އަތޮޅު އޮފީސްތައް އުފައްދައި ގަސްތުގައި ގާނޫނާ ޚިލާފުވެއްޖެ! އެ މީހުން ގެ މައްޗަށް ދައުވާކުރަންޖެހޭ: ސުއޫދު
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އަތޮޅު ކައުންސިލްތައް އުވި، އެލްޖީއޭގެ ދަށުން ހިނގާ "އަތޮޅު އޮފީސް" ތަކަކަށް އެ ތަންތަން ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ. މި ބަދަލަކީ ގާނޫނުއަސާސީގެ 8 ވަނަ ބާބާ ކަނޑައެޅިގެން ޚިލާފު ނިންމުމެއް ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ. އޭނާ ވިދާޅުވި ގޮތުގައި އިދާރީ ދާއިރާތައް ހިންގަންވާނީ ރައްޔިތުން އިންތިޚާބުކުރާ ބައެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތުމުން، މަޖިލީހުން ފާސްކުރާ ގާނޫނަކުން އެ އުސޫލު ބަދަލެއް ނުކުރެވޭނެ.


ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު | ރާއްޖެއެމްވީ
ލާމަރުކަޒީ ނިޒާމުގެ ދަށުން އިދާރީ ދާއިރާތައް ހިންގުމަށް ގެނައި ބަދަލުގެ ދަށުން އުފެއްދި އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޮތްގޮތަށް އަތޮޅު އޮފީސްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައި ގާނޫނު އަސާސީއާ ގަސްތުގައި ޚިލާފުވެފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހު އައު ކައުންސިލްތައް ހުވާކުރި އިރު، މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކާއެކު އަތޮޅު ކައުންސިލްތައް އޮތީ އުވިފަ އެވެ. އަދި އަތޮޅު ކައުންސިލްތައް ލޯކްލަ ގަވަރމަންޓް އޮފީހުގެ ދަށުން ކުރިން އެޓޯލްސް މިނިސްޓްރީ ހިންގި ގޮތަށް ސަރުކާރުން އޮތީ ނިންމާފަ އެވެ.
އާދީއްތަ ދުވަހު ރައީސް އޮފީހުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 1-85 ވަނަ މާއްދާގެ ދަށުން, އެ އޮތޯރިޓީގެ ޚިދުމަތްތައް އިދާރީ ދާއިރާތަކުގައި ދިނުމަށް ޓަކައި ގާއިމުކުރައްވާ އެ އޮތޯރިޓީގެ އޮފީސްތަކަކީ، އެ އޮތޯރިޓީގެ ބައެއްގެ ގޮތުގައި ގާއިމުކުރެވޭ ތަންތަނަށްވެފައި، އެ ތަންތަނަކީ ސަރުކާރުގެ ވަކި އިދާރާތަކުގެ ގޮތުގައި ގާއިމުކުރެވޭ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސެވުމުގެ ބަދަލުގައި، ކޮންމެ އޮފީހެއްގައި ވެސް "ލޯކަލް ގަވަރމަންތް އޮތޯރިޓީ - (އަތޮޅު) އޮފީސް ނަން ބޭނުންކުރެއްވުމަށް ފެނިވަޑައިގަންނަވާކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.
މިކަން ހިއްސާކުރައްވާ ކަންބޮޑުވުންފާޅު ކުރައްވާ ސުއޫދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބަދަލާއެކު ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ގަސްތުގައި ޚިލާފުވެފައިވާ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީގައި އޮތް ގޮތުން އިދާރީ ދާއިރާއެއް ހިންގަންޖެހޭނީ އަތޮޅުގެ ރައްޔިތުން އިންތިޚާބު ކުރާ މެންބަރުން ކަމަށް ވިދާޅުވެ ސުއޫދު ވަނީ ގާނޫނުއަސާސީއާ ޚިލާފުވީ މީހުން ގެ މައްޗަށް ދައުވާ ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން، މިހާރު ހިނގަމުންދާ އަތޮޅު ކައުންސިލްގެ އުމުރު ހަމަވުމާއެކު، އަތޮޅު ކައުންސިލްތަކުގެ އިދާރާތައް އުވިގެންދާނެތީ، އެ އިދާރާތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަން, ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަޖެއްސެވުމަށް ދަންނަވާ ކަމަށެވެ.
އަދި، އެ މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސެވުމުގައި، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ މުވައްޒަފުންނަށް މިހާރު ލިބެމުންދާ މުސާރައާއި ޢިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ކަންކަން ހަމަޖެއްސެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް މި ސިޓީގައި ބުނެފައިވެ އެވެ.
ރައީސްގެ މި އެންގެވުމާއެކު ކުރިން އަތޮޅު ކައުންސިލްތައް އަނބުރާ އަތޮޅު އޮފީސްތަކަށް ބަދަލުވެގެންދާނެ އެވެ. އެގޮތުން ދެން އަތޮޅު ކައުންސިލްގެ ބަދަލުގައި ހުންނާނީ އެ އަތޮޅެއްގެ އަތޮޅު ރަމްޒުކޮށްދޭ އަކުރު ޖެހުމަށްފަހު އޮފީހެވެ. މިސާލަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ - ކ. އަތޮޅު އޮފީސް އެވެ.
އަތޮޅު ކައުންސިލް އުވާލުމުން ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީ ހުއްދަ ނުކުރާ ކަމަށް ސުއޫދު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ.
ސުއޫދު ވިދާޅުވީ ގާނޫނު އަސާސީގެ 230 އަދި 231 ވަނަ މާއްދާގައި އޮތް ގޮތުން ގާނޫނުއަސާސީގެ ޖަދުވަލު 2 ގައިވާ އިދާރީ ދާއިރާއެއް ރައްޔިތުން އިންތިހާބު ނުކުރާ ފަރާތަކުން ހިންގުމަށް ގާނޫނު އަސާސީ ހުއްދަ ނުދޭ ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީ ހުއްދަ ނުކުރާކަމެއް މަޖިލީހުން ފަސްކުރާ ގާނޫނަކުން ހުއްދަ ނުކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ އިންތިހާބު ކުރާ ކައުންސިލްތަކުން އިދާރީ ދާއިރާތައް ހިންގުމަކީ 2008 ގެ ގާނޫނުއަސާސީ އިން ދައުލަތް ހިންގުމަށް ގެނައި އެންމެ ބޮޑު ބަދަލު ކަމަށެވެ.
ސުއޫދު ވިދާޅުވީ މި އުސޫލަކީ ގާނޫނުއަސާސީގެ މައިގަނޑު ސިފައެއް ކަމަށެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމަކުން ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީ ހުއްދަ ނުކުރާ ކަމަށެވެ.







