އީރާނާ އެމެރިކާއާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު ބޮޑު: އީރާނުގެ އަސްކަރިއްޔާ
އީރާނުން ހުށަހެޅި އާ ސުލްހައިގެ ހުށަހެޅުންތަކާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާކަން ހާމަކުރެއްވުމާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އަލުން ކުރިމަތިލުމެއް ހިނގުމުގެ ބިރު ވަނީ ބޮޑުވެފައި. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި މަޝްވަރާތައް ހުއްޓިފައިވާއިރު، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ވަނީ ނުހަނު ބޮޑަށް އަސަރުކޮށްފައި. މި ނުތަނަވަސްކަމުގެ ތެރޭގައި އެމެރިކާއިން ވަނީ އިޒްރޭލާއި ގަތަރަށް ހަތިޔާރުގެ ބޮޑެތި އެއްބަސްވުންތަކެއް ދާދިފަހުން ފާސްކޮށްފައި.

ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް (ސީވީއެން 78) ގައި ކުރިއަށްދާ "އޮޕަރޭޝަން އެޕިކް ފިއުރީ" އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، 2026 ފެބްރުއަރީ 28 ވަނަ ދުވަހު ކަނޑުމަތީގައި ހެލިކޮޕްޓަރ މެރިޓައިމް ސްޓްރައިކް ސްކޮޑްރަން 70 ގެ އެމްއެޗް-60އާރް ސީ ހޯކް ހެލިކޮޕްޓަރެއް އުދުއްސާލުމަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ މީހަކު އިޝާރާތް ކުރަނީ. | ގެޓީ އިމޭޖަސް
އީރާނުގެ އާ ހުށަހެޅުމާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެމެރިކާ އާއި އީރާނާ ދެމެދު އަލުން ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑު ކަމަށް އީރާނު އަސްކަރިއްޔާގެ އިސް އޮފިސަރަކު ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.
މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނަށް އީރާނުން މި ހުށަހެޅުމުގެ ދެލިކޮޕީ ބުރާސްފަތި ދުވަހުގެ ރޭ ހަވާލުކޮށްފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް، އޭގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން ފެށި މި ހަނގުރާމަ އޭޕްރީލް 8 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލާފައި އޮތް ނަމަވެސް، އޭގެ ފަހުން ޕާކިސްތާނުގައި ބޭއްވި ސުލްހައިގެ މަޝްވަރާތައް ވަނީ ނާކާމިޔާބުވެފައެވެ.
އީރާނުގެ ލީޑަޝިޕްގެ ތެރޭގައި އުފެދިފައިވާ "ބޮޑު ބައިބައިވުމުގެ" ސަބަބުން މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ތުހުމަތު ކުރައްވަމުން، އީރާނުން މިހާރު ހުށަހަޅާފައިވާ ކަންކަމާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމަށް ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އެމީހުންނަށް ވަރުގަދަ ހަމަލާތަކެއްދީ އެއްކޮށް ނައްތާލަންތޯ؟ ނުވަތަ އެއްބަސްވުމަކަށް އަންނަން މަސައްކަތް ކުރަންތޯ؟" ޓްރަމްޕް ސުވާލު އުފެއްދެވިއެވެ. އަދި އިންސާނިއްޔަތަށްޓަކައި ފުރަތަމަ ގޮތް ބޭނުންކުރަން ބޭނުންފުޅު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ފާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނު އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑްގެ އިސްވެރިއެއް ކަމަށްވާ މުހައްމަދު ޖަަައުފަރު އާސަދީ ހޮނިހިރު ދުވަހުގެ ހެނދުނު ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު އަލުން ކުރިމަތިލުމެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެމެރިކާއަކީ އެއްވެސް ވައުދަކަށް ނުވަތަ އެއްބަސްވުމަކަށް އިހުތިރާމްކުރާ ބައެއް ނޫންކަން ހެކިތަކުން ފެންނަން އެބައޮތް ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.
'ބޮޑު ތާށިކަމެއްގެ ތެރޭގައި'
އީރާނުގެ ޖުޑީޝަރީގެ އިސްވެރިޔާ ޣުލާމްހުސައިން މުހްސިނީ އެޖެއީ ހުކުރު ދުވަހު ވިދާޅުވީ، އީރާނުން ދުވަހަކުވެސް މަޝްވަރާތަކަށް ފަސްޖެހިފައި ނުވާނެ ކަމަށެވެ. ނަމަވެސް ސުލްހައިގެ ނަމުގައި އެހެން ބަޔަކު މަޖުބޫރުކުރާ އުސޫލުތަކެއް ގަބޫލުނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ އެންމެ ފަހުގެ ހުށަހެޅުމާ ގުޅޭ ތަފްސީލު ދިނުމަށް ވައިޓް ހައުސްއިން އިންކާރުކޮށްފައިވީ ނަމަވެސް، އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް ވަނީ ތެހެރާންގެ ނިއުކްލިއާ ޕްރޮގްރާމް އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށްޓަކައި އިސްލާހުތަކެއް ހުށަހަޅާފައި ކަމަށް އެކްސިއޯސް ނިއުސް ސައިޓުން ރިޕޯޓުކޮށްފައިވެއެވެ.
މި އިސްލާހުތަކުގެ ތެރޭގައި، ހަމަލާދީފައިވާ ސައިޓުތަކުން ފައްކާކޮށްފައިވާ ޔުރޭނިއަމް އީރާނުން ބޭރުނުކުރުމަށާއި، މަޝްވަރާތައް ކުރިއަށްދާ ވަގުތު އެ ތަންތަނުގައި އެއްވެސް މަސައްކަތެއް އަލުން ނުފެށުމަށް ޝަރުތުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އީރާނުގެ މި ހުށަހެޅުމުގެ ޚަބަރާއެކު ތެލުގެ އަގު ވަގުތީ ގޮތުން ފަސް އިންސައްތަ ދަށަށް ދިޔަ ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން ތެލުގެ އަގު އަދިވެސް ހުރީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ވުރެ 50 އިންސައްތަ މަތީގައެވެ.
ހަނގުރާމަ ފެށުނީއްސުރެ އީރާނުން ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރަމުންދާތީ، ދުނިޔޭގެ އިގްތިސާދަށް ބޭނުންވާ ތެލާއި، ގޭސް އަދި ގަސްކާނާ ސަޕްލައި ކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މީގެ ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބްލޮކްކޮށްފައެވެ.
ތެހެރާންގައި ދިރިއުޅޭ އާމިރު ނަމަކަށް ކިޔާ މީހަކު އޭއެފްޕީ ނިއުސް އެޖެންސީއަށް ބުނީ، މިހާރު އޮތް ހާލަތަކީ "ބޮޑު ތާށިކަމެއްގެ ތެރޭގައި ބަންދުވެފައި ތިބުން ފަދަ" ކަމެއް ކަމަށެވެ. އަދި އީރާނުގެ ހުށަހެޅުމާ މެދު އޭނާގެ މާ ބޮޑު އުންމީދެއް ނެތް ކަމަށް ވެސް ބުންޏެވެ.
"މިއީ ހަމައެކަނި ވަގުތު ބޭކާރުކުރުން،" އެމެރިކާ އާއި އިޒްރޭލުން އަލުން ހަމަލާދޭނެ ކަމަށް ލަފާކުރަމުން އޭނާ ބުންޏެވެ.
ގަލްފް ސަރަހައްދުގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮތް ނަމަވެސް، ލުބުނާނުގައި ހަނގުރާމަ ދަނީ ކުރިއަށެވެ. އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތާއެކު ވަކި ސުލްހައިގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިޒްރޭލުން ދަނީ ލުބުނާނަށް ނުރައްކާތެރި ހަމަލާތަކެއް ދެމުންނެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ދެކުނުގެ ހަބޫޝް އަވަށް ހިމެނޭ ގޮތަށް ދިން ހަމަލާތަކުގައި 13 މީހުން ވަނީ މަރުވެފައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އެ އަވަށުން މީހުން ހުސްކުރުމަށް ކުރިން އިންޒާރު ދީފައެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ބޮޑެތި ހަތިޔާރުތަކެއް ވިއްކުމަށް ހުއްދަ ދީފައިވާ ކަމަށް ވޮޝިންޓަނުން ހުކުރު ދުވަހުގެ ރޭ ވަނީ އިއުލާނުކޮށްފައެވެ. މީގެ ތެރޭގައި ގަތަރަށް ވިއްކާ 4 ބިލިއަން ޑޮލަރުގެ ޕެޓްރިއަޓް މިސައިލް ސިސްޓަމާއި، އިޒްރޭލަށް ވިއްކާ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ ހަތިޔާރު ހިމެނެއެވެ.
'ނިމުމަކަށް އަތުވެއްޖެ'
ހަނގުރާމައަށް ކޮންގްރެސްގެ ހުއްދަ ހޯދުމަށް އޮންނަ މުއްދަތާ ޓްރަމްޕް ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ ވޮޝިންޓަނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ވަނީ ގާނޫނީ ބަހުސެއް އުފެދިފައެވެ.
ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުން 60 ދުވަހުގެ މުއްދަތު ގުނުން މަޑުޖެހޭނެއެވެ. ނަމަވެސް އިދިކޮޅު ޑިމޮކްރެޓުން މި ވާހަކަ ދޮގުކުރެއެވެ.
އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލުމާއި، ހަނގުރާމައިން ސާފު ކާމިޔާބީއެއް ނުފެނުމުގެ އިތުރުން، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ގުޅިގެން ޓްރަމްޕަށް ވަނީ އެމެރިކާގައި ފާޑު ކިޔުން އިތުރުވެ ފިއްތުއްތަން އިތުރުވެފައެވެ.
"2026 އޭޕްރީލް 7 ގެ ފަހުން އެމެރިކާގެ ސިފައިންނާއި އީރާނާ ދެމެދު އެއްވެސް ހަމަލާއެއް ބަދަލުކޮށްފައެއް ނުވޭ،" ކޮންގްރެސްގެ ލީޑަރުންނަށް ފޮނުއްވި ސިޓީއެއްގައި ޓްރަމްޕް ވިދާޅުވިއެވެ. އަދި ހަނގުރާމަ މިހާރު ވަނީ "ނިމުމަކަށް އައިސްފައި" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީރާނުގައި ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަން ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.
އީރާނުގެ ފައިސާ މާރުކުރާ ތިން ކުންފުންޏަކަށް ވޮޝިންޓަނުން އަލުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާއިރު، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އީރާނުން ނަގާ "ޓެކްސް" ނުދެއްކުމަށް އެހެން ފަރާތްތަކަށް ވަނީ އިންޒާރު ދީފައެވެ.
އެމެރިކާ އަސްކަރިއްޔާއިން ބުނާ ގޮތުގައި، އީރާނުގެ ބަނދަރުތައް ބަންދުކުރުމުގެ ސަބަބުން އެ ގައުމުގެ 6 ބިލިއަން ޑޮލަރުގެ ތެލުގެ އެކްސްޕޯޓް ވަނީ ހުއްޓިފައެވެ. އަދި އީރާނުގެ އިންފްލޭޝަން ރޭޓް މިހާރު ވަނީ 50 އިންސައްތައަށް ވުރެ މައްޗަށް ގޮސްފައެވެ.
"ގިނަ ބަޔަކަށް ކުލި ދެއްކުމާއި ކާބޯތަކެތި ގަތުން ވެސް މިހާރު ވަނީ ދަތިވެފައި. ބައެއް މީހުންގެ އަތުގައި އެއްވެސް އެއްޗެއް ނެތް،" އީރާނުން ބޭރުގައި ހުރި އޭއެފްޕީގެ ރިޕޯޓަރަކަށް މައުލޫމާތު ދެމުން 28 އަހަރުގެ މަހްޔާރު ބުންޏެވެ.
އީރާނުގެ އެންމެ މަތީ ލީޑަރު މުޖްތަބާ ޚާމަނާއީ ހުކުރު ދުވަހު ވިދާޅުވީ، ގެއްލުން ލިބިފައިވާ ވިޔަފާރިތަކުގެ ވެރިން ވީހާވެސް ބޮޑަށް މުވައްޒަފުން ވަކިނުކޮށް ހިފެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އީރާނުގެ ދުޝްމަނުންނާ ދެކޮޅަށް "އިގްތިސާދީ އަދި ސަގާފީ ޖިހާދެއް" ކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.






