ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޭއްވި އޭޝިއާ ޔޫތު އިންޓަރނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް ކާމިޔާބުކަމާއެކު ބާއްވައިފި
އޭޝިއާ ޔޫތު އިންޓަރނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް ކުރުނބާ މޯލްޑިވްސްގައި ކާމިޔާބުކަމާއެކު ބާއްވާފައިވާއިރު، މީގައި ރާއްޖޭގެ އެކި ސްކޫލްތަކުން 63 ދަރިވަރުން ބައިވެރިވި. ބައިނަލްއަގުވާމީ ޑިޕްލޮމަސީއާއި ބަހުސްކުރުމުގެ ހުނަރު ދަރިވަރުންނަށް ދަސްކޮށްދިން މި ހަރަކާތް ކޮންމެ އަހަރަކު ރާއްޖޭގައި ބޭއްވުމަށް މިހާރު ވަނީ ނިންމާފައި. މި ކޮންފަރެންސްގެ ސަބަބުން ދިވެހި ޒުވާނުންނަށް އައު ފުރުސަތުތަކެއް ފަހިވެ، ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނޭ.


އޭޝިއާ ޔޫތު އިންޓަރނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސްގެ ތެރެއިން. | ރާއްޖެ އެމްވީ
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޭއްވި އޭޝިއާ ޔޫތު އިންޓަރނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް (އޭ.ވައި.އައި.އެމް.ޔޫ.އެން) ކޮންފަރެންސް ކާމިޔާބުކަމާއެކު ބާއްވައިފި އެވެ.
މި ހަރަކާތަކީ މީގެ ކުރިން މެލޭޝިއާ، ތައިލެންޑް، ސިންގަޕޫރު، އިންޑޮނޭޝިއާ އަދި ވިއެޓްނާމް ފަދަ ގައުމުތަކުގައި މިފަދަ ކޮންފަރެންސްތައް ބާއްވާފައިވާ އިންޓަރނޭޝަނަލް ގްލޯބަލް ނެޓްވޯކްގެ ފަރާތުން އިންތިޒާމުކުރި ހަރަކާތެކެވެ. މި ކޮންފަރެންސް ކުރިއަށް ގެންދިޔައީ މި މަހުގެ 15 އިން 17 އަށް ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ.
އދ. ގެ ބަހުސްތަކާއި ގަރާރުތައް ފާސްކުރުމުގެ މަރުހަލާތައް ކުރިއަށްދާ ގޮތް ތަމްސީލުކޮށްދިން މި ކޮންފަރެންސްގައި ބައިނަލްއަގުވާމީ ދަރިވަރުންނަށް ފުރުސަތު ހުޅުވާލެވިގެން ދިޔަ އިރު، މީގެ ތެރެއިން 63 ދިވެހި ދަރިވަރުން ބައިވެރިވި އެވެ.
މި ހަރަކާތް ރާއްޖޭގައި ކުރިއަށްގެންދިއުމަށް އެމް.ޔޫ.އެން އިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެޕްރެޒެންޓޭޓިވް މުހައްމަދު ސަލީމް ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ވޭތުވެދިޔަ 1 އަހަރުގެ ތެރޭގައި ކުރި މަސައްކަތަކީ އިންޓަރނޭޝަނަލް ގްލޯބަލް ނެޓްވޯކްގެ ފަރާތުން މި ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އޭޝިއާގެ ގިނަ ގައުމުތަކުގައި ބޭއްވި މި ކޮންފަރެންސްތަކުގެ ތެރެއިން ކޮންފަރެންސެއް ރާއްޖެއަށް ގެނެވޭތޯ މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން 1 އަހަރު ވަންދެން މަސައްކަތް ކުރުމަށްފަހު، އެ ޖަމިއްޔާގެ ޓީމެއް ރާއްޖެއައިސް ދިރާސާކޮށް ސަރުކާރުގެ ލައިން މިނިސްޓްރީތަކާއި މަޓީއާއި ރިސޯޓުތަކުގެ ވެރިންނާ އެއްކޮށް ބުރަ މަސައްކަތްތަކެއް ކޮށްގެން އެކަން ޔަގީން ކުރި ކަމަށެވެ.
މީގެ އިތުރުން މިކަމަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔައީ ކުރުނބާ ރިސޯޓުން ދިން އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. އަދި ދިވެހިރާއްޖެއަށް މިކަހަލަ ފުރުޞަތުތައް ލިބިގެން، ރާއްޖޭގައި މި ކޮންފަރެންސްތައް ބާއްވަން ފެށުމުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށެވެ.
ރާއްޖޭގެ އެންމެ ލޯ ސީޒަން މި މޭ މަހަކީ. އެހެންވީމާ، މި މަހުގެ ތެރޭގައި އަޅުގަނޑުމެން ކޮންފަރެންސް ކޮންމެ އަހަރަކު ވެސް ދެން ބާއްވާނެ. އެކަން މިހާރު މި އޮތީ އިޢުލާނުކޮށްފައި. އަދި މި ކޮންފަރެންސްގެ ތެރެއިން ދިވެހި ކުދިންނަށް އިތުރު ފުރުޞަތުތައް ފަހިވެއްޖެ. އެހެންވީމާ، އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑުމެންގެ މި ފެށުން ވަރަށް ކާމިޔާބުކަމަށް. އަދި ދިވެހިރާއްޖެއިން މިހާރު މި އޮތީ މޯލްޑިވްސް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް ގެނެވިފަ. އަދި މީގެ ސަބަބުން ދިވެހި ކުދިންނަށް އަގުހެޔޮކޮށް ބައިވެރިވުމުގެ ފުރުޞަތު މި ލިބުނީ. ރާއްޖެއިން ބޭރުގައި ބާއްވާ ކަމަށްވަންޏާ ދިވެހި ކުދިން މި ދަތުރުކުރަންޖެހެނީ އަގުބޮޑުކޮށް ޓިކެޓް ނަގައިގެން ހޮޓެލްތަކު ގޮސް ތިބެގެން ބައިވެރިވެނީ. މިތާނގައި ވެއްޖެއްޔާ މިއަދު ޤައުމުގައި ތިބެފައި ހަމަ ފެރީން ހެނދުނު އައިސް ކޮންފަރެންސްގެ ބާވާފައި މިދަނީ.އެމް.ޔޫ.އެން ރާއްޖޭގެ ރެޕްރެޒެންޓޭޓިވް މުހައްމަދު ސަލީމް
ސަލީމް ވިދާޅުވީ މި ކޮންފަރެންސްގައި ވިލާ، ގިޔާސުއްދީން، އަޙްމަދިއްޔާ، ބިލަބޮންގހައި އަދި އަމިއްލަ ބައެއް ދަރިވަރުން ވެސް ބައިވެރިވެފައިވާ ކަމަށެވެ. މިފަހަރުގެ މައިގަނޑު ދެ ތީމަކީ ޔޫ.އެން.އެޗް.އާރު.ސީ އަދި ޑަބްލިއުއެޗްއޯ. އެހެންވީމާ، މީގައި ހުރި ޗެލެންޖަސްތައް ކުދިން ކޮންފަރެންސްގައި މަޝްވަރާކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އެގޮތުން ދައިވަރިމްހެ ޕޮޒިޝަން ޕޭޕަރތައްވެސް އެ ކުއްޖަކު ތަމްސީލުކުރާ ޤައުމެއް ވަރަށް ރަނގަޅަށް ދިރާސާކޮށްގެން ކުދިން ޕޮޒިޝަން ޕޭޕަރތައް ހުށަހަޅާފައިވާ ކަމަށާއި، ދިވެހި ކުދިން ބޭރު އެހެން ޤައުމުތައް ތަމްސީލުކުރީ އެ ޤައުމުތަކާ ބެހޭ ވަރަށް ރަނގަޅަށް ދިރާސަތައް ހަދައިގެން ކަމަށް ސަލީމް ވިދާޅުވި އެވެ.
އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރާއްޖޭގެ ޒުވާން ޖީލް، ޑިޕްލޮމެޓިކް ދާއިރާއަށް ނުކުންނަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. އިނގިރޭސި ބަހުން މޮޅަށް ވާހަކަދައްކަން ދަންނަ، ބައިނަލްއަގުވާމީ ޑިޕްލޮމަސީގެ ތެރެއަށް ރަނގަޅަށް ލޯހުޅުވެފައި ތިބީ، ކެތްތެރިކަމާ އެކީގައި ނެގޯޝިއޭޓްކުރަން އެނގޭ ކުޅަދާނަ ޒުވާނުންގެ ޖީލަށް މި ބިނާ ވަނީ، މީގެ ސަބަބުން. ދަރިވަރުންނަށް ލިބޭ ފައިދާއަކީ އެކުދިން އެކުދިންނަށް މި ލިބިގެންދަނީ މިހާރު ތޫނުފިލިކަން އެކުދިންނަށް ފުރަތަމަ އެ ލިބެނީ. ބައިވަރު ނޮލެޖް އެ ކުދިންނަށް މި ލިބެނީ. އަދި އެ ކުދިންނަކީ ދައްކާ ވާހަކައިގެ ކޮންޓެންޓަށް އަދި އެ ކުދިންނަކީ ނެގޯޝިއޭޓްކުރަން ދަންނަ ކުދިންނަށް ވާނީ. ނެގޯޝިއޭޓްކުރުމުގައި ގެންގުޅޭ ހަމަތަކާއި އުސޫލުތައް އެ ކުދިންނަށް ދަސް ވާނީ. އެހެންވީމާ، ބައިނަލްނުގައިވާ ދާއިރާގައި، ދިވެހިރާއްޖެއަކީ ވަރަށް ގިނަ މިޝަންތަކެއް ހުރި ތަން. ރާއްޖޭގެ މިޝަންތަކުން މިހާރުވެސް މަސައްކަތްކުރަން މުވައްޒަފުން ވަރަށް ގިނަ. މިހާރު މަސައްކަތްކުރާ ގިނަ ޑިޕްލޮމޭޓުންނަކީ ފަތުހުއްﷲ ޖަމީލްގެ ޒަޢާމަތުގައި އުފެދިފައި ތިބި ޑިޕްލޮމޭޓްސް. އެހެންވީމާ، ދިވެހިރާއްޖެ އާ ޖީލަކަށް ބަދަލުވެގެންދާއިރު، ރާއްޖޭގެ ޒުވާން ޖީލަށް މި ދާއިރާއިން ނުކުންނާނީ.އެމް.ޔޫ.އެން ރާއްޖޭގެ ރެޕްރެޒެންޓޭޓިވް މުހައްމަދު ސަލީމް
ސަލީމް ވިދާޅުވީ މިހާރު ތައްޔާރުވަނީ މި އަންނަ އަހަރު ރާއްޖޭގެ ބޭއްވޭ ކޮންފަރެންސްއަށް ވީހާވެސް ގިނަ އަދަދެއްގެ ބޭރުގެ ދަރިވަރުން ގެނައުމަށް ކަމަށެވެ. އަދި އެކަމަށްޓަކައި ވަރަށް ބައިވަރު ވީޑިއޯތަކާއި ފޮޓޯތަކާ އެއްޗެހި ނަގާ އިސްތިޢާރުކުރަމުންދާނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖޭގައި މި ބޭއްވޭ އެމް.ޔޫ.އެންގެ ކޮންފަރެންސް އިރާދަކުރެއްވިއްޔާ ބޭއްވޭއިރު ވަރަށް ގިނަ އަދަދެއްގެ ބޭރުގެ ކުދިން މީގައި ބައިވެރިވާނެ ކަމަށެވެ.
އިންޓަރނޭޝަނަލް ގްލޯބަލް ނެޓްވޯކަކީ އިންޑޮނޭޝިއާގެ ބައެކެވެ. މިއީ އިންޓަރނޭޝަނަލް ގްލޯބަލް ނެޓްވޯކުގެ ދިހަ ވަނަ އަހަރެވެ. މި ދިހަ އަހަރުގެ ތެރޭގައި އެ މީހުން 1.8 މިލިއަނަށްވުރެ ގިނަ މީހުންނާ ހަމައަށް ވާސިލްވެފައިވާ އިރު، އޭޝިއާ އާއި ދުނިޔޭގެ އެތަންމިތާނގައި ހަރަކާތްތެރިވެފައިވެ އެވެ. މިއީ މިހާރު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ، އެއްޓީމެވެ. ޚާއްޞަކޮށް މޮޑެލް ޔުނައިޓެޑް ނޭޝަން، އޭޝިއާ، ވާރލްޑް އިންޓަރނޭޝ މޯލްޑިވްސް ޔުނިޓަރނޭޝަނަކީ ވަރަށް މަޝްހޫރު ބައެކެވެ. މީގެ އިތުރުން މިއީ ދިވެހިރާއްޖެއަށް ވެސް ވަރަށް މަޝްހޫރު، ކިޔަވާކުދިންގެ ތެރޭގައި ވެސް މަގުބޫލުކަން ލިބިވައިފާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ރާއްޖެއިން އެކަނި ވެސް 63 ދަރިވަރުން ބައިވެރި އެވެ.
މިފަދަ ކޮންފަރެންސް ބޭއްވިގެން ދާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ ދަރިވަރުންނަށް ހުނަރުތައް ލިބި ރާއްޖެ ބޭރުދުނިޔޭގައި އިސްތިހާރުވެގެންދާނެ އެވެ.







