ބާތިލު ވާހަކަ ދެއްކުމާއި ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވޭ، މިއީ މާތްﷲ ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބުތަކެއް: ޚުތުބާ
ދުނިޔެއަށް އަންނަ އެންމެ މަތިވެރި ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށްވުމާއެކު، މި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވޭ. އެގޮތުން ތެދުވެރި ތައުބާއަކުން ތައުބާވުމާއި، ޒިކުރުކުރުމާއި، ގިނަގިނައިން ސަދަގާތް ދިނުން ފަދަ ހެޔޮ އަމަލުތައް އިތުރުކުރުމަށް ޚުތުބާގައި ގޮވާލާފައިވޭ. މީގެ އިތުރުން، ފާފަތަކަށް އަރައިގަތުމާއި ފިތުނަފަސާދަ އުފެއްދުން ފަދަ ނުބައި ކަންކަމުން ދުރުހެލިވުމަކީ މާތް ﷲގެ ރަހުމަތާއި ނިއުމަތްތައް ލިބުމުގެ ސަބަބެއްކަން ވެސް ޚުތުބާގައި ފާހަގަކޮށްފައިވޭ.


ނަމާދު ކުރުމަށް މީހުންތަކެއް މިސްކިތަށް އަރަނީ. | ރާއްޖެއެމްވީ
ފާފަތަކަށް އަރައިގަތުމަކީ މާތް ﷲ އެކަލާނގެ ރަހުމަތުން އެ މީހަކު ދުރުކުރައްވައި، އެކަލާނގެ ނިއުމަތްތަކުން އެ މީހަކު މަހުރޫމުކުރައްވާނޭ ސަބަބެއްކަން ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފި އެވެ.
ހައްޖު މަހުގެ ފުރަތަމަ 10 ދުވަސް މިމައުޟޫއަށް ރާއްޖޭގެ މުޅި ރާއްޖެ އަށް އިއްވި ޚުތުބާގައި ބުނީ، ހައްޖު މަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މި ދުވަސްތަކުގައި ނުބައި ކަންކަމާ ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ހެޔޮ ކަންކަމަކީ މީހާއަށް މާތް ﷲގެ ރަހުމަތާއި ނިއުމަތްތައް ލިބުމުގެ ސަބަބެއް ކަމަށެވެ.
ހަމަ އެ ފަދައިން ފާފަތަކަށް އަރައިގަތުމަކީ މާތް ﷲ، އެކަލާނގެ ރަހުމަތުން އެ މީހަކު ދުރުކުރައްވައި، އެކަލާނގެ ނިއުމަތްތަކުން އެ މީހަކު މަހުރޫމުކުރައްވާނޭ ސަބަބެއްކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ.
އެހެންކަމުން ހައްޖު މަހުގެ މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރާރުންވުމާއި، މަލާމާތްކުރުމާއި، ފުރައްސާރަކުރުމާއި، ބާތިލު ވާހަކަދެއްކުމާއި، ފިތުނައުފައްދައި، ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެ ތިބޭ ބަޔަކަށް ވާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އަދި މާތް ﷲ ލޯބިވެ ވޮޑިގެން ނުވާ އެއްވެސް އަމަލަކަށް އަރައިނުގަނެ، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޚުތުބާ ގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށެވެ.
އަހަރެމެންގެ ކުރު މި ޙަޔާތުގައި، ހެޔޮ ކަމުގެ މާތް މޫސުންތައް، ގިނަގުނަ ދަރުމަޔާއި ޘަވާބުލިބޭނޭ ގޮތަށް، ތަކުރާރުވާ ގޮތެއްގައި މާތް الله ލައްވައިފައިވުމީ، އެކަލާނގެ އޯގާވަންތަކަމާއި ރަޙުމަތްވަންތަކަމުގެ ބޮޑުކަން ހާމަވާ ކަމެކެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާންތައް ފިލައި ނުދަނީސް އަހަރެމެންނާ ކުރިމަތިވަމުން މި އަންނަނީ ދުނިޔެއަށް އަންނާނޭ އެންމެ މާތް ދުވަސްތަކެވެ. ހެއު ޢަމަލުކުރުމަށް މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ ދުވަސްތަކެވެ. ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެ އެވެ. (مَا مِنْ أَيَّامِ نِالْعَمَلُ الصَّالِحُ فِيْهَا أَحَبُّ إِلَى اللّٰهِ مِنْ هَـٰذِهِ الْأَيَّامِ) يَعْنِيْ أَيَّامَ الْعَشْرِ، قَالُوْا: يَا رَسُوْلَ اللّٰهِ، وَلَا الْـجِهَادُ فِيْ سَبِيْلِ اللّٰهِ؟ قَالَ: (وَلَا الْـجِهَادُ فِيْ سَبِيْلِ اللّٰهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ، فَلَمْ يَرْجِعْ مِنْ ذَ ٰلِكَ بِشَيْءٍ) މާނައީ: "މި ދިހަ ދުވަހަށްވުރެ، ﷲ ގެ ޙަޟްރަތުގައި ޞާލިޙު ޢަމަލު ކުރުމަށް ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ." އަޞްޙާބުބޭކަލުން ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް ބޮޑަށްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މާތް ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މެއެވެ. ޖިހާދުކުރުމަށް ޓަކައި އޭނާ ގެ ނަފުސާއި މުދާ ހިފައިގެން ނުކުމެ، އެއިން އެއްވެސް އެއްޗަކާއިގެން އެނބުރި ނައި މީހާ ފިޔަވައެވެ.ހުކުރު ޚުތުބާ
ޚުތުބާގައި ވަނީ މި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި އަމަލު ކުރަން ޖެހޭ ގޮތަށް އަލިއަޅުވާލާފަ އެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި އިޚުލާސްތެރި ތައުބާއަކުން ތައުބާވުމާއި، ތަކުބީރާއި ތަސްބީހަ ކިޔައި، މާތް ﷲގެ މަތީން ހަނދުމަ ކުރުމާއި، ޤުރްއާނު ގިނައިން ކިޔަވައި، ޒިކުރު ކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ. އަދި ހެޔޮ ކަމުން ފުރިގެންވާ މި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް، މި ދުވަސްތަކުގައި ގިނަގިނައިން ޞަދަގާތް ކުރުމަށް ވެސް ޚުތުބާގައި ގޮވާލާފައިވެ އެވެ.






