ސްޓާމާގެ ބަދަލުގައި ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވަން ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން، ކުރީގައި އުޅުއްވަނީ ކޮން ބޭފުޅެއް؟
ބެޓްފެއަރ އެކްސްޗޭންޖްގެ އެންމެ ފަހުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި، ބޮޑު ވަޒީރު ސްޓާމާގެ ބަދަލުގައި، ދެން ބޮޑު ވަޒީރު ކަމަށް އައުމުގެ ފުރުސަތު ބޮޑީ ގްރޭޓަރ މެންޗެސްޓަރގެ މޭޔަރު އެންޑީ ބާންހަމް. ނަމަވެސް، ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގެންނެވުމަށް ބާންހަމް އަށް އޮތީ ފަސޭހަ މަގެއް ނޫން.


ލޭބާ ޕާޓީގެ ލީޑާޝިޕް އަށް ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅުން. | ދި އިކޮނޮމިސްޓް
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އަށް ޕްރެޝަރު ބޮޑުވެ، ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވައި އަދި ވެރިކަން ކުރާ ލޭބާ ޕާޓީގެ ލީޑާޝިޕަށް ބަދަލު ތަކެއް އައުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ބޮޑު އަޣުލަބިއްޔަތަކާ އެކު ލޭބާ ޕާޓީ އިން އިނގިރޭސިވިލާތުގެ ވެރިކަން އައިތާ ދެ އަހަރު ވެސް ނުވަނީސް، ބޮޑު ވަޒީރު ސްޓާމާގެ ސިޔާސަތު ތަކަށް އަންނަ ބަދަލު ތަކުގެ ސަބަބުން އޭނާގެ މަޤުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، މެއި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ލޭބާ ޕާޓީ އަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވެފައިވާއިރު، ޕާޓީގެ އެތެރޭގައި ވަނީ ނުތަނަވަސްކަން ބޮޑުވެފަ އެވެ.
މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ލޭބާ ޕާޓީގެ 403 މެމްބަރުންގެ ތެރެއިން، ގާތް ގަނޑަކަށް 100 މެމްބަރުން މިހާރު ވަނީ ބޮޑު ވަޒީރު ސްޓާމާގެ އިސްތިއުފާ އަށް ގޮވާލައްވައިފަ އެވެ. އަދި ސްޓާމާގެ ސަރުކާރުގައި ހިމެނޭ ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިންގެ އިތުރުން، ހަތަރު މިނިސްޓަރަކު ވެސް ވަނީ ސަރުކާރުން އިސްތިއުފާ ދެއްވައިފަ އެވެ.
ޕްރެޝަރު ބޮޑުވެފައިވާއިރު، ބޮޑު ވަޒީރު ސްޓާމާ ގެންދަވަނީ މަގާމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް، ލޭބާ ޕާޓީގެ 20 އިންސައްތަ މެމްބަރުން ރަަސްމީކޮށް އެދިވަޑައިގެންފި ނަމަ، ލޭބާ ޕާޓީގެ ލީޑާޝިޕްގެ އިންތިޚާބެއް ބާއްވަން މަޖުބޫރުވާނެ އެވެ. މި އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ވެސް ސްޓްރީޓިން ހިމެނެ އެވެ. މީގެ އިތުރުން ކުރީގެ ޑެޕިއުޓީ ބޮޑު ވަޒީރު އެންޖެލާ ރޭނާ އަދި އެނާޖީ ސެކްރެޓެރީ އެޑް މިލިބޭންޑް ވެސް އެ ލިސްޓުގައި ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބެޓްފެއަރ އެކްސްޗޭންޖްގެ އެންމެ ފަހުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި، ބޮޑު ވަޒީރު ސްޓާމާގެ ބަދަލުގައި، ދެން ބޮޑު ވަޒީރު ކަމަށް އައުމުގެ ފުރުސަތު ބޮޑީ ގްރޭޓަރ މެންޗެސްޓަރގެ މޭޔަރު އެންޑީ ބާންހަމް އެވެ. ނަމަވެސް، ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގެންނެވުމަށް ބާންހަމް އަށް އޮތީ ފަސޭހަ މަގެއް ނޫނެވެ. އޭނާ އަށް ލޭބާ ޕާޓީގެ ލީޑާޝިޕް އަށް ވާދަ ކުރެވޭނީ ބައި-އިލެކްޝަނެއް ކާމިޔާބުކޮށް ހައުސް އޮފް ކޮމަންސްގެ ގޮނޑިއެއް ހޯއްދަވައިގެންނެވެ. އެއަށް ފަހު، 81 މެމްބަރުންގެ ތާއީދު އޭނާ ހޯއްދަވަން ޖެހޭނެ އެވެ.
މިހާރުގެ ޙާލަތަށް ބަލާއިރު، މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޮޑު ވަޒީރުގެ މަގާމުން ސްޓާމާ ދުރު ކުރެވޭނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް، 2027 ވަނަ އަހަރާ ހަމައަށް އޭނާ މަގާމުގައި ދެމި ހުންނެވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
ބާންހަމް އަށް މަގު ފަހި ކޮށްދިނުމުގެ ގޮތުން، މޭކަރފީލްޑް ދާއިރާގެ މެމްބަރު ޖޯޝް ސައިމަންސް ވަނީ މެއި މަހުގެ 14 ވަނަ ދުވަހު ގޮނޑި ދޫކޮށްލައްވައިފަ އެވެ. އަދި ޕާޓީގެ އިސްވެރިން ވަނީ ބާންހަމް އެ ދާއިރާ އަށް ވާދަ ކުރެއްވުމުގެ ހުއްދަ ދީފަ އެވެ. ނަމަވެސް، މި ގޮނޑި ކާމިޔާބު ކުރުމަކީ ވެސް ފަސޭހަ ކަމަށް ނުވާނެ އެވެ. ސަބަބަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ދާއިރާގެ 50 އިންސައްތަ ވޯޓު ރިފޯމް ޔޫކޭ އިން ހޯދާފައިވުމެވެ. އެހެންކަމުން، ލޭބާ ޕާޓީ އަށް މި ގޮނޑި ކާމިޔާބުވުމުގެ އޮތީ 50 އިންސައްތަ ފުރުސަތެއް ކަމަށް ބެލެވެ އެވެ.
ވެރިކަން ކުރާ ލޭބާ ޕާޓީގެ 250،000 އެއްހާ މެމްބަރުންގެ މެދުގައި ބާންހަމް އަކީ މަޤުބޫލު ބޭފުޅެކެވެ. ފަހުގެ ސާވޭ ތަކުން ދައްކާ ގޮތުގައި ޕާޓީގެ މެމްބަރުންގެ ތެރެއިން ކޮންމެ ފަސް މީހަކުން ތިން މީހުން ވޯޓު ދެނީ ބޮޑު ވަޒީރު ސްޓާމާގެ ބަދަލުގައި ބާންހަމް އަށެވެ. އެހެން ނަމަވެސް، ގާތް ގަނޑަކަށް 10 އަހަރު ވަންދެން އިނގިރޭސިވިލާތުގެ ސިޔާސީ މައިދާނުގައި ދުރުގައި ހުންނެވުމުން، އާންމު ރައްޔިތުންގެ މެދުގައި އޭނާގެ މަޤުބޫލުކަން އޮތް މިންވަރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ލޭބާ ޕާޓީގެ ކުރިމަގު ބިނާވެފައި ވަނީ، ޕާޓީއާ ދުރުވެފައިވާ ރައްޔިތުން އަނބުރާ ގެނެވޭނެ ފަދަ ވަރުގަދަ ލީޑަރު ހޯދުމުގެ މައްޗަށެވެ.
މަސްދަރު: ދި އިކޮނޮމިސްޓް






