އީރާނުގެ ހަމަލާތަކުން ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ 16 މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެ
ހުޅަނގު އޭޝިއާގެ އަށް ގައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ 16 މަރުކަޒަކަށް އީރާނާއި އެގައުމުގެ ބައިވެރިން ދިން ހަމަލާތަކުގައި، ބައެއް ތަންތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަން ސީއެންއެންގެ ތަހުގީގަކުން ހާމަވެއްޖެ. މި ހަމަލާތަކުގައި ރާޑަރު ނިޒާމުތަކާއި އަގުބޮޑު އަސްކަރީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މި ހަނގުރާމައަށް އެމެރިކާއިން 50 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ޚަރަދުކޮށްފައިވާނެ ކަމަށް އަންދާޒާކުރެވޭ. މި ހާދިސާތަކާ ގުޅިގެން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަމާމެދު ސަރަހައްދީ ބައިވެރިންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައި.

އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4 ގެ 100 ވަނަ ބުރުގައި، އެމެރިކާ އާއި އިޒްރޭލުގެ މަގާމުތަކަށް އަމާޒުކޮށް މިސައިލް ފޮނުވާލި ވަގުތު، އީރާނުގެ ދިދައެއް ހިފައިގެން ހުރި މީހަކު އަސްކަރީ ސަލާމެއް ކުރާ މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައިވާ ފޮޓޯއެއް. މި ވީޑިއޯއަކީ 2026 އޭޕްރިލް 8 ވަނަ ދުވަހު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އާންމުކޮށްފައިވާ ވީޑިއޯއެއް. | އެކްސް
ސީއެންއެން އިން ކުރި އާ ތަހުގީގަކުން ހާމަވި ގޮތުގައި، ހުޅަނގު އޭޝިއާ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ބޮޑު ބަޔަކަށް އީރާނާއި އެގައުމުގެ ބައިވެރިން ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަމާ މެދު ވޮޝިންގޓަންގެ އިސްވެރިންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
ހުކުރު ދުވަހު އެ ނެޓްވޯކުން ރިޕޯޓްކޮށްފައިވާ މި ތަހުގީގުގެ ނަތީޖާތަކަށް ބަލާއިރު، އެ ސަރަހައްދުގެ އަށް ގައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ 16 މަރުކަޒަކަށް ވަނީ އަމާޒުކޮށް ހަމަލާދީފައެވެ.
ބޭނުންނުކުރެވޭ ވަރަށް ހަލާކުވުން
ބައެއް ހާލަތްތަކުގައި ލިބިފައިވާ ގެއްލުންތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، ހަމަލާ އަމާޒުވި ބައެއް މަރުކަޒުތަކަކީ "އަމަލީ ގޮތުން ބޭނުން ނުކުރެވޭނެ" ތަންތަނުގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެނގޭ ކޮންގްރެސްގެ އެހީތެރިއަކު ސީއެންއެން އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހަމަލާގެ އަސަރުކޮށްފައިވާ ތަންތަނަކީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ތެރެއިން ގިނަ ތަންތަން ކަމަށެވެ.
މި ތަހުގީގު ބިނާކޮށްފައިވަނީ ސެޓެލައިޓް މަންޒަރުތަކުގެ އިތުރުން، އެމެރިކާ އާއި ޕާޝިއަން ގަލްފުގެ އައްސޭރިފަށުގެ އަރަބި ގައުމުތަކުގެ މަސްދަރުތަކާ ހަވާލާދީއެވެ.
މީގެ ކުރިން ދުވަހަކުވެސް މިފަދަ ކަމެއް ފެނިފައެއް ނުވޭ
މި ރިޕޯޓުގައި ހަވާލާދީފައިވާ އޮފިޝަލުން، ލިބުނު ގެއްލުންތަކުގެ މިންވަރާ މެދު ތަފާތު ޚިޔާލުތައް ފާޅުކޮށްފައިވެއެވެ.
އެއް މަސްދަރަކުން ބުނި ގޮތުގައި، ލިބުނު ގެއްލުންތައް ވަޒަންކުރުމުގައި ތަފާތުތަކެއް އެބަހުއްޓެވެ. ބައެއް ފަރާތްތަކުން މުޅި މަރުކަޒު އެއްކޮށް ސުންނާފަތިވެ ބަންދުކުރަން ޖެހިފައިވާ ކަމަށް ބުނާއިރު، އަނެއްބައި ފަރާތްތަކުން ބުނަނީ އެ ތަންތަނުން އެމެރިކާއަށް ލިބޭ ސްޓްރެޓެޖިކް ފައިދާއަށް ބަލާއިރު، އެ ތަންތަން މަރާމާތުކުރުން މުހިންމު ކަމަށެވެ.
ނަމަވެސް، މަސްރަހު އެނގޭ އެމެރިކާގެ އެހެން މަސްދަރަކުން ބުނެފައިވަނީ، "މީގެ ކުރިން ދުވަހަކުވެސް މިފަދަ ކަމެއް ފެނިފައިނުވާ" ކަމަށެވެ.
ސީއެންއެން އިން ދިރާސާކުރި ސެޓެލައިޓް ފޮޓޯތަކުން އެނގޭ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އަސްކަރީ ގޮތުން އަގުބޮޑު ވަސީލަތްތަކަށެވެ. އޭގެ ތެރޭގައި ރާޑަރު ނިޒާމުތަކާއި، މުވާސަލާތީ އުމްރާނީ ވަސީލަތްތަކުގެ އިތުރުން އަސްކަރީ މަތިންދާބޯޓުތައް ހިމެނެއެވެ.
ކޮންގްރެސްގެ އޮފިޝަލު ފާހަގަކުރި ގޮތުގައި، ހަމަލާދިން ފަރާތްތަކުން އެންމެ ކުޑަ ޚަރަދަކުން އެންމެ ބޮޑު ގެއްލުމެއް ދެވޭނެ ތަންތަން ދެނެގަނެފައިވާކަން ފާހަގަކުރެވެއެވެ. އަދި އެ ސަރަހައްދުގައި ހުރި އެމެރިކާގެ ރާޑަރު ނިޒާމުތަކަކީ އެންމެ އަގުބޮޑު އަދި ބަދަލުކުރަން އެންމެ އުނދަގޫ ވަސީލަތްތައް ކަމަށްވެސް އޭނާ ބުންޏެވެ. މީގެ ތެރެއިން ގިނަ ނިޒާމުތަކަކީ އަގުބޮޑުވުމުގެ އިތުރުން، އަލުން ހޯދަން ދަތި ތަކެއްޗެވެ.
އިތުރުވަމުންދާ މާލީ ބުރަ
އީރާނުން ދިން ބަދަލުހިފުމުގެ ހަމަލާތަކުގެ ސަބަބުން ކުރި މާލީ އަސަރުތައް ވެސް މިހާރު ވަނީ ހާމަވާން ފަށާފައެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ވޯގެ ކޮމްޕްޓްރޯލާ ޖޫލްސް ހާރސްޓް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަނގުރާމައަށް މިހާތަނަށް 25 ބިލިއަން ޑޮލަރު އެމެރިކާއިން ޚަރަދުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، މިކަމުގެ މައުލޫމާތު އެނގޭ އެހެން މަސްދަރަކުން ބުނި ގޮތުގައި، އެތެރޭގެ އަންދާޒާތަކުން ދައްކަނީ މި ޚަރަދު މިއަށްވުރެ މާ ބޮޑު ކަމަށެވެ. އެގޮތުން މި އަދަދު އުޅެނީ 40 ބިލިއަން އާއި 50 ބިލިއަން ޑޮލަރާ ދެމެދުގައެވެ.
މި ކަންކަމާ ގުޅިގެން ވޮޝިންގޓަންގެ ސަރަހައްދީ ބައިވެރިންގެ މެދުގައި ވެސް ވަނީ ކަންބޮޑުވުން އުފެދިފައެވެ.
ސައުދީ އަރަބިއްޔާގެ މަސްދަރަކުން ސީއެންއެން އަށް ބުނި ގޮތުގައި، މި ހަނގުރާމައިން އެނގިގެންދިޔައީ އެމެރިކާއާއެކު އޮންނަ އިއްތިހާދަކީ ހަމައެކަނި އެގައުމަށް ބަރޯސާވެވޭނެ ކަމެއް ނޫން ކަމާއި، އެއީ ގުޑުވާނުލެވޭނެ ފަދަ ވަރުގަދަ ގުޅުމެއް ނޫން ކަމެވެ.
އީރާނުން ބަދަލުހިފުމުގެ ހަމަލާތައް ދޭން ފެށީ ފެބްރުއަރީ 28 ވަނަ ދުވަހުއެވެ. އެއީ އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.
އީރާނުގެ އަސްކަރިއްޔާއިން ދިން 100 އަށްވުރެ ގިނަ ހަމަލާތަކުގައި، ސައުދީ އަރަބިއްޔާ، ގަތަރު، ބަހްރައިން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ކުވެއިތު އަދި އުރުދުން ހިމެނޭ ގޮތަށް އެ ސަރަހައްދުގެ ބޮޑު ސަރަހައްދެއްގައި ހުރި އެމެރިކާގެ މުހިންމު އަދި ނާޒުކު ވަސީލަތްތަކަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ.
މީގެ އިތުރުން، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުރި އެގައުމުގެ އަސްކަރީ ވަސީލަތްތަކަށް ވެސް ވަނީ ހަމަލާދީފައެވެ.
މި ހަމަލާތައް ދިނުމުގައި ލުބުނާނާއި ޔަމަނުގެ މުޖާހިދުން ހިމެނޭ ގޮތަށް، ސަރަހައްދީ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އީރާނުގެ އަސްކަރިއްޔާއާ ގުޅިގެން މަސައްކަތްކޮށްފައެވެ.






