މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު ވެމްކޯގެ ބައެއް މުވައްޒަފުންނަށް އޭޕްރީލް މަހުގެ މުސާރަ އަދިވެސް ނުލިބޭ
ވެމްކޯގެ މުވައްޒަފުންގެ މުސާރަ އާއި ޕެންޝަން ފައިސާ ޖަމާނުކުރާތާ ގިނަ މަސްތަކެއް ވެފައިވާއިރު، މިކަމުގެ ސަބަބުން މަސައްކަތްތެރިންގެ ހައްގުތަކަށް އިހުމާލުވަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ. ކުންފުނީގެ ހިންގުން ބަލިކަށިވެ، ސިޔާސީ މަގާމުތަކަށް ބޮޑު ހޭދައެއް ކުރަމުންދާތީ ކުންފުނި ބަގުރޫޓުވެދާނެ ކަމުގެ ބިރު އޮތްކަން މުވައްޒަފުން ފާހަގަކުރޭ. މީގެ އިތުރުން، މުސާރަ ލަސްވާ މައްސަލައިގައި ކުންފުނިން އެކަށީގެންވާ ޖަވާބެއް ނުދޭތީ މުވައްޒަފުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ.


ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ވެމްކޯ ގެ މެނޭޖިންގ ޑިރެކްޓަރު މުޖްތަބާ ޖަލީލް | ވެމްކޯ
ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް، މެއި މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާއިރު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ބައެއް މުވައްޒަފުންނަށް ނިމުނު އޭޕްރީލް މަހުގެ މުސާރަ އަދިވެސް ނުދޭކަން ހާމަ ވެއްޖެ އެވެ.
މިދިޔަ 4 މަސް ދުވަހު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ދިމާވިކަމަށް ރިޕޯޓް ކުރެވުނު އިރު، ޕެންޝަން ފަންޑަށް ފައިސާ ވެސް ޖަމާނުކުރާތާ އެތައް މަހެއް ވަނީ ވެފަ އެވެ.
ރާއްޖެޓީވީ އާ ވާހަކަދެއްކި ބައެއް މުވައްޒަފުން ބުނީ މިދިޔަ އޭޕްރީލް މަހުގެ މުސާރަ އަދިވެސް ނުދޭއިރު މަސައްކަތްތެރިންގެ ދުވަސް ފަދަ ދުވަހެއް ފާހަގަ ކުރާއިރު، މަސައްކަތްތެރިންގެ ހައްގުތަކަށް މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.
މިކަމާއި ގުޅޭ ގޮތުން ވެމްކޯގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. މިކަމާއި ގުޅިގެން ވެމްކޯ ގެ ކަމާއި ގުޅުން ހުރި ފަރާތަކުން ކޮމެންޓް ކޮށްފައި ނުވާތީ މުސާރަ ލަސްވާ ސަބަބާއި، މުސާރަ ނުލިބެނީ ކިހާ އަދަދެއްގެ ބަޔަކަށް ކަން ސާފެއް ނުވެ އެވެ. މީގެ ކުރިން ވެސް ދިމާވި މުސާރައިގެ މައްސަލައިގައި ވެމްކޯއިން ޖަވާބެއް ނުދެ އެވެ.
ޑިސެމްބަރު މަހުގެ މުސާރަ ދީފައިވަނީ ޖެނުއަރީ މަސް ފެށުނު ފަހުންނެވެ. ޖެނުއަރީ މަހުގެ މުސާރަ ދީފައިވަނީ ފެބްރުއަރީ މަސް ފެށުނު ފަހުންނެވެ. ފެބްރުއަރީ މަހުގެ މުސާރަ ވެސް މުވައްޒަފުންނަށް ޖަމާނުކޮށް ހުއްޓާ ހަބަރުތަކުގައި އެވާހަކަ ޖެހުމުން މުސާރަ ދީފައިވަނީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު ހިސާބު އެވެ. މާޗު މަހުގެ މުސާރަ ވެސް ދިނީ މުވައްޒަފުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ޚަބަރުތަކުގައި ވެސް އެ ވާހަކަ ޖެހި ފަހުންނެވެ.
މުސާރައިގެ އިތުރުން ރަމަޟާން މަހުގެ އިނާޔަތް ވެސް ވެމްކޯ މުވައްޒަފުންނަށް ދީފައިވަނީ ވެސް ޚަބަރުތަކުގައި ޖަހައި، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ.
އެގޮތުން ރޯދަ މަސް ފެށުނުއިރު ވެސް އިނާޔަތް ލިބޭނެ ސީދާ ތާރީޚެއް އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އަންގާފައި ނުވާތީ، މުވައްޒަފުން ދިޔައީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. މި މައްސަލަ ޚަބަރުތަކަށް އަރައި، ސޯޝަލް މީޑިއާ ގައި އާންމުންގެ ފާޑުކިޔުންތައް ކުންފުންޏަށް އަމާޒުވާން ފެށުމާއެކު، އެ ކުންފުނީގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ޖަމާކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގަ އެވެ.
ވެމްކޯގެ އިދާރީ ހިންގުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާއިރު، ނަން ނުޖެހުމަށް ޝަރުތުކޮށް ވެމްކޯގައި މަސައްކަތް ކުރާ ސީނިއަރ ބޭފުޅަކު ވިދާޅުވީ، ބިދޭސީ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ ކަމަށާއި، މިދިޔަ މަހު ވެސް އެމުވައްޒަފުންނަށް މުސާރަ ދީފައިވަނީ 20 ގެ ފަހުން ކަމަށެވެ. އަދި އެވާހަކަ ނުދެއްކުމަށް އަންގައި ބައެއް ބިދޭސީ މުވައްޒަފުންނަށް ބިރު ދައްކާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ކުންފުނިތަކުން ވެމްކޯއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަމަށް މެނޭޖްމަންޓުން ކުރާ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ނަގުދު ފައިސާ ވަރަށް ގިނައިން ވަންނަ ކަމަށާއި، ކުންފުނިތަކުން ވެސް ބިލްތަކަށް ފައިސާ ދައްކާ ކަަމަށެވެ. އަދި ބައެއް ކުންފުނިތަކުން ފައިސާ ދެއްކުމަށް ބައެއް ފަހަރު ލަސްތަކެއް ކުރިމަތިވި ނަމަވެސް ބިލަށް ފައިސާ ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ދައްކާ އުޒުރެއް ކަމަށާއި، އެއީ އަސްލު މައްސަލަ ނޫން ކަމަށެވެ. މިހާރު ވެސް ކުންފުންޏަށް ގެއްލުންވާ ގޮތަށް ސިޔާސީ ގޮތުން އެތައް ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށާއި، އެމީހުންނަކީ ފިންގަރ ޖެހުމަށްފަހު ގެއަށް ދާމީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައެއް މީހުން އޮފީސްތެރޭގައި ތާސް ކުޅުމާއި، އެކި ކަހަލަ ކުޅިވަރު ކުޅުމުގައި ވަގުތު ހޭދަ ކޮށްލާ ކަަމަށެވެ.
ނަމަވެސް އެމީހުންގެ މުސާރަ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވުރެ އެތައް ގުނައެއް ބޮޑު ކަމަށާއި، މުސަރާގެ މައްސަލައެއް ސިޔާސީ މުވައްޒަފުންނަށް ކުރިމަތިނުވާ ކަމަށެވެ. މަސް ފެށުމުގެ ކުރިން އެމީހުންނަށް މުސާރަ ވެސް ލިބޭ ކަމަށާއި، ރޯދަ އިނާއަތް ވެސް އަވަހަށް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ވެމްކޯގެ ހާލަތު ވަރަށް ގޯސްކަން ފާހަގަކުރައްވައި އެބޭފުޅާ ވިދާޅުވީ މިގޮތަށް މިކަން ހިނގާނަމަ މާގިނަ ދުވަހެއް ނުވެ، ޚިދުމަތްތަކަށް ބުރޫއަރައި، ކުންފުނި އެއްކޮށް ބަގުރޫޓުވާނެ ކަމަށެވެ. އަދިި މިހާރު ވެސް ހިންގަމުންދަނީ ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ވެމްކޯގެ ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު، މުވައްޒަފުންގެ މުސާރައިން ޕެންޝަން ފަންޑަށް ފައިސާ ކެނޑުމަށްފަހު އެފައިސާ ޖަމާނުކުރާތާ އަހަރަކަށް ވުރެ ވަނީ ގިނަ ދުވަސްވެފަ އެވެ.








