އެކަށީގެންވާ ތަމްރީނެއް، ވަސީލަތެއް ނެތި ސިފައިން "ރިސްކަކަށް" ހުށަހެޅުން: ރައީސް ޒިންމާ ނަންގަވަން ނުޖެހޭނެތޯ؟
މޫސުން ގޯސްވެފައިވަނިކޮށް، އެކަށީގެންވާ ވަސީލަތްތަކާއި ޓެކްނިކަލް ތަމްރީނު ނެތި ފުން ހޮހަޅަތަކަށް ފީނުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަކީ ފަރުވާކުޑަކުރުމެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރޭ. ޑައިވްކުރާ މީހުން ބޭނުންކުރާ ސާމާނުގައި އުނިކަން ހުރިކަމާއި، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް އެނގި ތިބެ، އެ މީހުން ކަނޑުއަޑިއަށް ފޮނުވުމަކީ ހިތްވަރުގަދަކަމެއް ނޫން. އެއީ މުޅި ނިޒާމު ފެއިލްވެފައިވާ ކަމުގެ ހެއްކެއް. މިކަމުގައި ސުވާލު އުފައްދަންޖެހޭ. އަދި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހޭ. މިފަދަ އޮޕަރޭޝަނެއް ހިންގުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ނެތްކަން ދައުލަތުގެ އިސްވެރިންނަށް އެނގި ތިބެ، އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކީއްވެގެން ހެއްޔެވެ؟


ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހޮނިހިރު ދުވަހު ޑައިވްކުރި، ސިފައިންގެ ބޭކަލަކު ވަނީ ނިޔާވެފަ. | ރާއްޖެ އެމްވީ
ފާއިތުވެ ދިޔަ ހަފްތާގެ ބުރާސްފަތި ދުވަހަކީ މުޅި ދިވެހިރާއްޖެ އަށް ސިހުން ގެނުވި ހިތާމަވެރި ހާދިސާ އެއް ހިނގި ދުވަހެކެވެ. ވ. އަތޮޅު އަލިމަތާ ކައިރީގައި ކަނޑުއަޑީގެ ހޮހަޅަ އެއް ބަލަން އުޅުމުގެ ތެރޭގައި އީޓަލީ އަށް ނިސްބަތްވާ 5 ފަތުރުވެރިން ގެއްލުނެވެ. މި ހާދިސާގެ ހަބަރު ލިބުމާއެކު ސަލާމަތީ ބާރުތަކުން ވަނީ ގެއްލުނު ޑައިވަރުން ހޯދުމުގެ މަަސައްކަތް ފަށާފަ އެވެ. އެގޮތުން ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު އެމްއެންޑީއެފް އިން ވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑީގައި ހުރި ހޮހަޅައެއްގެ ތެރެއިން ނަގާފައެވެ. މިއާ އެކު ބާކީ ތިބި 4 ޑައިވަރުންގެ ހަށިގަނޑު ވެސް ވީ އެ ހޮހަޅައިގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
މި ހިތާމަވެރި ހާދިސާގައި ފަސް ޑައިވަރުން ވެސް މަރުވީ ކަނޑުގެ 60 މީޓަރު އަޑީގައިވާ އެ ހޮހޮޅައިގައި ކަމަށް ޤަބޫލުކުރެވުނެވެ. ނަމަވެސް، ދިވެހި ކޯސްޓްގާޑުގެ ޑައިވަރުން ތަމްރީންވެފައި ތިބެނީ 50 މީޓަރާ ހަމައަށް ޑައިވްކުރަން ކަމަށް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ވަނީ ހުކުރު ވިދާޅުވެފަ އެވެ. ދައުލަތުގެ މީޑިއާގައި ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ވިދާޅުވީ ސިފައިންގެ ޑައިވަރުން ޑައިވްކުރުމަށް ކޮލިފައިވެފައި ތިބެނީ 50 މީޓަރަށް ޑައިވް ކުރުމަށް ކަމަށެވެ. އަދި 100 މީޓަރަށް ޑައިވްކުރުމަށް މި އަހަރު ތެރޭގައި ތަމްރީން ފަށާނެ ކަމަށް ވިދާޅުވި އެވެ. އަދި ކަނޑުމަތީގައި ހިނގާ އެކި ކަހަލަ ޙާދިސާތަކާ ގުޅިގެން މީހުން ހޯދުމަށް ހިންގާ މިފަދަ އޮޕަރޭޝަންތަކުގައި ބައެއް ފަހަރު ޑައިވަރުން ވަރަށް ބޮޑު ރިސްކަކަށް ހުށަހެޅޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހާދިސާ އަށްފަހު ގިނަ ބަޔަކު ހީކުރީ ސަރުކާރުން އަވަސްވެގަންނާނީ، ދިވެހި ސިފައިން ނުރައްކަލަށް ހުށަނާޅާ ވީހާވެސް އަވަހަށް އެކަށީގެންވާ ވަސީލަތް ހުރި ބޭރުގައުމެއްގެ އެހީތެރިކަން ހޯދާނެ ކަމަށެވެ. ރާއްޖެ އަށް މިހާތަނަށް ދިމާވެފަވާ ކޮންމެ ކަމެއްގަ އެހީތެރިވާ އަވާއްޓެރި އިންޑިއާގެ ގޯއާ ގަ ވެސް މިފަދަ އޮޕަރޭޝަނެއް ހިންގުމުގެ ގާބިލް ކަން ލިބިގެންވާ ވަރުގަދަ ނޭވީ ބޭސް އެެއް ހުންނަ އިރު މިކަމުގަ އަވަސް އެހީތެރިކަމެއް ހޯދަން ދިވެހި ދައުލަތުން އިންޑިއާ ސަރުކާރުގައި އެހީތެރިކަމަށް އެދިފައިވާ ކަމެއް ވެސް އެނގޭކަށް ނެތެވެ. ހަމަގައިމުވެސް ޔޫރަޕް ގަމެއްގަ ތިބި ބަޔަކަށް ވުރެ އަވަށް އިންޑިއާގެ ތިބި ބަޔަކު، އަދި ބޭނުންވާ ހާއްސަ އިކުއިޕްމެންޓެއް ވެސް، އިންޑިއާ އިން ރާއްޖެ އަށް ގެނެވޭނެކަން ކަށަވަރެވެ.
މިހުރިހާ ކަމެއް މިހެން އޮތްއިރު ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް މުއިއްޒު އަވަސްވެގަތީ ކެބިނެޓް މިނިސްޓަރުން ގޮވައިގެން ހާދިސާ ހިނގި ސަރަހައްދަށް ގޮސް ފޮޓޯ ސެޝަނެއް ހިންގުމަށެވެ. އޭގެ ފަހުން ދެން ހިނގީ މުޅި ގައުމު ރޮއްވާލި ހާދިސާ އެކެވެ. ގެއްލުނު ޑައިވަރުންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އަދި ތަޖުރިބާކާރު އެއް ޑައިވަރު ކަމަށްވާ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ނިޔާވެފަ އެވެ.
ކަނޑުވި މީހުންގެ ހަށިތައް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން އިތުރު ފުރާނައެއް ގެއްލިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިހާރު މިއޮތް ފަދަ ނުރައްކާތެރި ހާލަތެއްގައި މި އޮޕަރޭޝަން އެއްގޮތަކަށްވެސް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިއީ ފެށުނީއްސުރެ ބޮޑު ކާރިސާއަކަށް މަގުފަހިވާނެ ކަމުގެ ނިޝާންތައް ފެންނަން އޮތް ކަމެކެވެ.
މޫސުން ގޯސް ދުވަސްވަރެއްގައި، ކަނޑުގެ ފުން ހޮހަޅަތަކަށް ފީނުމަކީ ދުނިޔޭގައި ކުރެވޭ އެންމެ ނުރައްކާތެރި އެއް މަސައްކަތެވެ. ތަމްރީނު ލިބިފައިވާ ކޮންމެ ޑައިވަރަކަށްވެސް އެނގޭނެ ފަދައިން، އާދައިގެ ވައި (ނޯމަލް އެއާ) ބޭނުންކޮށްގެން 60 މީޓަރަށް ވުރެ ފުން ސަރަހައްދުތަކަށް ފީނުމަކީ އިންތިހާ އަށް ނުރައްކާ ބޮޑު ކަމެކެވެ. އޮކްސިޖަން ޓޮކްސިސިޓީ، ނައިޓްރޯޖަން ނާކޯސިސް، ޑިކޮމްޕްރެޝަންގެ ބޮޑެތި އުސޫލުތަކަށް ތަބާވާންޖެހުން، ހޮހަޅައިގެ އެތެރެ ކިލަނބުވެ ނުފެނުން، އޮއިގަދަވުން އަދި ބޯމަތީގައި ހޮހަޅަ އޮތުން ފަދަ ކޮންމެ ކަމަކީ ނުރައްކާ އެތައް ގުނައަކަށް އިތުރުކޮށްދޭ ކަންކަމެވެ. ޓެކްނިކަލް ޑައިވިންގްގެ އެކަށީގެންވާ އެހީތެރިކަމެއް ނެތި، ވިދިވިދިގެން އެތައް ދުވަހަކު މިފަދަ ޑައިވްތައް ތަކުރާރުކުރުމަކީ ފަރުވާކުޑަކުރުމުގެ އިންތިހާ އެވެ.
މިއީ ހަމައެކަނި ހަށިގަނޑެއް ހޯދުމަށް ކުރެވުނު އާދައިގެ ޑައިވްއެއް ނޫނެވެ. މިއީ ހޮހަޅަތަކަށް ފީނުމުގެ ހާއްސަ ތަމްރީނު ލިބިފައިވާ ޓެކްނިކަލް ޑައިވަރުންނާއި، މިކަމަށް ބޭނުންވާ ހާއްސަ ގޭސް މިކްސްޗާ އިކުއިޕްމަންޓާއި، ބެކަޕް ސިސްޓަމްތަކާއި، ޑިކޮމްޕްރެޝަން ޕްލޭނިންގްގެ އިތުރުން ސަޕޯޓް ޓީމުތަކާއި، ފީނުމުގެ ކުރިން އެ ސަރަހައްދު ވަރަށް ބޮޑަށް ދިރާސާކުރަން ޖެހޭ ފަދަ ބޮޑު މަސައްކަތެކެވެ. ނަމަވެސް، ފެނިގެން މިދިޔައީ މިފަދަ ބޮޑު ޑައިވްއަކަށް ބޭނުންވާ ތަޖުރިބާއާއި ވަސީލަތްތައް ނެތި، ނުރައްކާތެރި މޫސުމެއްގައި އޮޕަރޭޝަން ކުރިއަށް ގެންދިޔަ މަންޒަރެވެ.
ސަރުކާރުން މިކަމުގައި، އެއްވެސް ތައްޔާރުކަމެއް ނެތް މާހައުލަކަށް އަވަސްއަރުވާލައިގެން ސިފައިންގެ ޑައިވަރުން ފޮނުވުމުގެ ބަދަލުގައި، ވަގުތުން ބައިނަލްއަގުވާމީ ޓެކްނިކަލް ޑައިވިންގް އެހީތެރިކަމަށް އެދެންޖެހޭނެ އެވެ. ހާދިސާ ހިނގި ހޮހަޅަ ދިރާސާކުރުމުގައި 14 އަހަރު ހޭދަ ކުރި ރަޝިއާގެ ތަޖުރިބާކާރު ޑައިވަރެއް ވަނީ ރާއްޖެ އައިސް، ބޮޑީ ރިކަވަރީ މިޝަންގައި އެހީވާން ތައްޔާރަށް ހުރިކަން ހާމަ ކޮށްފަ އެވެ. ނަމަވެސް މިކަމަށް ވެސް ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. ކަނޑު އަޑީގައި މަސައްކަތް ކުރާއިރު، ތަމްރީނާއި ތައްޔާރުވުމާއި އެކަށީގެންވާ ވަސީލަތްތަކުގެ ބަދަލުގައި ބޮޑާކަމާއި އަވަސްއަރުވާލުމަށް އިސްކަންދީގެން ނުވާނެ އެވެ. ކަނޑަކީ ހެދޭ ގޯސްތަކަށް މާފުކުރާ ތަނެއް ނޫނެވެ.
ގެއްލިގެން ދިޔައީ ގިނަ ބައެއްގެ ގާތް އެކުވެރިއެކެވެ. އާއިލާތަކަށް ހިތްހަމަޖެހުމެއް ހޯދައިދިނުމަށް ނުކުތް ސަލާމަތްތެރިޔާ އެނބުރި ނައީ އެވެ. މިއީ މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ ހުއްދަ ދިން ކޮންމެ މީހަކު ލަދުގަންނަންޖެހޭނެ ކަމެކެވެ. ޑައިވްކުރާ މީހުން ބޭނުންކުރާ ސާމާނުގައި އުނިކަން ހުރިކަމާއި، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް އެނގި ތިބެ، އެ މީހުން ކަނޑުއަޑިއަށް ފޮނުވުމަކީ ހިތްވަރުގަދަކަމެއް ނޫނެވެ. އެއީ މުޅި ނިޒާމު ފެއިލްވެފައިވާ ކަމުގެ ހެއްކެކެވެ. މިފަދަ އޮޕަރޭޝަނެއް ހިންގުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ނެތްކަން ދައުލަތުގެ އިސްވެރިންނަށް އެނގި ތިބެ، އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކީއްވެގެން ހެއްޔެވެ؟
މިކަމުގައި ސުވާލު އުފައްދަންޖެހެ އެވެ. އަދި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހެ އެވެ. ސަބަބަކީ މިއީ ހަމައެކަނި "ނަސީބު ދެރަކަމުން" ދިމާވި ކަމެއް ނޫނެވެ. މިއީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅިނަމަ ހުއްޓުވޭނެ، ކުރިންވެސް ލަފާކުރެވުނު ބޮޑު ކާރިސާއެކެވެ.






