އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒް
"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ކުރާ ތަހުގީގަށް ހާޒިރުކުރުމުން، މަސްދަރު ހާމަނުކުރުމަށް "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ހަނުހުރުމުގެ ހައްގު ބޭނުންކޮށްފި. ފިޔާޒު ވިދާޅުވީ މިއީ ނޫސްވެރިންނާއި ވިސިލްބްލޯ ކުރާ ފަރާތްތަކަށް ބިރުދެއްކުމަށް ކުރާ ކަމެއް ކަމަށާއި، ކޮންމެ ފަދަ ހާލަތެއްގައި ވެސް މަސްދަރުތައް ހިމާޔަތްކުރާނެ ކަމަށް.


"އައިޝާ" ޑޮކިއުމެންޓްރީ އާ ގުޅިގެން ބުދަ ދުވަބު ފުލުހަށް ހާޒިރު ކުރި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު. | ރާއްޖެ އެމްވީ
"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ހާޒިރުކުރުމުން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ، އުމުރު ދުވަހު ޖަލުގައި އޮންނަން ޖެހުނަސް މައުލޫމާތު ދޭ މަސްދަރުތައް ހާމަނުކުރާނެ ކަމަށެވެ.
ބުދަ ދުވަހުގެ ހަވީރު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފަހު، ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ފިޔާޒު ވިދާޅުވީ މިއީ ހަމައެކަނި އަދަދު ނޫހަށް ބިރުދެއްކުމުގެ ކަމެއް ނޫން ކަމަށާއި، ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށާއި ވިސިލްބްލޯ ކުރާ ފަރާތްތަކަށް ބިރުދެއްކުމުގެ ކަމެއް ކަމަށެވެ.
ފިޔާޒު ވިދާޅުވީ އަދަދު ނޫހުގެ ޓީމަށް ރައްޔިތުންގެ ފަރާތުން އެކި ފަރާތްތަކުން މައުލޫމާތު ދެނީ ވަރަށް ބޮޑަށް އިތުބާރުކޮށްގެން ކަމަށާއި، އެހެންވެ ހަނުހުރުމުގެ ހައްގު ބޭނުންކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
އަދަދު ނޫހަށް ދޭ މައުލޫމާތަކީ ރައްކާތެރިކަމާއެކު ބަލަހައްޓާނެ މައުލޫމާތުތަކެއް ކަމަށާއި، އުމުރު ދުވަހު ޖަލުގައި އޮންނަން ޖެހުނަސް މައުލޫމާތު ދޭ މަސްދަރުތައް ހިމާޔަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް އަދި ނޫސްވެރިކަމުގެ މަސައްކަތުގަ އުޅޭ ފަރާތްތަކުގެ ބޭރުން މި ސަރުކާރުގެ އަދި ދައުލަތުގެ އިދާރާތަކުގައި ކުރަމުންދާ ގޯސް ކަންކަމާއި، ހިޔާނާތާއި ވައްކަން ފަދަ ކަންކަން ރިޕޯޓް ކުރަން ތިބި ފަރާތްތަކަށް، ވިސިލްބްލޯ ކުރާ ފަރާތްތަކަށް ބިރުދެއްކުން. އެހެންވީމަ އަދަދު ނޫހުގެ ޓީމަށް ރައްޔިތުންގެ ފަރާތުން، އެކި ފަރާތްތަކުން މައުލޫމާތު މި ދެނީ ވަރަށް ބޮޑަށް އިތުބާރު ކޮށްފަ. އެހެންވީމަ އަޅުގަނޑު ހަނު ހުރުމުގެ ހައްގު މި ބޭނުން ކުރީ ދިވެހިރައްޔިތުންގެ ހައްގުގަ. އަޅުގަނޑުމެންނަށް ދޭ މައުލޫމާތަކީ ރައްކާތެރިކަމާ އެކު ބަލަހައްޓާނެ މައުލޫމާތު ތަކެއްކަން. އަދި އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް އަޅުގަނޑުމެނަށް މައުލޫމާތު ދޭ މަސްދަރުތައް ހިމާޔަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެން. އެހެންވީމަ އަޅުގަނޑުމެން އެކަން ކުރާނަން. އަޅުގަނޑުމެންނަށް މައުލޫމާތު ދޭ ފާރާތްތަކުން އަދިވެސް މައުލޫމާތު ދެމުންދާންވީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރިޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާނަން. މަސްދަރުތައް ހާމަނުކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން މިއަދު ވެސް މި ދިނީ. ކުރިޔަށް އޮތްތަނުގަ ވެސް އަޅުގަނޑު ޖަލަށް ލިޔަސް އަޅުގަންޑުމެންގެ ޓީމު ޖަލަށް ލިޔަސް އަޅުގަނޑުމެން މަސްދަރެއް ހާމަ އެއް ނުކުރާނަން.އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ
ފިޔާޒު ވިދާޅުވީ މައުލޫމާތު ދޭ ފަރާތްތަކުން އަދިވެސް މައުލޫމާތު ދެމުންގެންދަންވީ ކަމަށާއި، އަދަދު ނޫހުން ރިޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ފިޔާޒުގެ އިތުރުން އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ވެސް ބުދަ ދުވަހުގެ ހެނދުނު ފުލުހަށް ހާޒިރުކޮށްފައިވެއެވެ. ފުލުހަށް ހާޒިރުކުރުމުން ހަސަން ވެސް ވަނީ ހަނުހުރުމުގެ ހައްގު ބޭނުންކޮށްފަ އެވެ.
ހަސަން އަދި ފިޔާޒުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ގާނޫނުލްއުގޫބާތުގެ ދަށުން މީހަކު ކުރާ އަމަލަކަށް އެހެން މީހަކު ޒިންމާދާރުކުރުވުމާއި ބައިވެރިވުމުގެ ޒިންމާގެ ކުށާއި، ގަޛުފުގެ ކުށާއި، ކުށެއް ކުރުމަށް އެދުމުގެ ކުށާއި، ކުށެއް ކުރުމަށް ރޭވުމުގެ ކުށް ހިމެނެ އެވެ.
މި މައްސަލައިގައި ފިޔާޒް އަދި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ. މީގެ އިތުރުން ފުލުހުން ވަނީ ހޯމަ ދުވަހުގެ ރޭ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެތަން ބާލާފާސްކޮށް، މަސައްކަތްކުރަން ގެންގުޅޭ ގިނަ އަދަދެއްގެ ސާމާނު ގެންގޮސްފަ އެވެ.
"އައިޝާ" ޑޮކިއުމެންޓްރީ އާ ގުޅިގެން އަދަދު ނޫހަަށް އަޅަމުންދާ ފިޔަވަޅުތަކަކީ ރާއްޖޭގެ މީޑިއާގެ މިނިވަންކަމާއި އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ ފާހަގަކުރަމުންނެވެ. ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރުމަކީ ޑިމޮކްރަސީގެ މުހިންމު އަސާސެއް ކަމަށާއި، މި ހައްގުތަކަށް އުނިކަމެއް ގެނުވުމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ފާހަގަކުރެ އެވެ.







