތީއެވެ. އޭގެ ތެރެއިން އެއްކަމަކީ ނެތް ގާބިލް ކަމެއް ދައްކަން އަމުރު ކުރުމެވެ. ވާން ނެތްކަމެއް ކުރުވަން އުޅުމެވެ. ބޭނުންވާ ވަސީލަތްތައް ނެތި އެެރު ކަމެއް ކުރުވަން އުޅުމެވެ.
ކޯސްޓްގާޑުގެ ސިފައިންނަށް ފީނުމުގެ ތަމްރީން ލިބިފައިވަނީ 50 މީޓަރަށް ކަމަށް ހާމަކުރީ ސީދާ ސިފައިންނެވެ. މަހުދީ މަރުވި ދުވަހުގެ ކުރީ ރޭ ދައުލަތުގެ ޓީވީގައި ސިފައިންގެ އޮފިސަރުންތަކެއް ވަރަށް ސާފުކޮށް އެވާހަކަ އެހެން ވިދާޅުވިއެވެ. އަދި ހިނގައި އުޅޭ ހާދިސާގައި ބުނާ ފުން ހޮހަޅައަށް ފީނުމަށް ބޭނުންވާ އާލާތްތައް ނެތްކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން މި ތިބެނީ ޓެކްނިކަލް ޑައިވިންއަށް އަދި މުޅިއަކުން ތައްޔާރުވެފައެކޭ ނުދެންނެވޭނެ. އަޅުގަނޑުމެންގެ ޑައިވާސް މިހާރު ކޮލިފައިވެފައި މި ތިބެނީ 50 މީޓާސްއަށް ޓެކްނިކަލް ޑައިވްކުރަން،" ބްރިގޭޑިއާ ޖެނެރަލް، ކޯސްޓްގާޑްގެ ކޮމާންޑަރު މުހައްމަދު ސަލީމް ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ހުކުރު ދުވަހު ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން މި ކުރަނީ ނޯމަލް އެއާގައި. އަޅުގަނޑުމެންގެ ޑައިވަރުން ރިސްކަކަށް ވެސް ކޮންމެ ވެސް ވަރަކަށް ލައިގެން ކުރާ ޑައިވްތަކެއް. އާންމުކޮށް މި ކަހަލަ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޓެކްނިކަލް އިކުއިޕްމަންޓް ބޭނުންކޮށްގެންނެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ރާއްޖެއާއި ދުނިޔޭގެ ތަޖްރިބާ ކާރުންވެސް އެއްބަސްވަނީ އެފަދަ ހޮހަޅައަކަށް ޑައިވް ކުރެވޭނީ އެކަމަށް އެކަށޭނަ އާލާތްތަކާއެކު އެކަމުގެ ޚާއްޞަ ތަމްރީނެއް ލިބިފައި ތިބޭ ޑައިވަރުންނަށް ކަމަށެވެ.
ރައްޔިތުން އުފައްދާ ސުވާލަކީ އެއީއެވެ. އެވަރުގެ ކަމެއް ކުރީ ކީއްވެ ހެއްޔެވެ. އެ ބުނާ ވަސީލަތްތަކާ ނުލައި އެފަދަ ތަމްރީނެއް ލިބިފައި ނެތް ބަޔަކު ލައްވައި އެކަން ކުރުވީ ކީއްވެ ހެއްޔޭއެވެ.
މި ފަދަ ޑައިވްތައް ނޯމަލް އެއާގައެއް ނުކުރާނެއެވެ. ބައިނަލްއަގުވާމީ ކޭވް ޑައިވިން އާ ބެހޭ އުސޫލުތަކުގައި ވަރަށް ސާފުކޮށް އެކަން އެބަ ބަޔާންކުރެއެވެ. އެއީ ޓެކްނިކަލް ޑައިވެކެވެ. ޚާއްޞަ ގޭސް މިކްސްޗަރުތައް ބޭނުންކުރުމަކީ މަޖުބޫރު ކަމެކެވެ. ދެން، އެމްއެންޑީއެފްގެ ޑައިވަރުން ނޯމަލް އެއާގައި ފޮނުވީ ކީއްވެހެއްޔެވެ؟ މިއީ ޖަވާބު ދޭންޖެހޭ ސުވާލެކެވެ.
އިންޓަރނޭޝަނަލް އަންޑަ ވޯޓާ ކޭވް ރެސްކިއު އެންޑް ރިކަވަރީ (އައިޔޫސީއާރުއާރު) ފަދަ ޖަމާއަތްތަކުގެ މިންގަނޑުތައް ބުނާގޮތުން، މަރުވެފައިވާ މީހެއްގެ ހަށިގަނޑު ނެގުމަށްޓަކައި ރިކަވަރީ ޑައިވަރެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލައިގެން ނުވާނެއެވެ. އެ ޖަމާއަތުގެ މެނުއަލްގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި، އެއްވެސް ހަށިގަނޑެއް ނެގުމަކީ ރިކަވަރީ ޑައިވަރެއްގެ ފުރާނަ ގުރުބާންކުރަންޖެހޭ ވަރުގެ ކަމެއް ނޫނެވެ.
ސުވާލަކީ މި ހާދިސާގެ ރިސްކް އެސެސްމަންޓް ހެދީ ކިހިނަކުން ހެއްޔެވެ؟ ހޮހޮޅައިގެ ތެރެއަށް ވަންނަން ސިފައިން ފޮނުވީ ކާކު ހެއްޔެވެ؟ އެ އަމުރުކުރީ ކީއްވެ ހެއްޔެވެ؟ މިއީ ތަހުގީގުކުރަން ޖެހޭނެ ކަންކަމެވެ.
މިސުވާލުތައް ކުރިމަތި ވެފައިވަނިކޮށް ދެން ފެނުނީ މުޅިން ތަފާތު ކަމެކެވެ. ސިފައިންގެ ވެރިއަކު ފުރަތަމަ ފަހަރަށް ސިޔާސީ ވާހަކަތަކެއް ދެއްކެވިތަނެވެ. ހިނގައިގެން ގުޅޭ ހާދިސާއިން ކުރިމަތިވަމުންދިޔަ ޕްރެޝަރު ކުޑަކުރުމަށް ކަމަށްވިއަސް ސިފައިން ސިޔާސީ ވާހަކަ ދެއްކުން ރައްޔިތުންނަކަށް ކަމަކު ނުދިއައެވެ.
ދައުލަތުގެ ޓީވީގެ ޕްރޮގްރާމެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ކޯސްޓްގާޑް އޮތީ އެންމެ އެދެވޭ ހާލަތުގައި ނޫން ކަމަށެވެ.
"މިސަރުކާރު ހަވާލުވިއިރު ކޯސްޓްގާޑް އެންމެ އެދެވޭ ހާލަތެއްގައެއް ނޫން އޮތީކީ. އެހެންވީމާ އަޅުގަނޑުމެން ބެލީ ކޯސްޓްގާޑްގެ ހާލަތު މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރުމަށްޓަކައި. އެނގިވަޑައިގަންނަވާނެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރުވެސް ކޯސްޓްގާޑް ދެގުނަ ކުރައްވާނެ ވާހަކަ ވިދާޅުވެފައި ވާނީ. އެމަނިކުފާނު އޭރު އެ ވާހަކަ ވިދާޅުވެފައި ވަނީ އަޅުގަނޑުމެންގެ ހާލަތު އޮތްގޮތުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ދިވެހިރާއްޖެއަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތުގެ ފުޅާމިނަށް ބެއްލެވުމަށް ފަހު." ޗީފް އޮފް ޑިފެންސް ފޯސް ހިލްމީ ވިދާޅުވިއެވެ.
މިވާހަކައާއި ގުޅިގެން ސޯޝަލް މީޑިޔާގައި ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ. ސަރުކާރަށާއި ހިލްމީއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ދިމާވެގެން އުޅޭ ހާދިސާގެ އަޑު ކަނޑުވާލުމަށް ސިޔާސީ ވާހަކަ ދައްކާ ކަމަށް ބުނެއެވެ.
ބައެއް މީހުން ބުނީ ގައުމުގެ ސަލާމަތީ ބާރުން އެއްވެސް ސަރުކާރެއް ގޯސްކޮށް އޭރަކު އެއޮންނަ ސަރުކާރު ގޯސް ކުރާކަށް ނުޖެހޭނެ ކަމަށެވެ. ދިވެހި ސިފައިން ސިޔާސީކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.
މިހާރު ތިޔަ ދައްކަވަނީ ސިޔާސީ ވާހަކަ ކަމަށާއި ސިފައިން ސިޔާސީ ވާހަކަ ދެއްކުމަކީ ގޯހެއް ކަމަށްވެސް ބައެއް މީހުން ބުންޏެވެ.
އެކިމީހުން އެކި މޭރުމުން ކޮށްފައިވާ ކޮމެންޓްތަކުގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ކުރުމުގެ އިތުރުން ބައެއް މީހުން ވަނީ ހިލްމީގެ އިސްތިއުފާއަށް ވެސް ގޮވާލާފައެވެ. އަދި އެއީ ހެޔޮ ނިޔަތުގައި ސިފައިންގޭގައި މަސައްކަތް ކުރަމުންދާ މީހުންނަށް ލިބުނު ވަރަށްބޮޑު ގެއްލުމަކާއި ބަދުނާމެއް ކަމަށްވެސް ބައެއް މީހުން ބުންޏެވެ.
ކޮންމެއަކަސް ސިފައިންނަކީ ގައުމީ ބައެކެވެ. އެއްވެސް އިރަކު އެއްވެސް ދައުރެއްގައި ސިފައިން ސިޔާސީ ވެފައެއް ނުވެއެވެ. އަދި ސިފައިންގެ ވެރިން ސިޔާސީ ވާހަކަ ވެސް ދައްކަވައެއް ނޫޅުއްވައެވެ. ފުރަތަމަ ފަހަރަށް ސިފައިންގެ ވެރިއަކު ސިޔާސީ ވާހަކަ ދައްކަވާފައިވާއިރު މިއީ ވިސްނާލަން ޖެހޭ ކަމެކެވެ. އެތައް ބައެއްގެ ހިތުގައި ސިފައިންނަށް ދެވިފައިވާ ގަދަރު އެގޮތުގައި ހިފެހެއްޓުމުގެ ވެސް ބޭނުމުގައެވެ. މަރުވި މަހުދީގެ ހާދިސާއާ ގުޅިގެން ވެސް ދައްކާންވާނީ ދައްކާން ވާވަރުގެ ވާހަކައެވެ. ޢާއްމުން ބަލަން އެ އެދެނީ އެކަމުގައި ހުރި ސުވާލު އުފެދޭ ކަންތައްތަކެކެވެ. އޭގެ މަތިޖަހަން ސިފައިންގެ ވެރިޔާ ސިޔާސީ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫނެވެ.






