ދޫނިދޫގައި ބަންދު މީހުން އަތާ ފައިގައި ކްލިޕް ބިޑި އަޅުވާ ކުނަލެއް މަތީގައި މެންދުރު އަވީގައި ބާއްވާ: އެޗްއާރުސީއެމް
ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ތިބޭ މީހުން ނުކިޔަމަންތެރިވާ ހާލަތްތަކުގައި ބިޑިއަޅުވައި އެކަހެރިކުރަނީ އޮފިސަރުންނާއި ބަންދު މީހުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވޭ. ނަމަވެސް މިގޮތަށް އެކަހެރިކުރަން ބޭނުންކުރާ ސަރަހައްދަކީ އެކަމަށް އެކަށީގެންވާ ތަނެއް ނޫންކަމާއި، ބަންދު މީހުންނަށް ދޭ އަސާސީ ފުރުސަތުތައް ލޮގްކޮށްފައި ނުވާކަން އެންޕީއެމް (ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް ) ގެ ރިޕޯޓުގައި ފާހަގަކޮށްފައިވޭ. މީގެ އިތުރުން ބައެއް ބަންދު މީހުންގެ އިނާޔަތްތައް 14 ދުވަހުގެ މުއްދަތަށް ކަނޑާލާފައިވާކަން ވެސް އެ ރިޕޯޓުން ހާމަވޭ.


ދޫނިދޫ ބަންދުގައި ގައިދީން އަތާ ފައިގައި ކްލިޕް ބިޑި އަޅުވައި މެންދުރު އަވީގައި ކުނަލެއް މަތީ ބައިތިއްބާފައިވާ ގޮތުގެ އިމޭޖެއް. | ރާއްޖެއެމްވީ
ދޫނިދޫގައި ބަންދު މީހުން އަތާ ފައިގައި ކްލިޕް ބިޑި އަޅުވާ ކުނަލެއް މަތީގައި މެންދުރު އަވީގައި ބޭއްވުމުގެ އިތުރުން ލާއިންސާނީ އެތައް އަމަލެއް ހިންގާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފި އެވެ.
މި ރިޕޯޓުގައި ބުނެފައިވަނީ ދޫނިދޫ ކަސްޓަޑީގައި ބަންދުކޮށްފައިވާ ބަންދު މީހުން ޖަލު އޮފިސަރުންގެ އަމުރުތަކަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި ބިޑި އަޅުވައި، އެހެން ބަންދު މީހުންނާ ވަކިން ގޮޅިން ބޭރުގައި ހުރި ސަރަހައްދެއްގައި ބަހައްޓާ ކަމަށް ބަންދު މީހުން އެންޕީއެމްއަށް (ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް ) މައުލޫމާތު ދީފައިވާއިރު، ޖަލުގެ އާންމު މަސްލަހަތު ހިފެހެއްޓުމުގެ ގޮތުން ބައެއް ހާލަތްތަކުގައި ނުކިޔަމަންތެރިވާ ބަންދު މީހުން ބިޑިއަޅުވައި ވަކި ވަގުތަކަށް އެކަހެރިކުރާ ކަމަށް ޖަލުގެ މުވައްޒަފުން ވެސް ވަނީ އެންޕީއެމްއަށް (ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް ) މައުލޫމާތު ދީފަ އެވެ.
މި ރިޕޯޓުގައި ބުނާގޮތުން ބައެއް ހާދިސާ ރިޕޯޓްތަކުން، ބަންދު މީހުން ބަލައިފާސްކުރަން އުޅުމުގެ ތެރޭގައި ބަންދު މީހަކު ޖަލު އޮފިސަރުންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، އޮފިސަރުގެ އަމުރަށް ނުކިޔަމަންތެރިވުމުން ބަންދު މީހާ އަތުގައި ބިޑި އަޅުވައި އެކަހެރިކޮށްފައިވާ ކަމަށެވެ. މި ރިޕޯޓުގައި ބުނެފައިވަނީ ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދުގެ 34 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކިޔަމަންތެރި ކުރުވުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ވަގުތީ ގޮތުން ގޮޅިން ނެރުމުން ވެސް ނުކިޔަމަންތެރިކަން ދައްކައި، އޭނާއާއި ޖަލު ބަލަހައްޓާ އޮފިސަރުންނަށް އަނިޔާއެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެފަދަ ގޮތަކަށް އަމަލުކުރާނަމަ، އޭނާގެ އަމަލުތަކުގެ މައްޗަށް ބަލައި އޭނާގެ އަމަލުތައް ހުއްޓުވޭނެފަދަ ގޮތަކަށް ބިޑިއެޅުވުމުގެ އިހްތިޔާރު ޖަލު ބަލަހައްޓާ އޮފިސަރުންނަށް ލިބިގެންވާ ކަމަށެއެވެ.
އަދި މި މާއްދާގެ ދަށުން ބަންދުމީހެއްގެ ގައިގައި އަތު ބިޑި، ފައި ބިޑި، އަނގަ ބިޑި، ނުވަ ޖެކެޓް ބިޑް ނުވަތަ މި ނޫން ވެސް އެފަދަ ގޮތަކަށް މީހެއްގެ އަމަލުތައް ހުއްޓުވުމަށް ބޭނުންކުރުމަށް އެކަށީގެންވާ ބިޑިއެއް އެޅުވުމުގެ އިހްތިޔާރު އޮފިސަރުންނަށް ލިބިދެނީ ބަންދުމީހާ ނުކިޔަމަންތެރިކަން ދައްކައި، އޭނާ އާއި ޖަލު ބަލަހައްޓާ އޮފިސަރުންނަށް އަނިޔާއެއް ނުވަތަ ނުރައްކަލެއް ދިމާވެދާނެފަދަ ގޮތަކަށް އަމަލުކުރާނަމަ ކަމަށް ރިޕޯޓުގައިވެ އެވެ.
އެހެންކަމުން ބަންދު މީހުން ގައިގައި ބިޑި އަޅުވައި، އެކަހެރި ކުރުމަކީ ޖަލުގެ މަސްލަހަތު ހިފެހެއްޓުމުގެ ގޮތުން ނުކިޔަމަންތެރިވާ ގައިދީންނަށް އަޅާ ފިޔަވަޅަކަށް ވުމުގެ ބަދަލުގައި މި ކަންކަން ވާންވާނީ އޮފިސަރުންނާއި ބަންދު މީހުންގެ ރައްކާތެރިކަމަށްޓަކައި ވަގުތީ ގޮުން އަޅާ ފިޔަވަޅަކަށް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ ބިޑިއަޅުވާފައި ބަންދު މީހުން ބައިތިއްބާ ސަރަހައްދަކީ ކަސްޓޯޑިއަލްގެ ހިނގާ، ކަސްރަތުކުރާ ކޮއްޓެއް ކަމަށާއި، މިތަނަކީ ބަންދު މީހުން އެކަހެރިކޮށްފައި ބެހެއްޓުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫންކަން ފާހަގަކޮށްފައެވެ. އެގޮތުން މެންދުރު އެތަނަށް ވަރަށް ހޫނުވާނެކަމާއި، ބައެއް ފަހަރު ބަންދު މީހުން އަތާ ފައިގައި ކްލިޕް ބިޑި އަޅުވައި މިތަނުގައި ކުނަލެއް މަތީ ގިނައިރުތަކެއް ބާއްވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އަދި މިގޮތަށް ބާއްވާއިރު ފާހާނާ ކުރުމާއި ނަމާދު ކުރުމުގެ ފުރުސަތު ދޭނެކަމަށް އޮފިސަރުން މައުލޫމާތު ދިން ނަމަވެސް، އެކަން ސިސްޓަމުގައި ލޮގް ކޮށްފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ. އަދި މީގެ އިތުރުން ދޫނިދޫގެ ލިޔެކިޔުންތައް ބެލިބެލުމުން، މި ކަސްޓަޑީގައި ބަންދުކޮށްފައިވާ ބަންދު މީހުންގެ އިނާޔަތް ކަނޑާފައިވަނީ 14 ދުވަހުގެ މުއްދަތަކަށް ކަން ފާހަގަކޮށްފައިވެ އެވެ.







