ފިޔާޒާއި ހަސަނުގެ މައްޗަށް ކުރާ ޤަޛުފުގެ ދައުވާގެ ޝަރީއަތް އޮބްޒަރވް ކުރުމުގެ ފުރުސަތުދޭން ނޫސްވެރިންގެ ޖަމިއްޔާއިން އެދިއްޖެ
އަދަދު ނޫހުގެ އިސް ދެ ނޫސްވެރިއެއްގެ މައްޗަށް އުފުލާފައިވާ ޤަޒުފުގެ ދައުވާގެ ޝަރީއަތް ސިއްރުކުރަން ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން، އެ އަޑުއެހުންތައް އޮބްޒާވްކުރުމުގެ ފުރުސަތަށް އެމްޖޭއޭ އިން އެދިއްޖެ. ރައީސް މުއިއްޒަށް އަމާޒުކޮށް ތައްޔާރުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން ކުރާ މި ދައުވާގެ ޝަރީއަތް ސިއްރުކުރީ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމަށް ކަމަށް ކޯޓުން ބުނެފައިވޭ.


"އައިޝާ" ޑޮކިއުމެންޓްރީ އާ ގުޅިގެން ބުދަ ދުވަހު ޖިނާއީ ތުހުމަތު ތަކެއް ކޮށް ފުލުހަށް ހާޒިރު ކުރި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު. އެއް ފަރާތެއްގަ ގާނޫނީ ވަކީލު އަލީ ހުސެއިން. | ރާއްޖެ އެމްވީ
އައިޝާ ޑޮކިއުމެންޓްރީގެ މައްސަލައާ ގުޅިގެން އަދަދު އޮންލައިން ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޤަޒުފުގެ ކުށުގެ ދައުވާގެ ޝަރީއަތްތަކުގައި ބައިވެރިވެ އޮބްޒަރވް ކުރުމުގެ ފުރުސަތު ދިނުމަށް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިއްޖެއެވެ.
ޖިނާއީ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތަކަކީ އާންމު ގޮތެއްގައި ހުޅުވާލެވިގެން ބާއްވާ ޝަރީޢަތުގެ އަޑުއެހުންތަކެއް ކަމުގައިވީ ނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި މިކަމަށް އިސްތިސްނާތަކެއް ބަޔާންކޮށްފައިވާކަން ފާހަގަކޮށް ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގެ ޝަރީއަތްތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެގޮތުން ގިނަ ކަންތައްތަކެއް މަނާކޮށް ކޯޓުން ނެރުނު ގެގް އޯޑަރ ގައި ބުނެފައިވަނީ، ޖިންސީ މައްސަލަތަކާއި އެބާވަތުގެ އަޚްލާޤީ ގޮތުން ބަދު މައްސަލަތަކުގެ އަޑުއެހުންތައް އާންމުކޮށް ކުރިއަށް ގެންދެވެނީ ޝަރީޢަތްތައް ހުޅުވާނުލާ ކަމަށާއި، އެއީ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ކަމަށެވެ.
އެހެންކަމުން ނޫސްވެރިންގެ ޖަމިއްޔާއިން މިހާރު ވަނީ އެ ނިންމުން ބަދަލުކޮށް، އެ ޖަމިއްޔާއަށް އަޑުއެހުންތަކުގައި ބައިވެރިވެ އޮބްޒަރވް ކުރުމުގެ ފުރުސަތު ދިނުމަށް އެދި ކްރިމިނަލް ކޯޓާއި ޕީޖީ އޮފީހަށް ސިޓީއެއް ފޮނުވާފައެވެ.
ފިޔާޒާއި ޙަސަންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ޤަޒުފުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހު އެވެ.
ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާއަކީ ޤަޒުފުގެ ކުށް ކަނޑައަޅާ މާއްދާ އެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ މި ޤާނޫނުގެ 411 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޒިނޭގެ ކުށް މީހަކު ކޮށްފިކަމަށް ނުވަތަ ކުރަމުން ދާކަމަށް ދޮގު ތުހުމަތެއް ކުރުމަކީ ކުށެއް ކަމަށެވެ. މި ކުށަކީ ޖިނާއީ ހަތަރުވަނަ ދަރަޖައިގެ ކުށެކެވެ. މި ޤާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަކޮށްފައިވާ އަދަބުގެ އިތުރަށް 80 އެތިފަހަރުން ޖަލުދުކުރުމުގެ އަދަބު މި ކުށަށް ހުއްދަކުރެވިގެންވެ އެވެ.
މި ދައުވާ ކޮށްފައިވާ ސަބަބަކީ ދައުވާ ލިބޭ ފަރާތްތަކުން އަދަދު އޮންލައިންގެ އެޑިޓަރުންގެ ގޮތުގައި ތިބެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާގޮތަށް މިދިޔަ މާރިޗު މަހުގެ 28 ވަނަ ދުވަހު އައިޝާ ނަމުގައި ޑޮކިއުމެންޓްރީއެއް ހަދައި އާންމުކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.







