ރެއާލްއާ ހަވާލުވާން މޮރީނިއޯ އެއްބަސްވެއްޖެ
އެގޮތުން މިހާރު އެއްބަސްވެވިފައި ވަނީ، ދެ އަހަރު ދުވަހުގެ މުއްދަތަކަށް މޮރީނިއޯ ރެއާލްއާ ހަވާލުވާން ކަމަަށް ވެސް ބުނެފައިވޭ. އެހެންކަމުން، ސްޕެނިޝް ލީގުގެ ފަހު މެޗުގައި ރެއާލް އިން އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު މޮރީނިއޯ މެޑްރިޑަށް އަންނާނެ ކަމަށް ބުނެފައިވޭ.


ހޯސޭ މޮރީނިއޯ، މީގެ ކުރިން ވެސް އޭނާ ވަނީ ރެއާލް އަށް އިރުޝާދު ދީފައި. | ރޮއިޓާސް
ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗުކަމާ ހަވާލުވާން، ހޯސޭ މޮރީނިއޯ އެއްބަސްވެއްޖެ އެވެ.
ރެއާލްގެ ކޯޗުކަމުން ޒަބީ އަލޮންސޯ ވަކި ކުރުމަށް ފަހު، އެ މަގާމަށް ހަމަޖެއްސީ އަލްވާރޯ އާބެލޯ އެވެ. ނަމަވެސް، ރެއާލް އިން ބޭނުންވީ އަންނަ ސީޒަނަށް އައު ކޯޗެއް ގެނައުމަށެވެ. އެގޮތުން ރެއާލް އިން ވަނީ މޮރީނިއޯއާ ވާހަކަ ދައްކައި، އެ ކުލަބަށް އޭނާ ގެންނަން ހުށަހަޅައިފަ އެވެ. އެކަމުގެ މަޝްވަރާތައް ރެއާލް އާއި މޮރީނިއޯއާ ދެމެދު މިދިޔަ ދުވަސް ތަކުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ރެއާލް އާއި މޮރީނިއޯއާ ދެމެދު މިހާރު ވަނީ އަނގަ ބަހުން އެއްބަސްވުމަކަށް އާދެވިފަ އެވެ. އެގޮތުން މިހާރު އެއްބަސްވެވިފައި ވަނީ، ދެ އަހަރު ދުވަހުގެ މުއްދަތަކަށް މޮރީނިއޯ ރެއާލްއާ ހަވާލުވާން ކަމަަށް ވެސް ބުނެފައިވެ އެވެ. އެހެންކަމުން، ސްޕެނިޝް ލީގުގެ ފަހު މެޗުގައި ރެއާލް އިން އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު މޮރީނިއޯ މެޑްރިޑަށް އަންނާނެ ކަމަށް ބުނެފައިވެ އެވެ.
އުމުރުން 63 އަހަރުގެ މޮރީނިއޯ ވަނީ މީގެ ކުރިން ވެސް ރެއާލް އަށް އިރުޝާދު ދީފަ އެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން، 2013 ވަނަ އަހަރަށް އޭނާ ވަނީ ރެއާލް އަށް އިރުޝާދު ދީފަ އެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން ރެއާލް އިން 178 މެޗު ކުޅެފައިވާއިރު، 127 މެޗުން ވަނީ މޮޅުވެފަ އެވެ. 23 މެޗަކުން ބަލިވެފައިވާއިރު، 28 މެޗެއް ނިމުނީ އެއްވަރު ވެގެންނެވެ. އޭނާގެ އިރުޝާދުގެ ދަށުން ރެއާލް އިން ވަނީ ތިން ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެހެންކަމުން މިއީ މޮރީނިއޯ ރެއާލްގެ ކޯޗުކަމާ ހަވާލު ވާނެ ދެ ވަނަ ފަހަރެވެ.
ބެންފީކާ އިން ކޯޗިން ކެރިއަރު ފެށި މޮރީނިއޯ އަކީ، ދުނިޔޭގައި ތިބި އެންމެ މޮޅު ކޯޗުންގެ ތެރޭގައި ފާހަގަ ކޮށްލެވޭ މީހެކެވެ. އޭނާ ވަނީ ގިނަ ކުލަބު ތަކެއްގައި މަސައްކަތް ކޮށްފަ އެވެ. ބެންފީކާ އާއި ރެއާލްގެ އިތުރުން މޮރީނިއޯ ވަނީ. އިންޓަރ މިލާން، މެންޗެސްޓަރ ޔުނައިޓެޑު، ޓޮޓެންހަމް އަދި ރޯމާ އަށް ވެސް އިރުޝާދު ދީފަ އެވެ.







