އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި
މި އަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ކަނޑައެޅި ފައިސާގެ ބޮޑު ބައެއް މިހާތަނަށް ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު 36.2 އިންސައްތައިގެ އިތުރުވުމެއް. އާސަންދައާއި ސަބްސިޑީގެ ނިޒާމު ހަރުދަނާކޮށް ޚަރަދު ކުޑަކުރުމަށް ބޭރުގެ މާލީ އިދާރާތަކުން ލަފާދެމުންދިޔަ ނަމަވެސް، ރައްޔިތުންނަށް ލިބޭ އެހީތެރިކަން ކަނޑާނުލުމަށް ސަރުކާރުން ވަނީ ނިންމާފަ. އެހެންކަމުން، ސަބްސިޑީގެ ނިޒާމަށް ގެންނަން ނިންމި ބައެއް އިސްލާހީ ބަދަލުތައް ތަންފީޒުކުރުން މިވަގުތަށް ވަނީ މަޑުޖައްސާލާފަ.


ފިނޭންސް މިނިސްޓްރީ | ރާއްޖެއެމްވީ
މި އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާގެ 47.7 އިންސައްތަ، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ބޮޑު އިތުރުވުމެކެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ އާމްދަނީ އާއި ޚަރަދުގެ ރިޕޯޓަށް ބަލާއިރު، މި އަހަރުގެ ބަޖެޓުގައި ސަބްސިޑީ އަށް 2.89 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރެއިން މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް 1.38 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީ އަށް ކުރި ޚަރަދާ އަޅައިބަލާއިރު 36.2 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެ މިނިސްޓްރީގެ ހިސާބުތަކުން އެނގެ އެވެ.
ސަބްސިޑީ ތަކާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކުރާ ޖުމްލަ ޚަރަދަށް ބަލާއިރު، މިހާތަނަށް 3.63 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއީ އެކަމަށް ބަޖެޓުގައި ކަނޑައަޅާފައިވާ 10.6 ބިލިއަން ރުފިޔާގެ 34.4 އިންސައްތަ އެވެ. މި ބަޖެޓުގެ ތެރޭގައި އާސަންދަ އާއި ސިއްހީ އެހީގެ އެކި ނިޒާމުތައް ހިމެނެ އެވެ. އެގޮތުން އާސަންދަ އަށް ކަނޑައެޅި 2.02 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 478 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެހެނިހެން ސިއްހީ އެހީތަކަށް ކަނޑައެޅި 409 މިލިއަން ރުފިޔާގެ ތެރެއިން 65.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ރާއްޖޭގައި އާސަންދަ އާއި ސަބްސިޑީއަށް ކުރާ ޚަރަދު ކޮންމެ އަހަރަކު ވެސް އިތުރުވަމުންދާއިރު، މި ދެ ނިޒާމަކީ ވެސް ދެމެހެއްޓިނިވި ގޮތެއްގައި ހިންގޭ ނިޒާމުތަކެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުތަކާއި ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ފާހަގަކުރަމުންނެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ ދަރަނި ބޮޑުވަމުންދާތީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބޭރުގެ އިދާރާތަކުން ލަފާދޭތާ މިހާރު ވަނީ އަހަރުތަކެއް ވެފަ އެވެ. އެ އިދާރާތަކުން މައިގަނޑު ގޮތެއްގައި ލަފާދެނީ އާސަންދަ އާއި ސަބްސިޑީގެ ނިޒާމު ހަރުދަނާކޮށް، އެފަދަ އެހީތައް އެންމެ ބޭނުންޖެހިފައިވާ ހައްގުވެރިންނަށް ލިބޭނެ އުސޫލެއް ގާއިމުކުރުމަށެވެ.
ސަބްސިޑީ ދޭ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި ކަރަންޓު ފަދަ ޚިދުމަތްތަކުން ދޭ ސަބްސިޑީ އިސްލާހުކުރުން ހިމެނެ އެވެ. ނަމަވެސް ރައްޔިތުންނަށް މިހާރު ލިބެމުންދާ އެހީތެރިކަމެއް ކަނޑާލަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުން މަޑުޖައްސަވާލައްވައި، ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަވާފަ އެވެ.







