ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫން, އެއީ މުދަލުން ބަރަކާތް ކެނޑޭނެ ކަމެއް: ޚުތުބާ
މުދަލު ޒަކާތަކީ އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށްޓަކައި މާތް الله ފަރުޟުކުރައްވާފައިވާ އިސްލާމްދީނުގެ މުހިންމު ބިންގަލެއްކަން ޚުތުބާގައި ބަޔާންކޮށްފައިވޭ. ޒަކާތުގެ ސަބަބުން މުޖުތަމައުގެ ފަގީރުކަން ނެތިގޮސް، މުދަލުގައި ބަރަކާތްލައްވާކަން ފާހަގަކުރައްވައި، މިއީ ނިކަމެތިންނަށް ދެވޭ ހަދިޔާއެއްގެ ބަދަލުގައި އެމީހުންގެ ކަނޑައެޅިގެންވާ ހައްގެއްކަން ޚުތުބާގައި ހަނދާންކޮށްދީފައިވޭ. އެހެންކަމުން، އިސްލާމީ ތާރީޚާއި މިޒަމާނުގެ މިސާލުތަކުން ފެންނަ ފަދައިން، ރާއްޖޭގައި ވެސް ޒަކާތުގެ ނިޒާމު ވަރުގަދަކޮށް، މި މަތިވެރި ވާޖިބު އަދާކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައި.


ހުކުރު ނަމާދު ކުރުމަށް މިސްކިތުގައި ޖަމާއަތް ހަދައިގެން ޚުތުބާ އަޑުއަހަނީ. | އިސްލާމިކް މިނިސްޓްރީ
ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫން ކަމަށާއި، އެއީ މުދަލުން ބަރަކާތް ކެނޑޭނެ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.
'' އިޖުތިމާއީ އަދާލަތު ގާއިމުކުރުމުގައި ޒަކާތުގެ ދައުރު '' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، މުދަލު ޒަކާތަކީ ހަމައެކަނި އަދާކޮށްލާ ދީނީ ވާޖިބެއް ނުވަތަ ދެވޭ ސަދަގާތެއް ނޫން ކަމަށާއި، އެއީ ނިކަމެތީންނަށް ވެދެވޭ އިހުސާންތެރިކަމެއް ނުވަތަ ހެޔޮ ފޯރުވުމެއް ވެސް ނޫން ކަމަށެވެ. ނަމަވެސް ޒަކާތަކީ މާތް الله ފަރުޟުކުރައްވައިފައިވާ އިސްލާމް ދީނުގެ ރުކުނެއް ކަމަށާއި، އެއީ އިސްލާމް ދީނުގެ ބިންގަލާ ގުޅިފައިވާ، އަދުލުވެރިކަމާ އިންސާފުގެ މައްޗަށް ބިނާވެފައިވާ މަތިވެރި އިލާހީ ނިޒާމެއް ކަމަށެވެ.
ޚުތުބާގައި ބުނީ މުދަލު ޒަކާތަކީ މުޖުތަމައެއް ބިނާވެ، ކުރިއެރުމުގެ އެންމެ މުހިންމު އަސާސީ އެއް ބިންގާ ކަމަށާއި، ޒަކާތުގެ ސަބަބުން ފަގީރުންނާއި މިސްކީނުންގެ ހާލަތު ރަނގަޅުވެ، ދަރަނިވެރީން ދަރަނިތަކުން ސަލާމަތްވާ ކަމަށެވެ.
ނަމާދާ ވިދިގެން މުދަލު ޒަކާތުގެ ވާހަކަ އައިސްފައިވަނީ، ނަމާދަކީ އަޅާއާ اللهއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދޭ އަޅުކަމަކަށް ވާ ފަދައިން، ޒަކާތަކީ اللهގެ މަހުލޫގުންނާ އަޅާއާ ގުޅުވައިދޭ މުހިންމު ވަސީލަތަކަށް ވާތީކަން ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.
ޚުތުބާގައި ބުނީ، ޒަކާތް ނެރޭ މީހާގެ ނަފުސު، ދަހިވެތިކަމާއި މުށްބާރުކަމާއި، ފަނާވެދަނިވި މި ދުނިޔޭގެ މުދަލަށް އޮންނަ ލޯބީން، ޠާހިރުކޮށްދޭ ކަމަށެވެ. ހަމައެއާއެކު، ހިސާބުކިތާބުން އަންދާޒާ ވެސް ނުކުރެވޭ ފަދަ ގޮތެއްގައި މުދަލުގައި ބަރަކާތްލައްވާ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
ކީރިތި ގުރްއާނުގެ އަށާވީހަކަށް އާޔަތުގައި ނަމާދާ އެކުގައި ޒަކާތުގެ ވާހަކަ މާތް الله ވަޙީކުރައްވައިފައި ވެ އެވެ. މި ދެ އަޅުކަން މި ފަދައިން ގުޅި ލާމެހިފައިވުމުން ދޭހަކޮށްދެނީ ވަރަށް ފުން މާނައެކެވެ. ހިތުގައި އީމާންކަން އޮވެ، މުދަލުން ޒަކާތް އަދާނުކުރާ ނަމަ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. މާތް الله ވަޙީކުރައްވައިފައި ވެ އެވެ މާނައީ: "އަދި، އެއުރެންނީ، سؤالކޮށް، އެދޭ މީހުންނަށާއި، ނިކަމެތި محرومންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ حقއެއްވާ މީހުންނެވެ." މި އާޔަތުގައި ޒަކާތަކީ، ހަމައެކަނި ދޭ ހަދިޔާއެއް ނުވަތަ އިޙުސާންތެރިވުމުގެ ގޮތުން ކުރާ ކަމެއްކަމަށް الله سُبْحَانَهُ وَتَعَالَى ބަޔާންކުރައްވައިފައެއް ނުވެއެވެ. އެކަލާނގެ ވަޙީކުރެއްވީ އެއީ "ކަނޑައެޅިގެންވާ ހައްގެއް" ކަމަށެވެ. އެ މުދާ ހޭދަކުރުމުގެ ކުރީން ވެސް އެއީ، ހައްގުވެރީންގެ އެއްޗެކެވެ. އެއީ ކަނޑައެޅިގެންވާ ހައްގެކެވެ.ހުކުރު ޚުތުބާ
މި ޒަމާނުގެ ސަރުކާރުތަކުން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ފަރުމާކުރުމަށް ޓަކައި އެތައްއެތައް ބިލިއަން ފައިސާއަކާއި މުދަލެއް ހޭދަކުރާކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ޒަކާތުގެ ސަބަބުން މުޖުތަމައަށް އަންނަ ހެޔޮ ބަދަލުތައް އިސްލާމީ ތާރީޚުގައި ވެސް ދެކިފައިވާ ކަމަށެވެ.
އެގޮތުން މަޝްހޫރު ޚަލީފާ އުމަރު ބުނު އަބްދުލްއަޒީޒު (رَحِمَهُ الله)ގެ ވެރިކަމުގައި، ޒަކާތުގެ ނިޒާމު ގާއިމްކުރި ގޮތާއި، އެ މުޖުތަމައުއަށް ލިބިގެންދިޔަ ކުރިއެރުން ފާހަގަކޮށްފައިވެ އެވެ.
ޚުތުބާގައި ބުނީ، އުމަރު ބުނު އަބްދުލްއަޒީޒުގެ ޒަމާނުގެ ވާހަކަތަކަކީ މާޒީވެގޮސްފައިވާ ވާހަކަތަކެއް ކަމަށާއި، މިއަދުގެ ދުނިޔޭގައި އެ ފަދަ ކަމެއް ތަކުރާރު ނުވާނޭ ކަމަށް ބައެއް މީހުން ހީކުރާ ކަމަށެވެ. ނަމަވެސް އިލާހީ ގާނޫނުތަކާއި މި ނިޒާމަކީ، ޒަމާން ބަދަލުވުމުގެ ސަބަބުން ބާވެ، އުވޭނޭ ކަންތައްތަކެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
އެގޮތުން ދުނިޔޭގެ އެންމެ ބޮޑު މުސްލިމު އާބާދީ އޮންނަ އިންޑޮނޭޝިއާގެ ޒަކާތުގެ އިދާރާއިން 2024 ވަނަ އަހަރު ނެރެފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، އެންމެ އަހަރެއްގެ ތެރޭގައި 1.53 މިލިއަނަށްވުރެ ގިނަ މީހުން ޒަކާތުގެ ސަބަބުން ފަގީރުކަމުގެ ހާލަތުން ސަލާމަތްވެފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އަދި މެލޭޝިއާގައި ޒަކާތުގެ އެހީގައި ތައުލީމު ހާސިލުކުރާ ނުވަތަ ވިޔަފާރި ފަށަން އެހީތެރިކަން ލިބޭ ފަގީރުންނާއި މިސްކީނުން، މަދު އަހަރުތަކެއްގެ ތެރޭގައި އަމިއްލަ ފައިމައްޗަށް ތެދުވެ، ޒަކާތް ދޭ މީހުންނަށް ބަދަލުވާކަމީ ފެންނާން އޮތް ހަގީގަތެއް ކަމަށް ބުނެފައިވެ އެވެ.
އެހެންކަމުން ރާއްޖޭގައި ވެސް ޒަކާތުގެ ނިޒާމު ވަރުގަދަކޮށް، ޒަކާތް ދެއްކުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ.






