އިންތިހާ އަށް ދަތުރު ގިނަ، އެކަމަކު ރައްޔިތަށް ލިބޭ އެއްޗެއް ނެތް!
މިއަދު ވެސް ރައީސް މުޢިއްޒު އެ ހުންނެވީ ޤައުމުން ބޭރުގައި. އަވަށްޓެރި ސްރީ ލަންކާގައި. އެކަމަކު، ސުވާލަކީ ރައީސް މުޢިއްޒުގެ ދަތުރުފުޅުން ޤައުމަށް ލިބޭނީ ކޯއްޗެއް ހެއްޔެވެ؟ ހޯއްދެވޭނީ ކޯއްޗެއް ހެއްޔެވެ؟ މާލީ އެހީތެރިކަމެއް ނުލިބުނެއް ކަމަކު، ޤައުމަށް ފައިދާ ވާނެ ކޮންމެ ވެސް ކަމެއް މި ދަތުރުފުޅު ތަކުން ގެންނަވަން ވާނެ ނޫންތޯ؟


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ސްރީ ލަންކާ އަށް ވަޑައިގެންނެވުމުގެ ތެރެއިން. | ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަކީ، ޚަރަދު ކުޑަ ކުރުމާއި ބޭކާރު ޚަރަދު ނުކުރާނެ ކަމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. މިއަދު، ވެރިކަމަށް ދެ އަހަރާއި ބައި ވެގެންދާއިރު މަންޒަރު ފެންނަން އޮތީ މުޅިން ދިމާ އިދިކޮޅަށެވެ. ޤައުމުން ބޭރަށް އިންތިހާ އަށް ދަތުރު ކުރެއްވި ނަމަވެސް، ޤައުމާއި ރައްޔިތަކަށް ލިބުނު އެއްޗެއް ނެތެވެ.
ވެރިކަމުގެ މިހާތަނަށް އައިއިރު ރައީސް މުޢިއްޒު ވަޑައިގެންނެވި ޤައުމު ތަކުގެ ލިސްޓު އިންތިހާ އަށް ދިގު ވާނެ އެވެ. ތުރުކީ އާއި، އެންޓިއުގާ އެންޑް ބާބިއުޑާ އާއި، އަޒަރުބައިޖާން އާއި، އެމެރިކާ އާއި، އެސްޓޯނިއާ އާއި، މެލޭޝިޔާ އާއި، ޤަތަރާއި، ޖަރުމަނާއި، ބަންގްލަދޭޝް އާއި، ސްރީ ލަންކާ އާއި، ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި، ޗައިނާ އާއި، އިންޑިއާ އާއި، އިނގިރޭސިވިލާތާއި، ސައުދީ އަރަބިއްޔާ އަދި ސިންގަޕޫރަށް ވަޑައިގެންނެވި އެވެ.
މީގެ ތެރެއިން ބައެއް ޤައުމު ތަކަށް ދެ ފަހަރު ވަޑައިގެންނެވިއިރު، ހަތަރު ފަހަރު ވަޑައިގެންނެވި ޤައުމުތައް ވެސް އެބަ ހުއްޓެވެ. އަދި އެވަރުން ފުދުނީއެއް ނޫނެވެ. ފަސް ފަހަރު ވަޑައިގެންނެވި ޤައުމެއް ވެސް އެބަ އޮތެވެ. އެއީ ސިންގަޕޫރެވެ. މިއީ ރަސްމީ ދަތުރުފުޅުތަކާއި، ނުރަސްމީ ދަތުރުފުޅުތަކެވެ.
މިއަދު ވެސް ރައީސް މުޢިއްޒު އެ ހުންނެވީ ޤައުމުން ބޭރުގަ އެވެ. އަވަށްޓެރި ސްރީ ލަންކާގަ އެވެ. އެކަމަކު، ސުވާލަކީ ރައީސް މުޢިއްޒުގެ ދަތުރުފުޅުން ޤައުމަށް ލިބޭނީ ކޯއްޗެއް ހެއްޔެވެ؟ ހޯއްދެވޭނީ ކޯއްޗެއް ހެއްޔެވެ؟ މާލީ އެހީތެރިކަމެއް ނުލިބުނެއް ކަމަކު، ޤައުމަށް ފައިދާ ވާނެ ކޮންމެ ވެސް ކަމެއް މި ދަތުރުފުޅު ތަކުން ގެންނަވަން ވާނެ ނޫންތޯ އެވެ؟ ހަމަ ހުންނަވާފައި ދަތުރެއް ކުރައްވައި، ފޫހި ފިއްލެވުމަކީ އަދި އެންމެ އެދެވޭ ގޮތެއް ނޫނެވެ.
ޤައުމު ތަކުގެ ރައީސުން، އަވަށްޓެރި ޤައުމު ތަކަށް ވަޑައިގެން ބޮޑެތި ކަންކަން ކުރައްވަ އެވެ. އެނބުރި ޤައުމަށް ވަޑައިގަންނަވަނީ ކޮންމެ ވެސް ފައިދާއަކާ އެކު އެވެ. ޤައުމުގެ ބަޖެޓަށް ސަޕޯޓެއް ނުވަތަ އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓެއް ހޯއްދަވައިގެންނެވެ. އެކަމަކު، ރާއްޖޭގެ ރައީސް ވަޑައިގަންނަވާ ޤައުމު ތަކުން އެނބުރި ރާއްޖެ ވަޑައިގަންނަވަނީ ހުސްއަތާ އެވެ.
މިހާތަނަށް އައިއިރު، އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅުން ގެންނެވީ މޯލްޑިވްސް 2.0 އެވެ. މިއަދު އެ 2.0 އޮތް ތަނެއް، އެކަމުގެ މަސައްކަތް އޮތް ހިސާބެއް ދެނަހުރި މީހަކު މި ޤައުމުގައި އެބަ ހުރި ހެއްޔެވެ؟ ދެންމެ ދެންމެ ހުރިހާ ކަމެއް 2.0 ކޮށްލަން އުޅުނުހެން ވެސް ހީވި ދުވަސް ކޮޅެއް ދިޔަ އެވެ. އެކަމަކު އާޚިރުގައި އެކަން ވެސް މިދިޔައީ ފަނު ފުލުން ނޫން ހެއްޔެވެ؟
ތުރުކީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން، އެއާޕޯޓުގައި ހުންނަވާ ވިދާޅުވީ ތުރުކީ އިން ކާޑުގެ ބާވަތް ގެންނަ ވާހަކަ އެވެ. ބޯޓު ވެސް ފުރައިފި ވާހަކަ އެވެ. އެކަމަކު، އޭގެ ފަހުން ވެސް ދެ އަހަރުވީއިރު، އެ ވިދާޅުވީ ތުރުކީ ހަނޑުލެއް އައިސްފި ހެއްޔެވެ؟ އެ ހަނޑު ކެވުނު ދިވެއްސަކު އެބަ ހުރި ހެއްޔެވެ؟
ދުބާއީ އާއި ބެންކޮކް އިން އާސަންދަ ދޭނެ ވާހަކަ ވެސް އެހެންނެވެ. އިންޑިއާގެ "ކައްޕަޅި" ހޮސްޕިޓަލް ތަކުން އާސަންދަ ދިނުން ނިމުނީ ކަމަށާއި، ދެން ބަލި މީހާ ފޮނުވާނީ ސީދާ ދުބާއީ ބެންކޮކަށް ކަމަށް ވިދާޅުވެ، ފަޅާލީ ކަރަލެއް ނޫން ހެއްޔެވެ؟ އާޚިރުގައި އާސަންދަ އިން ބުނީ ކީކޭ ހެއްޔެވެ؟ އާސަންދަ އިން ބުނީ، އިންޑިއާ އިން ބޭސް ކޮށްކޮށް، ދެން ފަރުވާ ނުލިބުމުން ދުބާއީ އާއި ބެންކޮކަށް ފޮނުވާ ވާހަކަ ނޫން ހެއްޔެވެ؟ މިއަދު ދުބާއީ އާއި ބެންކޮކް އިން އާސަންދަ ލިބުނު މީހަކު މި ޤައުމުގައި އެބަ ހުރި ހެއްޔެވެ؟
މިހެން ލިސްޓު ކިޔަން ވެއްޖެ ނަމަ، ހުރިހާ ކަމެއް ބަހައްޓާފައި ދެން ޖެހޭނީ ލިސްޓު ކިޔާށެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސިފަ ވަނީ، ފޫހިފިލުވުމާއި، މަޖާ ކުރެއްވުމާއި، ހުސް ވަގުތު ހޭދަ ކުރެއްވުމަށް ޤައުމު ތަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގަ އެވެ. ފަސް އަހަރުގެ ދައުރު ނިމެންވާއިރު، ދެވެން އޮތް އެންމެ ގިނަ ޤައުމު ތަކަށް ވަޑައިގަންނަވަން އުޅުއްވާ ކަހަލަ އެވެ. އެކަމަކު، ޤައުމަށް ލިބުނު މޮޅެއް، ރައްޔިތަކަށް ލިބުނު އެއްޗަށް، ޤައުމަށް ހޯދުނު ޑޮލަރު ގަނޑެއް ނެތެވެ.






