އީރާން ހަނގުރާމަ ނިމިއްޖެ ކަމަށް ބުނެ، ކޮންގްރެސްގެ ހުއްދަ ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން ދެކޮޅު ހަދަނީ
މި ތަރުޖަމާ އަށް ބަލާއިރު، 1973 ވަނަ އަހަރުގެ ޤާނޫނުގައި ބުނާ ގޮތުން 60 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސިފައިން ބޭނުން ކުރާ ނަމަ، ކޮންގްރެސްގެ ރަސްމީ ހުއްދަ ހޯދަން ޖެހޭ މުއްދަތު އަދި ނުފުރޭ ކަމަށް ޓްރަމްޕްގެ ސަރުކާރުން ދެކޭ.


އެމެރިކާގެ ރައީސް ޓްރަމްޕް އާއި އީރާންގެ ދިދަ ފެންނަ ގޮތަށް އެޑިޓު ކޮށްފައިވާ ފޮޓޯއެއް. | ރޮއިޓާސް
އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ ނިމިފައިވާ ކަމަށް ބުނެ، އެމެރިކާގެ ކޮންގްރެސްގެ ހުއްދަ ހޯދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދެކޮޅު ހަދަން ފަށައިފި އެވެ.
ޓްރަމްޕްގެ ސަރުކާރުން މިހެން ބުނަމުން ދަނީ އޭޕްރީލް މަހުގެ ކުރީ ކޮޅު އަމަލު ކުރަން ފެށުނު ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމަކީ، ހަނގުރާމަ ނިމުމުގެ ހެއްކެއް ކަމަށް ބުނެ އެވެ.
މި ވާހަކަ ތަކަކީ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ބުރާސްފަތި ދުވަހު ސެނެޓުގައި ދެއްކެވި ވާހަކަ ތަކުގެ ދަށުން ކުރިއަށް ގެންދާ ވާހަކަ ތަކެކެވެ. ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުން ހަނގުރާމަ މެދު ކަނޑާލެވިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މި ތަރުޖަމާ އަށް ބަލާއިރު، 1973 ވަނަ އަހަރުގެ ޤާނޫނުގައި ބުނާ ގޮތުން 60 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސިފައިން ބޭނުން ކުރާ ނަމަ، ކޮންގްރެސްގެ ރަސްމީ ހުއްދަ ހޯދަން ޖެހޭ މުއްދަތު އަދި ނުފުރޭ ކަމަށް ޓްރަމްޕްގެ ސަރުކާރުން ދެކެ އެވެ.
ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދިން އޮފިޝަލުން ބުނީ، އެ ޤާނޫނުގެ ގޮތުން ފެބްރުވަރީ 29 ވަނަ ދުވަހު ފެށި ހަނގުރާމަ ނިމިއްޖެ ކަމަށެވެ. އޭޕްރީލް ހަތް ވަނަ ދުވަހު ފެށި ހަފުތާގެ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަށް ފަހު، އެމެރިކާގެ ސިފައިންނާއި އީރާން ސިފައިން ހަނގުރާމައެއް ނުކުރާ ކަަމަށް އޭނާ ބުންޏެވެ.
ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން އިތުރަށް ދިގު ކޮށްފައި ވިޔަސް، އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފައި އޮތުމާ އެކު، އެމެރިކާގެ ނޭވީން ވަނީ އީރާންގެ ތެލުގެ ބޯޓުތައް ކަނޑަަށް ނުކުންނަ ގޮތަށް ހުރަސްއެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފާހަގަ ކުރެވެ އެވެ.
ވޯ ޕަވަރ ރެޒޮލިއުޝަން ޤާނޫނުގެ ދަށުން ރައީސް ޓްރަމްޕް، ހުކުރު ދުވަހުގެ ކުރިން ކޮންގްރެސްގެ ހުއްދަ ހޯދަން، ނުވަތަ ހަނގުރާމަ ހުއްޓާލަން ޖެހެ އެވެ. އެ ޤާނޫނުން އެ މުއްދަތު އިތުރު 30 ދުވަހަށް ދިގު ކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.
އިދިކޮޅު ޑިމޮކްރެޓުން ވަނީ އީރާން ހަނގުރާމަ އަށް ރަސްމީ ހުއްދަ ހޯދުމަށް ރައީސް ޓްރަމްޕްގެ ސަރުކާރަށް ގޮވާލައިފަ އެވެ. ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ގިނަ މެމްބަރުން ވަނީ، ވަގުތީ ގޮތުން އީރާންއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ތާއީދު ކޮށްފައި ވީ ނަމަވެސް، ދިގު މުއްދަތަކަށް ކަންތައް ކުރިއަށް ގެންދިޔުމަށް ކޮންގްރެސްގެ އިސް ނެގުން ބޭނުންވާ ކަމަށް އެ ބޭފުޅުން ބުނެފައިވެ އެވެ.
ޤާނޫނީ ވަކީލުން ބުނަނީ މި ތަރުޖަމާ އަކީ، ޤާނޫނީ އެއްވެސް ބިންގަލެއް ނެތް ވާހަކައެއް ކަމަށާއި، 60 ދުވަހުގެ މުއްދަތު މެދު ކަނޑުވާނެ ނުވަތަ ހުއްޓުވޭނެ ކަމަށް އެ ޤާނޫނުގައި ބުނެފައި ނެތް ކަމަށެވެ.
މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް







