2028 ގައި ވޭންސް ވާދަ ކުރައްވާ ނަމަ، އޭނާ އަށް އެންމެ ފުރަތަމަ ތާާއީދު ކުރާނީ އަހަރެން: ރޫބިއޯ
ރިޔާސީ އިންތިޚާބުގައި ވޭންސް ވާދަ ކުރައްވާ ނަަމަ، އޭނާ އަކީ ވަރަށް ފުރިހަމަ ކެންޑިޑޭޓަކަށް ވާނެ ކަމަށް ރޫބިއޯ ޤަބޫލު ކުރައްވާ. އެއާ އެކު ރޫބިއޯ ވިދާޅުވީ ވޭންސް ވާދަ ކުރައްވާ ނަމަ، ވޭންސް އަށް ތާއީދުކުރާކަން އާންމުކޮށް އެންމެ ފުރަތަމަ އިއުލާން ކުރާނީ އޭނާ ކަމަށް.


އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ. | ގެޓީ އިމޭޖަސް
އެމެރިކާގައި 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި މިހާރުގެ ނައިބު ރައީސް ޖޭޑީ ވޭންސް ވާދަ ކުރައްވަން ނިންމަވައިފި ނަމަ، އޭނާ އަށް ފުރިހަމަ އަށް ތާއީދު ކުރައްވާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު އެމެރިކާގެ ނެޝަނަލް ބްރޯޑްކާސްޓިން ކޮމްޕެނީ އަށް ދެއްވި އިންޓަވިޔުއެއްގައި ރޫބިއޯ ވިދާޅުވީ، ނައިބު ރައީސް ވޭންސް އަކީ ވައިޓް ހައުސް އަށް ވަރަށް ބާރުގަދަ ބޭފުޅަކަށް ވާނެ ކަމަށެވެ. ވޭންސް އަށް ތައުރީފު ކުރައްވައި ރޫބިއޯ ވާހަކަ ދެއްކެވިއިރު، ރޫބިއޯ ވަނީ އޭނާގެ ސިޔާސީ މުސްތަޤުބަލާ ގުޅޭ ވާހަކަތައް މަޑު ޖައްސާލައްވައިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ ބޭފުޅެއްގެ ގޮތުގައި ފާހަގަވާ ރޫބިއޯ ވިދާޅުވީ، ނައިބު ރައީސް ވޭންސް އަކީ އޭނާގެ ވަރަށް ގާތް ރަޙުމަތްތެރިޔެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ވޭންސް ވާދަ ކުރައްވާ ނަަމަ، އޭނާ އަކީ ވަރަށް ފުރިހަމަ ކެންޑިޑޭޓަކަށް ވާނެ ކަމަށް ރޫބިއޯ ޤަބޫލު ކުރައްވަ އެވެ. އެއާ އެކު ރޫބިއޯ ވިދާޅުވީ ވޭންސް ވާދަ ކުރައްވާ ނަމަ، ވޭންސް އަށް ތާއީދުކުރާކަން އާންމުކޮށް އެންމެ ފުރަތަމަ އިއުލާން ކުރާނީ އޭނާ ކަމަށެވެ.
ރޫބިއޯ މިހެން ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރަށް ފަހު އެމެރިކާގެ ރައީސް ކަމަށް ރޫބިއޯ ވާދަ ކުރައްވަފާނެތޯ ސުވާލު ކުރުމުންނެވެ. ރޫބިއޯ ވިދާޅުވީ ސިޔާސީ މުސްތަޤުބަލު ވަކި ގޮތަކަށް ފަރުމާ ކުރުމުގެ ބަދަލުގައި، އޭނާގެ ފޯކަސް އޮތީ ޓްރަމްޕްގެ ދެ ވަނަ ދައުރުގައި ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުން ފުރިހަމަ ކުރުމަށް ކަމަށާއި، އެ މަސައްކަތް ނިންމަން ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން ރޫބިއޯ ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރާ ބައި ވަންދެން އޭނާ ހުންނަވަނީ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ކަމަށެވެ. އެ މަސައްކަތުގައި އެމެރިކާގެ ރައީސް ޓްރަމްޕް ހަވާލު ކޮށްފައިވާ ޒިންމާ ފުރިހަމަ ކުރައްވަން ބޭނުންވާ ކަމަށާއި، މުސްތަޤުބަލާ މެދު ވިސްނައި، މުސްތަޤުބަލުގެ ވާހަކަ ދައްކަވާނީ ފަހުން ކަމަށް ވެސް ރޫބިއޯ ވިދާޅުވި އެވެ.
ސިޔާސީ މަސައްކަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، ސިޔާސީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ. އެެގޮތުން 2010 ވަަނަ އަހަރުން ފެށިގެން އެމެރިކާގެ ސެނެޓުގައި މަސައްކަތް ކުރެއްވި ކަމަށާއި، ދިރިއުޅުމުގައި އެހެން ކަންކަން ވެސް ބޭނުންވާ ކަމަށް ރޫބިއޯ ވިދާޅުވި އެވެ. ނަމަވެސް، އެމެރިކާގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ވަރަށް ޝަރަފުވެރި ކަމެއް ކަމަށް ރޫބިއޯ ފާހަގަ ކުރެއްވި އެވެ.
މީގެ ކުރިން ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝައުޤުވެރިކަން ރޫބިއޯ ގެންގުޅުއްވަ އެވެ. އަދި އެ އިންތިޚާބުގައި ވާދަ ކުރުމަށް، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ރޫބިއޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެ ވާހަކަ އެހެން ދެކެވުނީ، ރޫބިއޯގެ ސޯޝަލް މީޑިއާގައި އޭނާ އާންމު ކުރެއްވި ކެމްޕެއިން ސްޓައިލްގެ ވީޑިއޯއާ ގުޅިގެންނެވެ.







