އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް ''ނަފުސަށް ގެއްލުންދިނުމަކީ އޭގެ ހައްލުނޫން ކަމަށް މަސްއޫލުވެރީން ބުނެދޭން ޖެހޭ''
އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއްކަން ފާހަގަކޮށް، މީސްތަކުންގެ އަބުރަށް އުނިކަން އަންނަ ފަދަ ގަނާކުރުމާއި ފުރައްސާރަކުރުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައި. ގަނާކުރުމަކީ މިއަދު މުޖުތަމައުގައި ފެތުރެމުންދާ ނުރައްކާތެރި ވަބާއެއްކަން ފާހަގަކޮށް، ސައިބާ ކްރައިމް ފަދަ ކަންކަމުން ދަރިން ރައްކާތެރިކުރުމަށް ބެލެނިވެރިންނާއި ކަމާބެހޭ މުއައްސަސާތަކުން ސަމާލުވުމަށް ޚުތުބާގައި އިލްތިމާސްކޮށްފައިވޭ. އެހެންކަމުން ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި، ދީނީ އިންތަކުގެ ތެރޭގައި މުއާމަލާތްތައް ބެހެއްޓުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވޭ.


ނަމާދު ކުރުމަށް މިސްކިތުގައި ޖަމާއަތް ހަދައިގެން. | ރާއްޖެއެމްވީ
އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް ކަމަށާއި، މީސްތަކުންގެ އަބުރަށް އުނިކަން އަންނަ ފަދަ ފުރައްސާރަކުރުމުގެ އަމަލުތަކުން ދުރުހެލިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.
''ނަފުސާއި އަބުރަށް ރައްކާތެރިވާށެވެ'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، މާތް ﷲ ހުރުމަތްތެރިކުރައްވައިފައިވާ ނަފުސެއް ހައްގަކާނުލައި މެރުމަކީ ހަރާމް ކަމެއް ކަމަށާއި، އިސްލާމްދީނުގައި އެއްވެސް މީހަކަށް، އޭނާ ގެ އަމިއްލަ ނަފުސުގެ މައްޗަށް ވެސް އަނިޔާވެރިވުމެއް ނުވާ ކަމަށެވެ. އަހަރެމެންގެ ނަފުސަކީ އަހަރެމެން ބޭނުން ގޮތަކަށް އެއާމެދު އަމަލުކުރެވޭނޭ އެއްޗެއް ނޫން ކަމަށާއި، އޭގެ ވެރިފަރާތަކީ މާތް ﷲ ކަމަށް ޚުތުބާގައި ބަޔާން ކޮށްފައިވެ އެވެ. އަދި ނަފުސަކީ އަމާނާތެއް ކަމަށާއި، އަމާނާތަށް ގެއްލުންދިނުން ޙަރާމްވެގެން ވާ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
އަމިއްލައަށް މަރުވުމަކީ ބޮޑު ފާފަ އެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އިސްލާމްދީނުގައި މީސްތަކުންގެ ފުރާނައާ އެއްވަރަށް އެބައިމީހުންގެ އަބުރު ވެސް ހުރުމަތްތެރިވެގެން ވާ ކަމަށެވެ. އަދި ހަނގާކޮށް، ފުރައްސާރަކޮށް، ހުތުރު ނަންތަކުން ގޮވައި، މަލާމާތްކޮށް އުޅުން ހަަރާމް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، ގަނާކުރުމަކީ މިއަދު ފެތުރެމުން އަންނަ ވަބާ އެއް ކަމަށާއި، އޭގެ ސަބަބުން މަރުވާ މީހުންނާއި ކުޑަކުދީންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އަދި މީހަކަށް ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާއެއް ދިނުމަކީ ބޮޑުވެގެންވާ ފާފަ އެއް ކަމަށާއި، އެއީ އޭގެ ސަބަބުން ނަރަކަވަންތަވެރިއަކަށް ވެދާނޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
جَابِرُ بْنُ سَـمُرَةَ رَضِيَ اللَّهُ عَنْهُمَا ވިދާޅުވިއެވެ. (أُتِـيَ النَّبِـيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِرَجُلٍ قَتَلَ نَفْسَهُ بـِمَشَاقِصَ، فَلَمْ يُصَلِّ عَلَيْهِ) މާނައީ "ތީރުތިލައަކުން އަމިއްލަ ނަފުސު ޤަތުލުކޮށްލި މީހަކު ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް ގެނެވުނެވެ. ފަހެ، އެކަލޭގެފާނު އޭނާ ގެ މައްޗަށް ކަށުނަމާދު ނުކުރެއްވި އެވެ." ނަމަވެސް އަޞްޙާބުބޭކަލުން އޭނާ ގެ މައްޗަށް ކަށުނަމާދުކުރެއްވިއެވެ. އެހެންކަމުން އިސްލާމީ އުންމަތުގެ ގިނަ ފިޤުހުވެރީންނާއި، سَمَاحَةُ الشَّيْخُ عَبْدُ الْعَزِيْزُ بْنُ بَاز (رَحِمَهُ اللهُ) ފަދަ ޢިލްމުވެރީން ދެކެވަޑައިގަންނަވާގޮތުގައި، އަމިއްލައަށް މަރުވާ މީހުންގެ ޖަނާޒާގެ ކަންތައް، ޢާންމު މުސްލިމުންނެކޭ އެއްގޮތަށް ކުރާންވާނެއެވެ. "އެ މީހުން ހިނަވައި، ކަފުންކޮށް، ކަށުނަމާދުކުރާންވާނެއެވެ. ނަމަވެސް، މުޖުތަމަޢުގެ ކަމުވޮށިވެގެންވާ ހެއުލަފާ ޞާލިހު މީހުން، އެ ކަމާ ނުރުހޭކަން ހާމަކުރުމުގެ ގޮތުންނާއި މީސްތަކުންނަށް އެ ކަންތަކާ މެދު ބިރުދެއްކެވުމުގެ ގޮތުން، އޭނާ ގެ މައްޗަށް ކަށުނަމާދުކުރުން ދޫކޮށްލުމަކީ އެދެވިގެންވާ ކަމެކެވެ. އެއީ ފަހަރެއްގައިވެސް އޭނާ އެކުރި ޢަމަލާ މެދު އެފަދަ މީހުން ރުހޭކަމަށް ހީވެދާނެތީއެވެ. އެ ގޮތުން އެންމެ އިސް އިމާމު، ރަސްގެފާނު، ފަނޑިޔާރުމަނިކުފާނު ނުވަތަ ރަށުގެ އެންމެ އިސް ވެރިޔާ، އެ ކަމަކީ ފާފަވެރި ނުބައި އަމަލެއްކަން މީސްތަކުންނަށް ހާމަކުރުމުގެ ގޮތުން، އެ މީހުންގެ ކަށުނަމާދުގައި ބައިވެރިނުވުން ރަނގަޅެވެ. ނަމަވެސް، އާންމު މުސްލިމުންގެ ބަޔަކު ކަށުނަމާދު ކުރާންވާނެއެވެ."ހުކުރު ޚުތުބާ
ޚުތުބާގައި ވަނީ، ދުނިޔެ ބަވަނަވަމުން އަންނަކަން ފާހަގަކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ޖެހިލުންވެ، ހިމޭންނުވުމަށް ގޮވާލާފަ އެވެ. އަދި ފިސާރި ކެރިގެން އެ ކަންކަމާ ދެކޮޅަށް ތެދުވުމަށާއި، ދީނުގެ އިމުގައި ތިބެ، މީހުންނާ މުއާމަލާތް ކުރުމާއި، ތިމާ ފަޟީހަތްވެދާނޭ ފަދަ ޒާތީ ސިއްރު މީހުންނަށް ހާމަ ނުކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ.
މީގެ އިތުރުން ކަމާބެހޭ މުއައްސަސާތަކުގެ މަސްއޫލުވެރީންންނަށް އިޝާރާތްކޮށް ޚުތުބާގައި ވަނީ ގަނާކުރުމާއި، ސައިބާ ކުރައިމްތަކާއި އިންސާނީ ވަގުފާރީގައި ހަރަކާތްތެރިވާ މީހުން ދެނެގަތުމަށް ގޮވާލާފަ އެވެ. ގާނޫނާއި ގަވާއިދުގެ އެހީގައި އެ ކަންކަން ހުއްޓުވުމަށާއި، ބެލެނިވެރީން ދަރީންގެ ކަންކަން ގާތުން ބަލައި، ކެހިވެރީންގެ ނުބައި ރޭވުންތަކުން ރެކޭނޭ މަގުތައް ބުނެދިނުމަށް ގޮވާލާފައިވެ އެވެ. ދިމާވާ ހާސްކަމަކާއި ކަންބޮޑުވުމަކާ ގުޅިގެން ވިއަސް އަމިއްލަ ނަފުސަށް ގެއްލުންދިނުމަކީ އޭގެ ހައްލުނޫން ކަމާއި، ދީނީގޮތުން އެ ކަންކަން އޮތް ގޮތް ބުނެދޭން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އަދި މުދައްރިސުން ދަރިވަރުންނަށް މައުލޫމާތުދީ އެ ކުދީން ހޭލުންތެރި ކުރުވާން ޖެހޭ ކަމަށާއި، މުނާސަބު ވަގުތުގައި އެކަށިގެންވާ އިރުޝާދުދޭން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އެ ކުދީންނާ ކުރިމަތިވާ ކަންކަމުގައި އެ ކުދީންނާ އެކުގައިވާނޭކަމުގެ ޔަގީންކަން ދިނުމަށް ވެސް ޚުތުބާގައި ގޮވާލާފައިވެ އެވެ.






